ޚަބަރު

އދ.ގެ އާންމު ބައްދަލުވުމުގައި އެމެރިކާއިން ޗައިނާއަށް ބޮޑެތި ތުހުމަތުތަކެއް


ދުނިޔެއަށް ކޯވިޑް-19 'ދޫކޮށްލީ' ޗައިނާއިންކަމަށާއި އެކަމުގެ ޒިންމާ އެ ޤައުމުން ނަގަންޖެހޭނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަންޕު ވިދާޅުވެއްޖެއެވެ. ޓްރަންޕް އެހެން ވިދާޅުވީ ސެޕްޓެމްބަރު މަހުގެ 23ވަނަ ދުވަހު ބޭއްވި އދ.ގެ ޢާންމު ޖަލްސާގައި އިންޓަނެޓު މެދުވެރިކޮށް ދެއްވި ތަޤުރީރުގައެވެ.

ޓްރަންޕުގެ ވާހަކަފުޅުގައި ވިދާޅުވީ ދުނިޔެއަށް ބަލިމަޑުކަން ފެތުރުނީ ޗައިނާގެ ސަބަބުންކަމަށާއި ޗައިނާގައި އެންމެ ފުރަތަމަ ބަލިފެތުރެން ފެށުމުން އެ ޤައުމުގެ އެތެރޭގެ ވައިގެ ދަތުރުތައް ހުއްޓާލައިފައިވާނަމަވެސް ބައިނަލްއަޤްވާމީ ދަތުރުތައް ހުއްޓާލާފައިނުވާކަމަށެވެ. އޭގެ ސަބަބުން މުޅި ދުނިޔެއަށް ބަލިފެތުރުމަށް މަގުފަހިވިކަމަށް އޭނާ ވިދާޅުވިއެވެ.
ޓްރަންޕު އިތުރަށް ވިދާޅުވދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯވަނީ ޗައިނާގެ ބާރުގެ ދަށުގައިވކަމަށާއި އެ ޖަމުޢިއްޔާ އާއި ޗައިނާއިން ކޯވިޑް-19އަކީ ގައިން ގަޔަށް އަރާ ބައްޔެއް ނޫންކަމަށް ކުރިން ބުނެފައިވާކަމަށެވެ. އޭގެ ފަހުންވެސް ބަލީގެ ޢަލާމާތްތައް ނުފެންނަ މީހުންގެ ޒަރިއްޔާއިން އެހެން މީހުންނަށް ބަލި ނުޖެހޭނެކަމަށް ޑަބްލިއުއެޗުއޯއާއި ޗައިނާއިން ބުނެފައިވާކަމަށް ޓްރަންޕު ވިދާޅުވިއެވެ. އެހެންކަމުން އދ.ން ޗައިނާއާ ދެކޮޅަށް ފިޔަވަޅު އަޅަންޖެހޭނެކަމަށް ޓްރަންޕު ވިދާޅުވިއެވެ.

ނަމަވެސް އެ ބައްދަލުވުމުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން ދެއްވި ތަޤުރީރުގައި ވިދާޅުވީ ކޯވިޑް-19އާ ދެކޮޅަށް ޤައުމުންތަކުން ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށާއި އެ މަސައްކަތުގެ އެންމެ އިސް ދައުރު ޑަބްލިއުއެޗުއޯއަށް ދޭންޖެހޭކަމަށް ވިދާޅުވެފައެވެ. ސައިންސުގެ އަލީގައި މަސައްކަތްކުރުމާއި ބައިނަލްއަޤްވާމީ އިޖާބައެއްގެ މުހިންމުކަން އޭނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މައްސަލަ ސިޔާސީކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިޖާބަދީގެން ނުވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައީސް ޝީ ޖިންޕިންވަނީ ނުސީދާކޮށް 'އެމެރިކާ ފަސްޓު' ސިޔާސަތަށްވެސް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ދުނިޔޭގެ މައްސަލަތަކުގެ މައްޗަށް އިސްވުމުގެ ހައްޤު އެއްވެސް ޤައުމަކަށް ލިބިގެން ނުވާކަމަށާއި ލިބޭ ކުރިއެރުންތަކުގެ ފައިދާ ވަކި ފަރާތަކަށް ލިބޭނޭ ގޮތަށް ތަރުތީބުކުރުމުގެ ހައްޤާއި މުޅި ދުނިޔޭގެ މައްޗަށް ބާރުފޯރުވުމުގެ ފުރުޞަތު އެއްވެސް ޤައުމަކަށް ދީގެން ނުވާނެކަމަށެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިންވެސްވަނީ އެމެރިކާގެ ތުހުމަތުތައް ދޮގުކޮށްފައެވެ. އެ ޖަމުޢިއްޔާގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ގެބީ ސްޓާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްވެސް ސަރުކާރެއްގެ ބާރު އެ ޖަމުޢިއްޔާއގެ މައްޗަށް ނުފޯރާކަމަށެވެ. އަދި މި އަހަރުގެ ޖަނަވަރީ މަހުގެ 14ވަނަ ދުވަހު ކޯވިޑް-19އަކީ ގައިންގަޔަށް އަރާ ބައްޔަކަށްވުން އެކަށީގެންވާކަމަށް ޑަބްލިއުއެޗުއޯގެ ފަރާތުން ބުނެފައިވާނެކަމަށާއި ފެބްރުއަރީ މަހުން ފެށިގެން ޢަލާމާތް ނެތް މީހުންގެ ފަރާތުންވެސް ބަލިޖެހުމާގުޅޭގޮތުން ވާހަކަ ދައްކާފައިވާނެކަމަށް އޭނާގެ ޓްވީޓުގައި ވިދާޅުވިއެވެ.

އެމެރިކާއާއި ޗައިނާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާގުޅޭ ގޮތުން އދ.ގެ ސެކެޓްރީ ޖެނެރަލް، އެންޓޯނިއޯ ގުރޭޚެޝް ވިދާޅުވީ އެ މައްސަލަތަކުގެ ސަބަބުން ދުނިޔެ ދަތުރުކުރަމުންދަނީ ނުރައްކާތެރި މިސްރާބަކަށްކަމަށެވެ. އިތުރު ފިނި ހަނގުރާމައެއް ހިންގިޔަ ނުދިނުމަށް ކުރެވެންހުރި މަސައްކަތެއް ކުރަންޖެހޭނެކަމަށާއި ދުނިޔޭގެ އެންމެ ބޮޑު ދެ އިޤްތިޞާދު އެއްގަލަކަށް ނާރާނަމަ ދުނިޔެ ބައިބައިވާނެކަމަށް އޭނާ އިންޒާރުދެއްވިއެވެ.