ވިޔަފާރި

ކާގޯ ފެރީއާ ގުޅުވައިގެން ދައްކާ ވާހަކަތަކަށް އިކޮނޮމިކް މިނިސްޓަރ ރައްދު ދެއްވައިފި


އިންޑިއާގެ ކޮޗިންއާއި ރާއްޖެއާއި ދެމެދު ފަށާ ކާގޯ ފެރީގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް ގެއްލުންވާނެކަމަށް ބުނެ ދައްކާ ވާހަކަތަކަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ރައްދު ދެއްވައިފިއެވެ.

ކޮޗިން ކާގޯ ފެރީއާ ގުޅުވައިގެން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ބައެއް ވިޔަފާރިވެރިން ބުނަމުންދަނީ އެ ފެރީގެ ސަބަބުން ރާއްޖޭގެ ވިޔަފާރިވެރިންނަށް ގެއްލުންވާނޭކަމަށެވެ. އެގޮތުން ވިޔަފާރީގެ ވާދަވެރިކަން ގެއްލި ބައެއް ވިޔަފާރިތައް ބަނގުރޫޓްވުމުގެ ފުރުޞަތު އެބައޮތްކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ. މީގެއިތުރުން ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވަނީ އިންޑިއާއިން ރާއްޖެ ގެންނަނީ ވަކި ޤައުމަކުން ބޭނުންވެގެން ގެންނަ މުދާކަމަށް ތުހުމަތުކޮށްފައެވެ.

ކާގޯ ފެރީއާ ގުޅުވައިގެން ދައްކާ ހަޤީޤަތާ ޚިލާފު ވާހަކަތަކަށް ރައްދު ދެއްވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވީ، އިންޑިއާއިން އަންނަ ކާގޯ ފެރީގައި ގެންނާނީ ހަމައެކަނި ދިވެހި ވިޔަފާރިވެރިން ގަނެފައިވާ މުދާކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިވެރިންނަށް އެއްވެސް ގެއްލުމެއް ނުވާނެކަމަށާއި އޭގެ ބަދަލުގައި މި ފެރީގެ ނިޒާމުގެ ސަބަބުން ރާއްޖެއާއި އިންޑިއާއާއި ދެމެދު މެދުކެނޑުމެއްނެތި މުދާ ގެނައުމުގެ މަގު ފަހިވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ

ފައްޔާޒް ވިދާޅުވީ މީގެކުރިން އަންނަ ކާގޯ ފެރީތަކާއި އަލަށް ފަށާ ފެރީގައި ތަފާތެއް ހުންނާނެކަމަށެވެ. އެގޮތުން އަލަށް ފަށާ ކާގޯ ފެރީއަކީ ވަކި ޝެޑިއުލްއެއްގެ ދަށުން ދަތުރުކުރާ އަދި ވިޔަފާރީގެ ނިޒާމަށް ފަސޭހަކަން ގެނުވާނެ ފެރީގެ ނިޒާމަކަށްވާނޭކަމަށް މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.

އިންޑިއާއިގެ ކޮޗިންއާއި ކުޅުދުއްފުއްޓާއި ދެމެދު ފަށާ ކާގޯ ފެރީގެ ޚިދުމަތުން ގިނަ ފަސޭޙަތަކަކާއި ކުރިއެރުންތަކެއް ލިބޭނެކަމަށް އުތުރުގެ ވިޔަފާރިވެރިންވެސް ފާޙަގަކުރެއެވެ. އަދި މިއީ މުޅި އުތުރަށްވެސް ބޭނުންވެފައިވާ މުހިންމު ޚިދުމަތެއް ކަމަށާއި، ބޭނުންވަނީ ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރެވޭނެކަމުގެ ޔަގީންކަން ކަމުގައި ކުޅުދުއްފުށީގެ ވިޔަފާރިވެރިންވެސް ވަނީ ބުނެފައެވެ. މީގެއިތުރުން ކުޅުދުއްފުއްޓަކީ މަޝްހޫރު ބޮޑެތި ވިޔަފާރިތައް މިވަގުތު ގިނަ ރަށަކަށް ނުވުމާއެކު ކާގޯ ފެރީއާއެކު އާ ވިޔަފާރިތައް އުތުރަށް އައިސް، ވަޒީފާގެ ގިނަ ފުރުސަތުތައް ހުޅުވުމަށްވެސް މަގުފަހިގެންދާނެކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އިންޑިއާ އާއި ރާއްޖެއާއި ދެމެދުގައި ފަށާ ކާގޯ ފެރީގެ ޚިދުމަތުގައި ބޭނުން ކުރާ ފެރީގެ ފުރަތަމަ ދަތުރު މިހާރު ވަނީ ފަށާފައެވެ. މި ބޯޓު ރާއްޖެ އައުމަށް ދަތުރު ފަށާފައިވަނީ އިންޑިއާ ކޮޗިން ބަނދަރުންނެވެ. ޝިޕިންގ ކޯޕަރޭޝަން އޮފް އިންޑިއާގެ މި ބޯޓު ކުޅުދުއްފުއްޓަށް ބަނދަރުކުރާނީ މިމަހުގެ 26 ވަނަ ދުވަހުއެވެ. އަދި 28 ވަނަ ދުވަހު މާލެއަށް ބަނދަރުކުރާނެއެވެ. ފިނިކުރާ ނިޒާމް ހިމެނޭ މި ބޯޓުގައި 3000 މެޓްރިކް ޓަނުގެ މުދާ އުފުލޭއިރު، މަހަކު ދެފަހަރު މުދާ ހިފައިގެން މިބޯޓު ރާއްޖެ އަންނާނެއެވެ.