ޚަބަރު

އިންޑިޔާ ހިމެނޭގޮތަށް ތިން ޤައުމަކަށް ކުރާ ވައިގެ ދަތުރުތައް ސަޢުދީ ޢަރަބިއްޔާއިން މެދުކަނޑާލައިފި


އިންޑިޔާއިން ސަޢުދީ ޢަރަބިއްޔާއަށް ވައިގެ ދަތުރުތައް ނުކުރެވޭނެކަމަށް އެ ޤައުމުން ބުނެފިއެވެ.

ސަޢުދީ ޢަރަބިއްޔާގެ ވައިގެ ދަތުރުފަތުރާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދާ އިންޑިޔާއާއި ބުރެޒިލާއި އާޖެންޓީނާއަށް ސަޢުދީ ޢަރަބިއްޔާއިން ދަތުރުނުކުރެވޭނެކަމަށާއި އެ ތިން ޤައުމަށް ސަޢުދީ ޢަރަބިއްޔާއިން ކުރާ ދަތުރުތައް މެދުކަނޑާލައިފައިވާކަމަށެވެ. އޭގެ އިތުރުން ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރުމުގެ 14 ދުވަހުގެ ކުރިން އެ ތިން ޤައުމަށް ދަތުރުކޮށްފައިވާ މީހުންނަށް ސަޢުދީ ޢަރަބިއްޔާއަށް އެތެރެނުވެވޭނެކަމަށްވެސް އެ ބަޔާނުގައިވަނީ ބުނެފައެވެ. ނަމަވެސް ރަސްމީ ދަޢުވަތަކަށް ދަތުރުކުރާ ފަރާތްތައް އިސްތިސްނާވާކަމަށް ބަޔާނުގައި ބުންޏެވެ.

ސަޢުދީ ޢަރަބިއްޔާގައި މިހާތަނަށް 330.798 މީހުންނަށް ކޯވިޑް-19ޖެހި 4،542 މީހުންވަނީ މަރުވެފައެވެ. ގިނަ ޢަދަދެއްގެ އިންޑިޔާ ރައްޔިތުން ދިރިއުޅޭ ސަޢުދީ ޢަރަބިއްޔާއިންވަނީ މިދިޔަ މާރިޗު މަހުގެ 23ވަނަ ދުވަހު ތާވަލު ދަތުރުރައް ހުއްޓާލައިފައެވެ. ނަމަވެސް މެއި މަހުގެ 6ވަނަ ދުވަހުން ފެށިގެން އިންޑިޔާއާއި ސަޢުދީ ޢަރަބިއްޔާއާދެމެދު ބައިނަލްއަޤްވާމީ ޚާއްޞަ ދަތުރުތަކެއްވަނީ ފަށައިފައެވެ.