ޚަބަރު

ކޯވިޑް-19 : ޢަލާމަތްހުރި މީހުން ދަރިވަރުން ތިބޭ ގޭގެއަށް ނުދިއުމަށް އިލްތިމާސްކޮށްފި

ކޯވިޑް-19ގެ އެއްވެސް ޢަލާމާތެއް ހުރި މީހެއްނަމަ ކުރިއަށް އޮތް އޭލެވެލް އިމްތިޙާނުގައި ބައިވެރިވާ ދަރިވަރުން ތިބި ގޭގެއަށް ނުދިޔުމަށް އެޗްއީއޯސީން އިލްތިމާސްކުރައްވައިފިއެވެ. އޭލެވެލް އިމްތިޙާނުގައި ބައިވެރިވާ ދަރިވަރުންގެ ރައްކާތެރިކަމަށް ކުރިއަށް މިއޮތް 2 ހަފްތާގައި ވީހާވެސްބޮޑަށް ސަމާލުވުމަށް އެސެންޓަރުންވަނީ އިލްތިމާސްކުރައްވާފައެވެ.

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕުގައި ހިމެނިވަޑައިގަންނަވާ ޑރ.ނަޒްލާ މުސްތަފާ ވަނީ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބެލެނިވެރިންނާއި ކުދިންނާއި އަދި ޢާއްމުން ސަމާލުކަން ދޭންވީކަންކަން ބަޔާންކޮށްދެއްވާފައެވެ.

އެގޮތުން މިދުވަސްވަރު ބަލީގެ އެއްވެސް ޢަލާމާތެއް ހުރި މީހެއްނަމަ ކުދިންތިބި ގޭގެއަށް ނުދިޔުމަށްވަނީ އެދިވަޑައިގެންފައެވެ.
އިމްތިޙާނުގައި ބައިވެރިވާ ދަރިވަރުން މިދުވަސްވަރު މިބައްޔަށް ހުށަހެޅިއްޖެނަމަ، އެކަމަކީ އެކުދިންގެ ކަންބޮޑުވުން އިތުރަށް ބޮޑުވާނެކަމަކަށްވާތީ ރައްކާތެރިކަމަށް އިތުރަށް ސަމާލުކަން ދިނުމަށް ޑރ.ނަޒްލާ ވަނީ އެދިވަޑައިގެންފައެވެ. މީގެ އިތުރުން ކޯވިޑް-19އިން ރައްކާތެރިވުމަށް ކުދިންގެ ވަށައިގެން ތިބޭ މީހުން ރައްކާތެރިކަމަށް ފިޔަވަޅުތައް އެޅުމަށް ވަނީ އެދިވަޑައިގަންނަވާފައެވެ.

"ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅުގަނޑުމެން މިދަނީ ޚާއްސަ ގައިޑްލައިނެއްގެދަށުން އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން މަސައްކަތްކުރަމުން. އަޅުގަނޑުމެން މިމަސައްކަތްކުރަނީ އެގްޒޭމް ހޯލްގައި ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް. މިކަން އިތުރަށް ކަށަވަރުކުރެވޭނީ ކުދިންނާއެކު ތިއްބަވާ މީހުންވެސް ރައްކާތެރިކަމަށް ސަމާލުވެގެން. މިދުވަސްވަރު ކުދިން ސްޓްރެސްވާނެ ޢާއްމު ގޮތެއްގައިވެސް. އެހެންކަމުން ބައްޔަށް ޕޮޒިޓިވްވެއްޖެނަމަ އެއީ އިތުރު ސްޓްރެސްއެއް." ޑރ.ނަޒްލާ މުސްޠަފާ ވިދާޅުވިއެވެ.

އޭލެވެލް އިމްތިޙާނު ދުވަސްވަރު ކޯވިޑް-19އަށް ޕޮޒިޓިވްވާ ދަރިވަރުންނާއި ކަރަންޓީން ގައި ތިބޭ ދަރިވަރުން ރައްކާތެރިކަމާއެކު އިމްތިޙާނު ހޯލަށް ގެންދިއުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އެޗްޕީއޭއާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެންނެވެ. އިމްތިޙާނުގައި ބައިވެރިވާ ދަރިވަރުންނާއި އިންވިޖިލޭޓަރުންނާއި އޮފިޝަލުންގެ ރައްކާތެރިކަމަށް އެޗްޕީއޭއިންވަނީ ގައިޑްލައިންތަކެއް އެކުލަވާލާފައެވެ. މީގެ ކުރީގެ ޕްރެސްތަކުގައި އެޗްއީއޯސީންވަނީ މާލެއިން ޕޮޒިޓިވްވާ ކޭސްތަކުގެ ތެރޭގައި ސްކޫލަށްދާ ޢުމުރުގެ ކުދިން ޕޮޒިޓިވްވާ މިންވަރު އިތުރުވަމުން އަންނަކަންވަނީ ފާހަގަވެފައެވެ. އެހެންނަމަވެސް އެޗްއީއޯސީން ވިދާޅުވީ ކުދިން ޢާއްމުކޮށް ޕޮޒިޓިވްވަނީ ކުދިން ތިބޭ ގޭގެއަށް ޒިޔާރަތްކުރާ މީހުންގެ ފަރާތުންކަންވެސް ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ޕޮޒިޓިވްވާ ކުދިންގެ ޢަދަދު ވީހާވެސް ބޮޑަށް މަދުކުރުމަށް އެންމެން އެކުގައި މަސައްކަތްކުރުމަށް އެޗްއީއޯސީންވަނީ އެދިވަޑައިގަންނަވާފައެވެ.