ޚަބަރު

މީޑިއާ ކައުންސިލުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި


މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު ހޯމް މިނިސްޓްރީން އިތުރުކޮށްދީފިއެވެ.

އެ މިނިސްޓްރީން ވިދާޅުވީ މުއްދަތު އިތުރުކޮށްފައި ވަނީ އެ މަޤާމުތަކަށް ނަން ހުށައެޅުމަށް ހުޅުވާލި ފުރުޞަތުގައި އެދެވޭ ތަރުޙީބެއް ލިބިފައިނުވާތީ ކަމަށެވެ. އެގޮތުން މިހާރު ވަނީ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު މިމަހުގެ 28 ވަނަ ދުވަހަށް އިތުރުކޮށްދީފައެވެ. އަދި މެމްބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމް މިނިސްޓްރީންގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ހޯމް މިނިސްޓްރީން ވިދާޅުވި އެމްއެމްސީ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލީ އެ ކައުންސިލްގައި ތިއްބަވާ 15 މެމްބަރުންގެ ތެރެއިން 13 މެމްބަރެއްގެ ދައުރު އަންނަ ޑިސެމްބަރު މަހުގެ 11 ވަނަދުވަހަށް ހަމަވާތީ ކަމަށެވެ. ދައުރު ހަމަވަނީ މީޑިއާތައް ތަމްސީލު ކުރާ 7 މެމްބަރަކާއި އާއްމުންގެ ތެރެއިން ކައުންސިލަށް އިންތިޙާބުވި 6 މެމްބަރެކެވެ. އާއްމުންގެ ތެރެއިން ހޮވާ މެމްބަރުކަމަށް ކުރިމަތިލެވޭނީ މީޑިއާ އާއި ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ފަރާތްތަކަށެވެ.

އެމްއެމްސީ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ނަމަވެސް އިންތިޚާބު އޮންނާނެ ދުވަހެއް ހޯމް މިނިސްޓްރީއަކުން އަދި ހާމައެއް ނުކުރެއެވެ.

މީޑިއާތައް ރެގިއުލޭޓްކޮށް ބެލެހެއްޓުމަށް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އޮތުމުން އެ ދެ މުއްސަސާ އެއްކޮށްލަން ޤާނުނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ހުށައަޅާފައެވެ.