ވިޔަފާރި

މިފްކޯއިން މަސް ގަންނަ އަގަށް ބަދަލުތަކެއް ގެންނަނީ


މަސްވެރިންގެ އަތުން މަސް ގަންނައިރު ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު އުޅޭ ނިސްބަތުން މަސް ގަތުމަށް މިފްކޯއިން ނިންމައިފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ ވޭތުވެދިޔަ 7 ވަރަކަށް އަހަރު މިފްކޯއިން މަސް ގަންނަމުންދިޔައީ ދުނިޔޭގެ ބާޒާރުގައި ވަކި އަގެއް ކަނޑައަޅައިގެންކަމަށެވެ. ނަމަވެސް އެގޮތަށް އެކަންކުރުމުން މިފްކޯއަށްވެސް މަސްވެރިންނަށްވެސް ފައިދާނުވާކަމަށް ފައުޒީ ވިދާޅުވިއެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ވަކި އަގެއް ކަނޑައަޅާފައި އޮންނަ އޮތުމުގެ ބަދަލުގައި، އޭރަކު ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުރި ނިސްބަތަކުން މަސްވެރިންގެ އަތުން މަސް ގަތުމަށް ނިންމާފައިވާކަމަށް މިފްކޯގެ ސީއީއޯ ވިދާޅުވިއެވެ.

"ފާއިތުވި 7 އަހަރެއްހާ ދުވަހު މިފްކޯއިން މަސް ގަންނަމުންދިޔައީ ފިކްސްކޮށްގެން. މާނައަކީ ބާޒާރުގައި ހުންނަ އަގެއް ނޫނޭ މަސްވެރިންނަށް ދެނީ. މިފްކޯއަށްވެސް ވަރަށް ދަތި. ނަމަވެސް ބާޒާރުގައި ހުންނަ އަގެއް ދޭންޖެހޭނަމަ ކޭޝް ފްލޯވެސް މެނޭޖްކުރެވޭނެ. ކުރިއަށް އޮތްތާނގައި ފްލޯޓިންގ ޕްރައިސިންގއަށް މިބަދަލުކުރަނީ. އޭރުން ބާޒާރުގައި އޮންނަ އަގެއްގައި ކުރިއަށްދާނީ" ފައުޒީ ވިދާޅުވިއެވެ.

މަސް ގަންނަން ފިކްސްޑް ރޭޓެއް އޮންނަ އޮތުމަށް ނިމުމެއް ގެންނަން ނިންމާފައިވާއިރު، މަސްވެރިންނަށް ފައިސާ ދިނުމުގައިވެސް ހަރުދަނާ އުސޫލުތަކެއް ޤާއިމްކުރުމަށް މިފްކޯއިން ވަނީ ނިންމާފައެވެ. އެގޮތުން މަސްވެރިން މަސް ކިރުވާތާ 7 ދުވަހުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޭނެކަމަށް މިފްކޯއިން ބުނެއެވެ.

މަސްވެރިންގެ އަތުން މަސްގަތުމުގައި ވަކި އަގެއް ކަނޑަނާޅާ، ދުނިޔޭގެ ބާޒާރުގައި އަގު އުޅޭ ނިސްބަތުން އަގު ދިނުމަށް މިފްކޯއިން ނިންމުމާ ގުޅިގެން މަސްވެރިންވެސް ވަނީ އެކަމަށް މަރުހަބާ ކިޔާފައެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދެއްކި މަސްވެރިން ބުނީ ދުނިޔޭގައި މަހުގެ އަގު އުޅޭ ނިސްބަތަށް ބަލައިގެން މިފްކޯއިން މަހުގެ އަގު ކަނޑައެޅުމަކީ މަސްވެރިން ވަރަށް ބޮޑަށް އިންތިޒާރުކުރަމުންދިޔަ ކަމެއްކަމަށެވެ. އަދި މިކަމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށްވެސް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް މަސްވެރިން ބުންޏެވެ.

\މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ދިނުމުގެ އިތުރުން، މަސްވެރިންނަށް ވިއްކާ ތެޔޮވެސް އަގުހެޔޮކޮށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާކަމަށް މިފްކޯއިން ބުނެއެވެ.

"މަސްވެރިންނަށް ތެޔޮ ވިއްކުމުގައިވެސް ލުއިތަކެއް ދޭން ވަނީ ނިންމާފައި. ކުރިއަށް އޮތްތާނގައި މަސްވެރިންނަށް ހެޔޮ އަގެއްގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސަން އެބަ މަސައްކަތްކުރަން" މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ މިފްކޯގެ ތަރައްޤީއަށް ކުރާ މަސައްކަތްތަކެވެ.

މަސްވެރިންގެ އަތުން ވީހާވެސް ގިނައިން މަސް ގަތުމަށް މިފްކޯގެ ފެސިލިޓީސްތަކާއި ކަލެކްޓަރ ވެސެލްތަކުގެ ކެޕޭސިޓީ އިތުރުުކުރުމުގެ މަސައްކަތް މިފްކޯއިން ވަނީ ފަށާފައެވެ. އެގޮތުން އިންޑިއާއިން ފޯރުކޮށްދޭ އެހީގެ ދަށުން މިފްކޯގެ ތަރައްޤީއަށް 30 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ފެށުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

މިމަޝްރޫޢުގެ ދަށުން މިފްކޯގެ ކެޕޭސިޓީ 3000 ޓަނުން ދިހަ ހާސް ޓަނަށް އިތުރުކުރެވިގެންދާނެއެވެ. އަދި މިޕްރޮޖެކްޓްގެ ދަށުން ކޫއްޑޫއާއި ފެލިވަރުގެ ބަނދަރު ތަރައްޤީކޮށް، ކޯލްޑް ސްޓޯރޭޖް އިތުރުކުރެވި، އަދި ކޭނިން ކެޕޭސިޓީވެސް އިތުރުކުރެވޭނެއެވެ. އަދި މަސްވެރިކަން ރަނގަޅުވާ ދުވަސްވަރު މަސްވެރިންގެ އަތުން މަސް ގަންނަ ނިސްބަތްވެސް އިތުރުވެގެންދާނެކަމަށް މިފްކޯއިން ބުނެއެވެ