ޚަބަރު

އެންމެ މުހިންމުކަމަކީ ޤާބިލް އޮފިސަރުން އުފެއްދުން: ހޯމް މިނިސްޓަރ އިމްރާން


އިންސާނީ ކަރާމާތަށް އިސްކަންދީގެން ގައިދީން އިސްލާހުކޮށް އަލުން މުޖުތަމައަށް ނެރުމުގެ މަސައްކަތަށް އެންމެ މުހިންމުކަމަކީ ޤާބިލް އޮފިސަރުންތަކެއް ބިނާކުރުން ކަމުގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެޖެ އެވެ.

ޔޫއެންއޯޑީސީން އާއި ގުޅިގެން ހިންގާ ދިވެހި ކަރެކްޝަން އޮފިސަރުންގެ ޓްރެއިނިން ޕްރޮގުރާމާއި ގުޅޭގޮތުން މިނިސްޓަރ އިމްރާން ވިދާޅުވީ، މިއީ ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ކުރެވިގެންދާ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. މަންޑޭލާ ރޫލްސް އާއި އެއްގޮތަށް ޖަލުތަކުގެ ކަންކަން ބައްޓަން ކުރުމަށްޓަކައި މިހިންގޭ ޕްރޮގުރާމަކީ މުހިންމު ތަމްރީން ޕްރޮގުރާމެއްގެ ގޮތުގައި މިނިސްޓަރ ވަނީ ސިފަ ކުރައްވާފައެވެ.

ޖަލުތަކުގައި ތިބޭ ގައިދީންނަށް އިންސާނީ ކަރާމަތަށް އިސްކަންދީގެން ދޭންޖެހޭ ތަމްރީނާއި، މައުލޫމާތު ދެވޭނީ އެކަމަށް ޤާބިލް އޮފިސަރުން ތިބެގެންކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ. އަދި މިހާރު މިހިންގޭ އޮފިސަރުން ތަމްރީން ކުރުމުގެ ޕްރޮގުރާމާއި އެކީގައި ޤައިދީން އިސްލާހުކޮށް މުޖުތަމައަށް ނެރުމަށް ރަނގަޅު މައުލޫމާތުތަކާއި ތަޖުރިބާތަކެއް ލިބިގެންދާނެކަމަށެވެ.

"އަނެއްކާވެސް ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ މުހިންމު ފިޔަވަޅެއް. އިންސާނީ ކަރާމާތައް އިސްކަންދީގެން ގައިދީން އިސްލާހުކޮށް އަލުން މުޖުތަމައަށް ނެރުމުގެ މަސައްކަތަށް އެންމެ މުހިންމުކަމަކީ ޤާބިލް އޮފިސަރުން އުފެއްދުން. މި ތަމްރީންތަކުން އެކަމަށް މަގުފަހި ވެގެންދާނެ" މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ރާއްޖޭގެ ޖަލުތަކުގައިވެސް ނެލްސަން މަންޑޭލާ ރޫލްސް ތަޢާރަފްކޮށް އެޔަށް އަމަލުކުރަން ވަނީ ފަށަފައެވެ. އަދި އެރޫލްސްތަކަށް ފުރިހަމައަށް ޢަމަލުކުރަން ފެށުމުން ޖަލުތަކުގެ ވަރަށްގިނަ ކަންކަން އިޞްލާހުވެގެންދާނެކަމަށް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވަނީ ވިދާޅުވެފައެވެ.

"ނެލްސަން މަންޑޭލާ ރޫލްސް،" މި ފޮތަކީ ދެކުނު އެފްރިކާގައި ހިނގަމުންދިޔަ ނަސްލީ ތަފާތު ކުރުންތަކާއި ދެކޮޅަށް މަންޑޭލާ ކުރެއްވި މަސައްކަތްތައް ފާހަގަކުރުމުގެ ގޮތުން މަންޑޭލާގެ ޝަރަފުގައި ލިޔެފައިވާ ފޮތެކެވެ. ދެކުނު އެފްރިކާގައި އޮތް "އެޕާތައިޑް" ނުވަތަ ނަސްލީ ތަފާތުކުރުމުގެ ވެރިކަމާއި ދެކޮޅަށް ކުރެއްވި މަސައްކަތުގެ ތެރެއިން ނެލްސަން މަންޑޭލާ 27 އަހަރު ޖަލުގައި ހޭދަ ކުރައްވަން ޖެހިވަޑައިގެންނެވިއެވެ. މި ފޮތުގައި ޤައިދީންނާއި މެދު އިންސާފާއި، އިންސާނީ ކަރާމާތް ނުގެއްލޭ ގޮތައް ޢަމަލުތައް ބަހައްޓާނެގޮތްތައް ވަރަށް ތަފްޞީލުކޮށް ބަޔާންކޮށްފައިވެއެވެ.