ކުޅިވަރު

ނެދަލޭންޑްސްގެ ކޯޗަކަށް ފްރޭންކް ޑި ބޮއާ


ނެދަލެންޑްސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް އަޔެކްސްގެ ކުރީގެ ކޯޗު ފްރޭކްން ޑި ބޮއާ ހަމަޖައްސައިފިއެވެ.

އުމުރުން 50 އަހަރުގެ ދި ބޮއާ މި މަގާމާ ހަވާލުވީ ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންކަމުން 2022 އަހަރުގެ ވަރލްޑް ކަޕުގެ ނިޔަލަށް އޭނާ ނެދަލެންޑްސްގެ ގައުމީ ޓީމުގައި ހުންނާނެއެވެ. ނެދަލެންޑްސް ގައުމީ ޓީމަށް 112 މެޗު ކުޅެފައިވާ ދި ބޮއާ މަގާމާ ހަވާލުވީ މިދިޔަ މަހު ރޮނާލްޑް ކޫމަން ބާސެލޯނާގެ ކޯޗުކަމާއި ހާވަލުވުމަށް ނެދަލޭންޑްސްގެ ކޯޗުކަމުން އިސްތިއުފާ ދިނުމުންނެވެ. އޭނާ ވަނީ މީގެ ކުރިން ނެދަލެންޑްސްގެ ގައުމީ ޓީމުގެ ވަރލްޑް ކަޕްގެ ފައިނަލުގައި 2010 ވަނަ އަހަރު ވާދަކުރި އިރު އޭރުގެ ކޯޗު ބާޓް ވެން މާވިކްގެ އެހީތެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ.

އަޔެކްސްގެ ކޯޗުކަމުގައި ދި ބޮއާ ވަނީ ހަތަރު ފަހަރު އެކުލަބާއެކު ލީގު ކާމިޔާބުކޮށްފައެވެ. ދި ބޮއާ ވަނީ އަޔެކްސްގެ އިތުރުން އިޓަލީގެ އިންޓަމިލާން އާއި އިނގިރޭސިވިލާތުގެ ކްރިސްޓަލް ޕެލޭސްއާއި އެމެރިކާގެ އެޓްލާންޓާ ޔުނައިޓެޑުގައި ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. ގައުމީ ޓީމުގައި އޭނާގެ ކޯޗުކަމުގައި ފުރަތަމަ މެޗަކަށް ވާނީ އަންނަ މަހު 7 ވަނަ ދުވަހު އެމްސްޓެޑަމްގައި މެކްސިކޯއާ ދެކޮޅަށް ކުޅޭ މެޗެއެވެ.