ޚަބަރު

ސައުދީ ސަރުކާރުން ރާއްޖެއަށް 80 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދެނީ


ހުޅުމާލެ ދެވަނަ ފިޔަވަހީގެ ތަރައްގީގެ މަޝްރޫއަށް ސައުދީ ސަރުކާރުން ރާއްޖެއަށް ދޭ 80 މިލިއަން ޑޮލަރުގެ ހިލޭ އެހީ ހަމަޖެހިފައިވާކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.ޕީއެސްއެމަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ ޝައިނީ ވިދާޅުވީ، ސައުދީ ސަރުކާރުން ދޭން ހަމަޖެހިފައިވާ 80 މިލިއަން ޑޮލަރުގެ އެއްބަސްވުމުގައި ސައުދީ ސަރުކާރާއެކު ފިނޭންސް މިނިސްޓްރީން މާދަމާ ސޮއިކުރައްވަން ހަމަޖެހިފައިވާކަމަށެވެ. މި ފައިސާއަކީ ހުޅުމާލޭގައި ތަރައްގީކުރާ ޒުވާނުންގެ ސިޓީގެ އިނީޝިއަލް އިންފްރާސްޓްރަކްޗަރ ނުވަތަ އެންމެ ފުރަތަމަ ތަރައްގީކުރާ އުމްރާނީ ތަރައްގީގެ ވަސީލަތްތައް ގާއިމްކުރުމަށް ސައުދީ ސަރުކާރުން ފޯރުކޮށްދޭ އެހީއެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.މީގެއިތުރުން އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީ ކުރުމަށްވެސް ސައުދީ ސަރުކާރުން މާލީ އެހީ ދިނުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް އެއީ ކިހާ ވަރެއްކަމެއް މިނިސްޓަރ ހާމައެއް ނުކުރައްވައެވެ.މިނިސްޓަރ ޝައިނީ ވިދާޅުވީ، އެއަރޕޯޓު ތަރައްގީ ކުރުމަށް ވަރަށް ބޮޑު އެހީއެއް ދެއްވާނެކަމުގެ އުއްމީދު އެބައޮތްކަމަށެވެ.އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ބޭނުންވާ ލޯނުގެ ކަންކަން ވަރަށް ކުޑަ އިންޓަރެސްޓަކާ އެކު ސައޫދީ ފަންޑުން ހަމަޖައްސައި ދޭނެ ކަމުގެ ޔަގީންކަން ލިބިފައިވާކަމަށް މިނިސްޓަރ ޝައިނީ ވަނީ މިއަހަރުގެ މާޗް މަހު ހާމަކޮށްފައެވެ. ސައުދީން ރާއްޖެއަށް ދޭ މިއެހީއަކީ ރައީސް އަބްދުﷲ ޔާމީން މިދިޔަ މާޗު މަހު ސައުދީއަށް ކުރެއްވި ދަތުރުފުޅުގައި، އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އާލް ސުއުދުއާ ބައްދަލުކުރައްވާ ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހު ދެއްވަން އެއްބަސް ވެފައިވާ އެހީއެކެވެ.މިދަތުރުފުޅަށްފަހު ސައުދީ ސަރުކާރުން މިއަހަރުގެ ކުރީ ކޮޅުވަނީ ބަޖެޓު ސަޕޯޓުގެ ގޮތުގައި 20 މިލިއަން ޑޮލަރު ނުވަތަ 307 މިލިއަން ރުފިޔާގެ ހިލޭ އެހީއެއް ވެސް ދީފައެވެ.