ޚަބަރު

އަފްޣާނިސްތާނުގައި އިތުރު ޙަމަލާތަކެއް؛ ގިނަ ޢަދަދެއްގެ މީހުންވަނީ މަރުވެފައި


އަފްޣާނިސްތާނުގެ ކުންދުޒް ޕްރޮވިންސުގައި ހުންނަ ޠާލިބާނުންގެ މަރުކަޒަކަށް ދިން ވައިގެ ދެ ޙަމަލާއެއްގައި ޢާންމުންގެ 11 މީހަކު މަރުވެ 10އަކަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާކަމަށް އެ ޕްރޮވިންސުން ބުނެފިއެވެ. އެ ޙަމަލާ ދީފައިވަނީ އަފްޣާނިސްތާނުގައި ސުލްޙަ ޤާއިމްކުރުމާގުޅޭ މަޝްވަރާތައް ޤަތަރުގެ ދޯހާގައި އަފްޣާނިސްތާނުގެ ސަރުކާރާއި ޠާލިބާނުންނާ ދެމެދު ކުރިއަށް ދަމުންދާ ދަނޑިވަޅެއްގައެވެ. އެ ޙަމަލާ ދީފައިވަނީ އިންސާނިއްޔަތަށްޓަކައި އަދި ރައްޔިތުންގެ ޙައްޤުގައި ޞުލްޙަ ޤާއިމްކުރުމަށް ޙަމަލާ ބަދަލުކުރުން ހުއްޓާލުމަށް އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ގޮވާލައްވައިފައިވަނިކޮށެވެ.

ޙަމަލާއާ ގުޅޭގޮތުން ޠާލިބާނުން ނެރުނު ބަޔާނެއްގައިވަނީ ޢާންމުންގެ 40 މީހުން މަރުވެފައިވާ ޙަމަލާއެއް އަފްޣާނިސްތާނުގެ އަސްކަރިއްޔާއިން ދީފައިވާކަމަށް ތުހުމަތުކޮށްފައެވެ. ޠާލިބާނުގެ ހަނގުރާމަވެރިގް ތެރެއިން މަރުވެފައިވަނީ ކިތައް މީހުންކަމެއް އެ ޖަމާޢަތުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ކާބުލްގައި ހުންނަ އަފްޣާނިސްތާނުގެ ދިފާޢީ ވުޒާރާއިން ބުނީ ކުންދުޒް ޕްރޮވިންސުގައި އޮންނަ ޚާން އާބާދު ޑިސްޓްރިކްޓަށް ޠާލިބާނުން އިސްވެ ޙަމަލާދީފައިވާކަމަށެވެ. އެ ޙަމަލާ ހުއްޓުވައި އުޞޫލުތަކާ އެއްގޮތަށް ދިފާޢުގައި އަސްކަރިއްޔާއިން މަސައްކަތްކޮށްފައިވާކަމަށް އެ ވުޒާރާއިން ބުންޏެވެ. ޠާލިބާނުން ދިން ޙަމަލާގައި މަރުވި މީހުންގެ ތެރޭގައި އަސްކަރިއްޔާގެ ދެ ކޮމާންޑަރުން ހިމެނޭކަމަށާއި ޠާލިބާނުންގެ 40އަށްވުރެ ގިނަ ހަނގުރާމަވެރިން މަރުވެފައިވާކަމަށްވެސް ބުންޏެވެ. ނަމަވެސް ޢާންމުންގެ މީހަކު މަރުވެފައިވާކަމަށް ދިފާޢީ ވުޒާރާއިން ބުނެފައެއް ނުވެއެވެ. އެ ޙަމަލާއާ ގުޅޭ ތަހުޤީޤެއް ކުރަމުންދާކަމަށް އެ ވުޒާރާއިން ބުންޏެވެ.

ޤާނޫނުހަދާ މަޖިލީހުގައި ކުންދުޒް ތަމްޞީލްކުރައްވާ މެންބަރެއްކަމަށްވާ ފާޠިމާ ޢަޒީޒް ވިދާޅުވީ ފުރަތަމަ ޙާމަލާ ޢަމާޒުކޮށްފައިވަނީ ޠާލިބާނުންގެ އަސްކަރީ މަރުކަޒަކަށްކަމަށެވެ. އެ ސަރަޙައްދަށް ޢާންމުން އެއްވެފައިވަނިކޮށް ދިން ދެވަނަ ޙަމަލާގައި ޢާންމުންގެ މީހުންނަށް ގެއްލުން ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެ ޙަމަލާގައި 11 މީހުން މަރުވެފައިވާކަމަށާއި ވީނުވީއެއް ނޭނގި ފަސް މީހުން ގެއްލިފައިވާކަމަށް ޢަޒީޒް ވިދާޅުވިއެވެ. މަންޒަރު ދުށް އެހެން މީހަކު ބުނި ގޮތުގައި ކުޑަކުދިން ހިމެނޭގޮތަށް ޢާންމުންގެ 12 މީހުން މަރުވެ، 18 މީހުން ޒަޚަމްވުމުގެ އިތުރުން ޠާލިބާނުގެ ހަނގުރާމަވެރިންވެސްވަނީ މަރުވެފައެވެ.