ޚަބަރު

ކޯޓުތަކަށް އިސް ފަނޑިޔާރުން ޢައްޔަނު ކުރާނެ ގޮތުގެ ޤަވާއިދެއް ޖޭއެސްސީން ފާސްކޮށް ޢަމަލުކުރަން ފަށައިފި


ދިވެހިރާއްޖޭގެ ހައި ކޯޓާއި، ސުޕީރިއަރ ކޯޓުތަކާއި، ޖުޑީޝަލް ދާއިރާތަކުގެ އިސް ފަނޑިޔާރުން ޢައްޔަނު ކުރުމުގައި ޖުޑީޝަލް ސަރވިސްކޮމިޝަނުން ޢަމަލުކުރާނެ ގޮތުގެ އައު ޤަވާޢިދެއް އެކުލަވާލައި ޢަމަލުކުރަން ފަށައިފިއެވެ.

"ކޯޓުތަކަށް އިސް ފަނޑިޔާރުން ޢައްޔަނު ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދު" މިނަމުގައި ޖޭއެސްސީން ފާސްކުރި މި ޤަވާޢިދަކީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ އިތުރުން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ ހައި ކޯޓަށް ޢައްޔަނުކުރާ އެ ކޯޓުގެ އިސް ފަނޑިޔާރާއި، ސުޕީރިއާ ކޯޓުތަކަށް ޢައްޔަނުކުރާ އެ ކޯޓުތަކުގެ އިސް ޤާޟީން އަދި ޖުޑީޝަލް ދާއިރާތަކަށް ޢައްޔަނުކުރާ އެ ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުން އައްޔަންކުރާނެ އުސޫލު ކަނޑައަޅާފައިވާ ޤަވާއިދެކެވެ.

މި ޤާވާއިދުގައިވާ ގޮތުން އިސް ފަނޑިޔާރުކަމަށް ފަނޑިޔާރަކު ޢައްޔަނު ކުރަންވާނީ، އެ ފަރާތެއްގެ ތަޢުލީމާއި، ތަޖުރިބާއާއި، އަޚްލާޤާއި، ޤާބިލުކަމަށާއި، އެ މަސްއޫލިއްޔަތު އަދާކުރަން އެންމެ އެކަށޭނަ ފަރާތެއްތޯ ބެލުމަށްފަހު، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

މި ޤަވާޢިދުބުނާގޮތުން އިސް ފަނޑިޔާރުކަމުގެ މަޤާމު އަދާކުރުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް އެ ފުރުޞަތު ޖޭއެސްސީން ހުޅުވާލުމުން އިސް ފަނޑިޔާރުކަމަށް ކުރިމަތިލާ ހުރިހާ ފަނޑިޔާރުންނާ ކޮމިޝަނުގެ ފަރާތުން "ފަނޑިޔާރުން ޢައްޔަނު ކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ" އިންޓަވިއުކުރުމަށްފަހު އިންޓަވިއު ޕެނަލުން އިންޓަވިއު ކުރުމަށްފަހު، "ހައިލީ ރެކޮމެންޑަޑް" ނުވަތަ "ރިކޮމެންޑަޑް" ނުވަތަ "ނޮޓް ރެކޮމެންޑަޑް"، މި ތިން ކެޓަގަރީގެ ތެރެއިން ކެޓަގަރީއަކަށް ކޮންމެ ކެންޑިޑޭޓަކުވެސް ގްރޭޑް ކުރަންވާނެއެވެ.

މީގެ އިތުރުން އިސްފަނޑިޔާރުން އައްޔަންކުރުމުގައި އެފަނޑިޔާރަކު ޤާނޫނުތަކަށް އަހުލުވެރިވެފައިވާ މިންވަރާއި، މުޖުތަމަޢުގައި ދިމާވާ ކަންތައްތަކާމެދު ގެންގުޅޭ ނަޒަރިއްޔާތާއި، މުޢާމަލާތު ކުރުމުގެ ހުނަރާއި، އަމިއްލަ ނަފްސަށް އިތުބާރުކުރާ މިންވަރުގެ އިތުރުން މަސަތްކަތުގެ އަޚްލާޤާއި، ހިންގުމުގެ ހުނަރު؛ އަދި ކުރިމަތިލާފައިވާ ދާއިރާއަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމުގެ ވިސްނުން ހުރި މިންވަރަށްބަލާނެއެވެ.

މިއާއެކު ކޯޓެއްގެ އިސް ފަނޑިޔާރުކަމަށް ޢައްޔަނުކުރާނީ އިންޓަވިއު ޕެނަލުގެ ގްރޭޑިންގ ލިސްޓަށް ބަލައި ޖުޑީޝަލް ސަރވިސްކޮމިޝަނުގެ މެންބަރުންގެ މެދުގައި ނަގާވޯޓުގައި ކޮމިޝަނުގެ އަޣުލަބިއްޔަތު ފުރަތަމަ ލިބޭ ފަނޑިޔާރެކެވެ.

ކޯޓުތަކަށް އިސް ފަނޑިޔާރުން ޢައްޔަނު ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އައު ގަވާއިދެއް އެކުލަވާލާފައިވާއިރު ހައިކޯޓާއި ސުޕީރިއާ ކޯޓުތަކުގެ ތެރެއިން ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓުގެ އިސް ފަނޑިޔާރުންގެ މަޤާމު މިހާރުއޮތީ ހުސްކޮށެވެ.