ޚަބަރު

އަދީބު ޖަލުގައި ބަންދުކޮށް 7 ދައުވާ އަލުން ބެލުމަށް ހައިކޯޓުން ހުކުމްކޮށްފި


ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް ދަައުލަތުން އުފުލި ދައުވާތައް ކުރިމިނަލް ކޯޓުން ބާޠިލުކޮށްފައިވަނީ ގޯސްކޮށް ކަމަށް ކަނޑައަޅައި 7 ދައުވާގެ މައްސަލަ އަލުން ބެލުމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.

ހައިކޯޓުގެ މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މި މައްސަލަ ބެއްލެވި ފަޑިޔާރުންގެ އިއްތިފާގުން ވަނީ މިމައްސަލަޔަކީ ކްރިމިނަލް ކޯޓުން ބެލި ބެލުމުގައި އިބްތިދާއީ އަޑުއެހުމުން ފެށިގެން އަލުން ބަލަންޖެހޭ ހަތް ދައުވާކަމަށް ކަނޑައަޅައި އިސްތިއުނާފީ މިމައްސަލަތައް ނިމެންދެން 15 ދުވަހުގެ މުއްދަތަށް ޖަލުތަކާއި ޕެރޯލް ޤާނޫނުގެ ދަށުން ރިމާޑް ޖަލެއްގައި ބެހެއްޓުމަށް އަމުރުކޮށް، ކޯޓުތަކުގެ ޤާނޫނުގެ ދަށުން 7 ދައުވާ އަލުން ކްރިމިނަލް ކޯޓަށް ތަހުލީލުކުރުމަށް ހުމްކޮށްފައެވެ.

ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް ދަައުލަތުން އުފުލި ދަޢުވާތައް ކުރިމިނަލް ކޯޓުން ބާތިލުކުރި މައްސަލައިގައި ޕީޖީ އޮފީހުން ހައިކޯޓަށް ހުށައެޅި އިސްތިއުނާފު މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް މިމަހުގެ 15ވަނަ ދުވަހު ނިންމާލާފައެވެ. އެދުވަހުގެ އަޑުއެހުމުގައި އަދީބުވަނީ އެމްއެމްޕީއާރުސީ މައްސަލައިގައި ދަޢުލަތަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ޕްރޮސިކިއުޓަރ ޖެނަރަލްއާ ފުލުހުންގެ ފަރާތުން އެއްވެސް މަޖުބޫރުކުރުމެއް ކުރިމަތިނުވާކަމަށާއި، އޭނާގެ މައްޗަށް ކުރި ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލަ އަލުން އެކޯޓުން ބަލަންޖެހޭ ކަމަށް ޤަބޫލުކުރާކަމަށް ވިދާޅުވެފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން އަދީބާއި ދެކޮޅަށް ދައުލަތުން އުފުލި 7 ދައުވާއެއް ކުރިމިނަލް ކޯޓުން ބާތިލުކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހުއެވެ. ދައުލަތުން އަޙްމަދު އަދީބާދެކޮޅަށް ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ އެ މައްސަލަތަކުގެ ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން 23 ޖުލައިގައި ވަނީ އަމުރުކޮށްފައެވެ.