ދީން

ޙައްޖުވެރިންގެ ދަތުރުފަތުރާއި ކަންކުރަންވީ ގޮތުގެ އިރުޝާދު ދީފި


މިއަހަރުގެ ޙައްޖު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 13 ވަނަ ދުވަހާއި ހަމައަށް ޙައްޖުވެރިންގެ ދަތުރުފަތުރާއި ކަންކުރަންވީ ގޮތުގެ އިރުޝާދު ދީފިއެވެ.މި ކަމަށްޓަކައި ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ޙައްޖު މިޝަންގެ ރައީސާއި، ނައިބުރައީސާއި، މިޝަންގެ ދީނީ މުރުޝިދު ބައިވެރިވެވަޑައިގެންނެވިއެވެ.ދެކުނު އިރުމަތީ އޭޝިއާގެ ޙައްޖުވެރިންނާއިބެހޭ އިދާރާއިން ބޭއްވި މި ބައްދަލުވުމުގައި ޙައްޖުގެ އަޅުކަން އަދާކުރުމުގައި ދާންޖެހޭ ތަންތަން ކަމަށްވާ މިނާ، އަރަފާތު، މުޛްދަލިފާ އަށް ދަތުރުކުރުމުގައި ޓްރެފިކްގެ ކަންކަން ހަމަޖެހިފައި ހުންނާނެގޮތާއި، ޖަމްރާތަކަށް ހިލަ އުކަން ކޮންމެ ޖަމާއަތަކަށްވެސް ކަނޑައަޅާފައިވާ ގަޑީގައި ދަތުރުކުރަންވީގޮތާއި ޙައްޖުވެރިންނަށް މި ކަންކަމުގެ އިރުޝާދުދޭންވީ ގޮތުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. މީގެ އިތުރުން އެދުވަސްތަކުގައި ދިމާވެދާނެ ދަތި ތަކަށްވެސް މި ބައްދަލުވުމުގައި  އަލިއަޅުވާލާފައިވެއެވެ.މި ބައްދަލުވުން ކުރިޔަށް ގެންދަވަމުން ޙައްޖުވެރިންގެ ކަންތައްތަކާބެހޭ މުޠައްވިފު އޮފީހުގެ ރައީސްވަނީ ޖަމާއަތްތަކުގެ ދީނީ އިރުޝާދުތައްދޭ މުރުޝިދުގެ އިރުޝާދަށް ތަބާވުމަށް އެންމެހާ ޙައްޖާޖީންގެ ކިބައިން އެދޭކަން ހާމަކުރައްވާފައެވެ. އަދި މުޠައްވިފު އޮފީސްތައް މެދުވެރިކޮށް ކަންކަން ރޭވިފައި ހުރިގޮތާއި އިންތިޒާމްތައް ހުރިގޮތަށް ހުރިހާ ޙައްޖުވެރިން އިޙުތިރާމްކުރުމަށް އެދޭކަމުގެ މެސެޖް ޙައްޖާޖީންނަށް ފޯރުކޮށްދެއްވުމަށްވެސް އެދިވަޑައިގެންފައިވެއެވެ.