ދުނިޔެ

އީރާނާމެދު ސަޢުދީ ޢަރަބިއްޔާއިން ކަންބޮޑުވުން ފައުޅުކޮށްފި


އީރާނުން މުޅި ދުނިޔެއަށް ނުރައްކާވާފަދަ ހަތިޔާރެއް ތައްޔާރުކުރުމަށް ހުރަސްއަޅަންޖެހޭކަމަށް ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު، ސަލްމާން އަބްދުލް ޢަޒީޒު ވިދާޅުވެއްޖެއެވެ. އޭނާ އެހެން ވިދާޅުވީ އދ.ގެ އަހަރީ ޢާންމު ޖަލްސާގައި ތަޤުރީރުކުރައްވަމުންނެވެ.

ސަލްމާން ރަސްގެފާނު ވިދާޅުވީ 2015ވަނަ އަހަރު ދުނިޔޭގެ ބާރުތަކާއެކު އީރާނުން ވީ ނިއުކުލިއާ އެއްބަސްވުމުގެ ނާޖާއިޒު ފައިދާ ނަގާ އެ ޤައުމުން ސަރަޙައްދީ ބާރުގަދަކުރާކަމަށާއި ނިރުބަވެރި ވިއުގަތައް އުފެއްދުމަށާއި ނިރުބަވެރިކަމަށް މަގުފަހިކުރުމަށް އަންނަކަމަށެވެ. އޭގެ ސަބަބުން ހައްދުފަހަނައެޅުމާއި ހަމަނުޖެހުމާއި ދީނީ ބައިބައިވުން އުފެދެމުންދާކަމަށް ސަލްމާން ރަސްގެފާނު ވިދާޅުވިއެވެ.

ސަލްމާން ރަސްގެފާނު ވިދާޅުވީ އީރާނުގެ މައްސަލައަށް ވަށައިޖެހޭ ޙައްލެއް ބޭނުންވާކަމަށާއި ބައިނަލްއަޤްވާމީ ދުނިޔެއިން އެއްބަސްކިޔާ ވަކިގޮތަކަށް ޢަމަލުކުރަންޖެހޭކަމަށެވެ. މީގެ ކުރިން އީރާނާއެކު ކުރެވިފައިވާ ތަޖުރިބާއިން ދޭހަކޮށްދެނީ ފުރިހަމަ ފިޔަވަޅެއް ނާޅައިފިނަމަ ބައިނަލްއަޤްވާމީ އަމާންކަމަށާއި ސަލާމަތަށް އޮތް ނުރައްކާ ނުހުއްޓޭނެކަމަށެވެ.

އީރާނުގެ އދ.ގެ ވަފުދުގެ ތަރުޖަމާނު ޢަލީ ރިޒާ މިރުޔޫސުފީ ވަނީ ސަޢުދީ ޢަރަބިއްޔާއިން ކޮށްފައިވާ ތުހުމަތުތަކަކީ ހަޤީޤަތެއް ނެތް ވާހަކަތަކެއްކަމަށް ވިދާޅުވެފައެވެ. ސަޢުދީ ޢަރަބިއްޔާއިން އދ.ގައި ދިން ބަޔާނުގެ ސަބަބުން ސަރަޙައްދީ ޤައުމުތަކުގެ މެދުގައި ބައިބައިވުން އުފައްދަން މަސައްކަތްކުރާ އަދި މެދު އިރުމަތީ ސަރަޙައްދަށް ގިނަ ހަތިޔާރު ވިއްކުމަށް މަސައްކަތްކުރަމުންދާ ދުނިޔޭގެ ބާރުގަދަ ބައެއް ޤައުމުތަކަށް ހިތްވަރު ލިބޭކަމަށް އޭނާ ވިދާޅުވިއެވެ. ބެލެވޭ ގޮތުގައި އޭނާ އިޝާރާތްކުރައްވާފައިވަނީ އެމެރިކާއަށެވެ.

2018ވަނަ އަހަރު ދުނިޔޭގެ ގަދަ ހަ ބާރާއެކު އީރާނުންވީ ނިއުކުލިއާ އެއްބަސްވުމުން ސަޢުދީ ޢަރަބިއްޔާގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި އޮތް އެމެރިކާއިންވަނީ ވަކިވެފައެވެ. އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ދަޢުރުގައި ވެފައިވާ އެއްބަސްވުމުން މިހާރުގެ ރައީސް ޑޮނަލްޑް ޓްރަންޕު ވަކިވެވަޑައިގެންފައިވަނީ އެއީ އެމެރިކާއިން މިހާތަނަށް ކުރި އެންމެ ގޯސް މުޢާމަލާތްކަމަށް ވިދާޅުވެއެވެ.

އެއަށްފަހު އެމެރިކާއިންވަނީ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެމެރިކާއިން ޤަބޫލުކުރާ ގޮތުގައި ނިއުކުލިއާ އެއްބަސްވުމުގެ ދަށުން އދ. އިން ލުއިދީފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތައް އަލުން ރުޖޫޢަކޮށް އެއާ އެއްގޮތަށް ހުރިހާ ޤައުމަކުން ޢަމަލުކުރަންޖެހެއެވެ. ނަމަވެސް އދ.ގެ ސަލާމަތީ މަޖިލީހަށް ނިސްބަތްވާ 15 ޤައުމުގެ ތެރެއިން 13 ޤައުމުންވަނީ އެ ހުށަހެޅުމާއި ދެކޮޅުހަދައިފައެވެ. ޚާރިޖީ ފަރާތްތަކުން ބުނަނީ އެމެރިކާގެ ހުށަހެޅުމާ އެއްގޮތަށް ޢަމަލުކުރާނީ މަދު ޤައުމުންކަމަށެވެ.