ވިޔަފާރި

އެއްލައްކަ ރުފިޔާއިން މަތީގެ މުއާމަލާތްތަކަށް ފައިސާދެއްކޭނީ ހަމައެކަނި އޮންލައިންކޮށް- މީރާ

އަންނަމަހުގެ އެއްވަނަ ދުވަހުން ފެށިގެން މީރާއަށް ދައްކާ ފައިސާގެ ތެރެއިން އެއް ލައްކަރުފިޔާ އާއި ފަސް ހާސް ޔޫ.އެސް. ޑޮލަރުން މަތީގެ ހުރިހާ މުޢާމަލާތްތައް ބަލައިގަންނާނީ އޮންލައިންކޮށްކަމަށް މީރާއިން ހާމަކޮށްފިއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ބުނީ އަންނަމަހުގެ އެއްވަނަ ދުވަހުން ފެށިގެން މީރާއަށް ޓެކުހާއި އެހެނިހެން ފީގެ ގޮތުގައި ދައްކާ ފައިސާގެ ތެރެއިން އެއް ލައްކަ ދިވެހި ރުފިޔާ އަދި ފަސް ހާސް ޔޫ.އެސް. ޑޮލަރުން މަތީގެ ހުރިހާ މުޢާމަލާތްތައް ބަލައިގަންނަމުން ގެންދާނީ މީރާގެ އޮންލައިން ޕޯޓަލް މީރާކަނެކްޓް އަދި ވާރުޕޭ ޚިދުމަތް މެދުވެރިކޮށާއި ކާޑު ނުވަތަ އެމް.އާރު.ޓީ.ޖީ.އެސް މެދުވެރިކޮށް ކަމަށެވެ.

ރާއްޖޭގެ އިޤްތިސާދުގައި ޗެކާއި ނަގުދު ފައިސާއަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ ގޮތުން، ޗެކާއި ނަގުދު ފައިސާ ބަލައިގަންނަ މިންވަރު މަދުކުރުމަށް ދައުލަތުގެ އޮފީސްތަކުން ފައިސާ ބަލައިގަތުމުގައި އެއް ލައްކަ ދިވެހި ރުފިޔާ ފަސް ހާސް ޔޫ.އެސް. ޑޮލަރުން މަތީގެ ހުރިހާ މުޢާމަލާތްތަކެއް އަންނަމަހުގެ އެއްވަނަ ދުވަހުން ފެށިގެން ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ބަލައިގަތުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ވަނީ އަންގަވާފައެވެ.

މީރާއިން ބުނީ މިބަދަލު ގެނެވުނު ކަމުގައި ވިޔަސް އެ އޮތޯރިޓީއަށް އޮންލައިންކޮށް ދެއްކުން ލާޒިމްކޮށްފައިވާ ފައިސާވެސް 1 އޮކްޓޫބަރުން ފެށިގެން ބަލައިގަންނަނީ އޮންލައިންކޮށްކަމަށެވެ. އަދި މީރާއަށް ބަލައިގަންނަ ހުރިހާ ފައިސާ މީރާކަނެކްޓް ނުވަތަ ވާރުޕޭ މެދުވެރިކޮށް އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ހަމަޖެހިފައިވާއިރު، ފައިސާ ދައްކަން ބޭނުންވާ ހުރިހާ ފަރާތްތަކުން އޮންލައިން ޚިދުމަތް ބޭނުންކުރެއްވުމަށް މީރާއިން އިލްތިމާސްކުރެއެވެ.