ޚަބަރު

އިމާރާތެއް ވެއްޓި އިންޑިޔާގައި 10 މީހުން މަރުވެއްޖެ


އިންޑިޔާގެ މުމްބާއީ ކައިރީގައި އޮންނަ އަވަށެއްގައިހުރި އިމާރާތެއް ވެއްޓި 10 މީހުން މަރުވެއްޖެއެވެ.

މުމްބާއީއާ 40 ކިލޯމީޓަރު ދުރުގައި އޮންނަ ބިވަންޑީގައި ހުރި ތިން ބުރި އިމާރާތް ވެއްޓިފައިވަނީ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. ވެއްޓިފައިވާ އިމާރާތަކީ މީގެ ކުރިން ނުރައްކާތެރި އިމާރާތެއްގޮތުގައި ފާހަގަކުރެވިފައިވާ އިމާރާތެކެވެ. އެ އިމާރާތުގައި ދިރިއުޅޭ މީހުން ހުސްކުރުމަށްވެސް މީގެ ކުރިންވަނީ އަންގައިފައެވެ. ގަޑިން 3:40ހާއިރު އެ ހާދިޘާ ހިންގި ވަގުތު އެ އިމާރާތުގައި ދިރިއުޅޭ ގިނަ މީހުން ތިބީ ނިދާފައެވެ. ރަސްމީ ފަރާތްތަކުން ބުނީ އެ ހާދިޘާގައި 10 މީހުން މަރުވެފައިވާކަމަށާއި އިމާރާތުގެ އެތެރޭގައި 25 މީހުން ތާށިވެފައިވާކަމަށެވެ.

ހާދިޘާ ހިންގި ސަރަޙައްދުގައި ކުއްލި ޙާލަތުގައި މަސައްކަތްކުރާ 40އަށްވުރެ ގިނަ މީހުންދަނީ ޙަރަކާތްތެރިވަމުންނެވެ. އޭގެ ތެރޭގައި ދަ ނޭޝަނަލް ޑިސާސްޓާ ރެސްޕޮންސް ފޯސް (އެންއާއުޑީއެފު)ގެ ވަފުދުތައްވެސް ހިމެނެއެވެ. އެންޑީއާރުއެފުންވަނީ އިމާރާތުގައި ތާށިވެފައިތިބި 19 މީހުން ސަލާމަތްކޮށްފައެވެ. އޭގެ ތެރޭގައި އުމުރުން ހަތަރު އަހަރާއި ހަތް އަހަރުގެ ދެ ކުޑަކުދިންވެސް ހިމެނެއެވެ. އެންޑީއާރުއެފުގެ ކޮމާންޑަންޓު އިތާޕޭ ޕަންޑިޓު ވިދާޅުވީ މީހުން ސަލާމަތްކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާކަމަށެވެ.

މިދިޔަ މަހުގައި މުމްބާއީއާ 165 ކިލޯމީޓަރު ދުރުގައި އޮންނަ މަހަދުގައި ހުރި ފަސް ބުރީގެ އިމާރާތެއް ވެއްޓި 13 މީހުންވަނީ މަރުވެފައެވެ. 2017ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ އަހަރު އެކަނި އިމާރާތްތައް ވެއްޓުމުގެ ސަބަބުން 1،200އަށްވުރެ ގިނަ މީހުންވަނީ އިންޑިޔާގައި މަރުވެފައެވެ.