ޚަބަރު

ފްލެޓްތަކުގައި ކުނިއަޅާ ގޮޅިތަކަށް ކުނި ނޭޅުމަށް އަންގައިފި


ފްލެޓްތަކުގައި ކުނިއަޅާ ގޮޅިތަކަށް އަޅާ ކުނި މިދުވަސްވަރު ނަގާ އެތަން ސާފު ނުކުރެވޭތީވެ ގޮޅިތަކަށް ކުނި ނޭޅުމަށް މާލެ ސިޓީ ކައުންސިލުން އަންގަވައިފިއެވެ.

ސިޓީ ކައުންސިލުން މިގޮތަށް އަންގަވާފައި ވަނީ އެ އިދާރާގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ތެރެއިން ގިނަ ޢަދަދެއްގެ މުވައްޒަފުން ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާއިގުޅިގެން، ބިދޭސީ ހުރިހާ މުވައްޒަފުން ކަރަންޓީން ކޮށްފައިވާތީއެވެ. ސިޓީ ކައުންސިލުން ވިދާޅުވީ އެމީހުން ކަރަންޓީންކޮށްފައިވާތީ ބިދޭސީ މުވައްޒަފުން ޝާމިލްކޮށްގެންކުރާ ހުރިހާ މަސައްކަތެއް މި ވަގުތުމުޅިން ހުއްޓިފައިވާކަމަށެވެ. އެއާއެކު ފްލެޓްތަކުގައި ކުނިއަޅާ ގޮޅިތަކަށް އަޅާކުނި މިދުވަސްވަރު ނަގާ އެތަން ސާފުނުކުރެވޭނެތީވެ، ގޮޅިތަކަށް ކުނި ނޭޅުމަށާއި، ފްލެޓްތަކުގެ ގޯތިތެރެއަށާއި ފުރާޅު މައްޗަށްވެސް ކުނިއަޅާ ނުހެދުމަށް ސިޓީ ކައުންސިލުންވަނީ އަންގަވާފައެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ ކުނި އުކާލުމަށްޓަކައި ވެމްކޯގައި ރަޖިސްޓްރީވުމަށް ކުރިންވެސް އަންގަވާފައިވުމާއެކު މިހާތަނަށް ރަޖިސްޓްރީ ނުވާ ފަރާތްތަކުން ވެމްކޯގައި ރަޖިސްޓްރީވެ، ވެމްކޯ މެދުވެރިކޮށް ކުނި އުކާލަމުން ގެންދިއުމަށް އަންގަވާކަމަށެވެ.

މާލޭގައި ހަދާފައިވާ ފްލެޓްތަކުގައި ކުނި އެޅުމަށްޓަކައި ގޮޅިތަކެއް ހަނދާފައިވެއެވެ. ބައެއްފަހަރު އެތަނަށް ކުނި އަޅާއިރު ރަނގަޅަށް ކުނި ކޮތަޅު ބަންދުނުކޮށް އަޅާފައި ހުރުމުގެ ސަބަބުން އެތަން ވަރަށް ބޮޑަށް ހަޑިވެފައި ހުންނަ މަންޒަރުވެސް ފެނެއެވެ.