ސިއްހަތު

ފުއްޕާމޭގައި ކަނަމަދުކޮޅެއް ތާށިވި ތުއްތު ކުއްޖާގެ އޮޕަރޭޝަން ކާމިޔާބު، ބުދަ ދުވަހު ޢާއިލާ ރާއްޖެ އަންނަނީ

ފުއްޕާމޭގައި ކަނަމަދުކޮޅެއް ތާށިވި ތުއްތު ކުއްޖާގެ އޮޕަރޭޝަން ކާމިޔާބުކަމަށް އެކުއްޖާގެ ޢާއިލާއިން ބުނެފިއެވެ.

ފުއްޕާމޭގައި ކާއެތިކޮޅެއް ތާށިވެ ނޭވާލާން އުނދަގޫވެގެން ރާއްޖެއިންވެސް އެއް އޮޕަރޭޝަންކޮށްފައިވާ އެއް އަހަރާއި ފަސްމަހުގެ މިތުއްތުކުއްޖާގެ ފުރަތަމަ އޮޕަރޭޝަން ރާއްޖެއިން ކާމިޔާބު ނުވުމުން، ޑޮކްޓަރުންވަނީ ވީއެންމެ އަވަހަށް ރާއްޖެއިން ބޭރުން އޮޕަރޭޝަންކުރުމަށް ލަފާދީފައެވެ.

އެ ކުއްޖާއާއި ޢާއިލާ މިދިޔަ ޖުލައިމަހުގެ 29ވަނަ ދުވަހު އާސަންދައިގެ ދަށުން ބޭސްފަރުވާއަށް އިންޑިއާއަށް ދާން ޕްލައިޓަށްވެސް އެރިފަހުން ކޯވިޑް-19ގެ ޓެސްޓުގެ ނަތީޖާ ޕޮޒިޓިވްވެގެންކަމަށްބުނެ ވަނީ ފްލައިޓުންބާލާފައެވެ. ނަމަވެސް ކުޑަކުއްޖާ ކޯވިޑް-19އަށް ޕޮޒިޓިވް ނުވާކަމަށާއި، އެކުއްޖާއާއި އެހީތެރިން އިންޑިއާއަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗް.އީ.އޯ.ސީން ފަހުން ވަނީ ހާމަކުރައްވާފައެވެ.

އޭގެ ހަފްތާއެއް ފަހުން ކޯވިޑް-19އާ ގުޅިގެން އޮތް ޚާއްސަ ޙާލަތުގެތެރޭގައި އާސަންދައިގެ ދަށުން ބޭސްފަރުވާއަށް ތުއްތުކުއްޖާއާއި އޭނާގެ މަންމައާއި ބައްޕަ އިންޑިއާގެ ތިރުވަނަންތަޕޫރަމަށް ގޮސްފައިވަނީ އޯގަސްޓްމަހުގެ 7ވަނަ ދުވަހުއެވެ. ފަރުވާގެ ކަންކަން ކުރިއަށްގެންގޮސްފައިވަނީ ކިމްސް ހޮސްޕިޓަލުގައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެމުން މި ތުއްތު ފިރިހެން ކުއްޖާގެ ބައްޕަ ބުނީ، ކިމްސް ހޮސްޕިޓަލުން ކުއްޖާ ބެލުމަށްފަހު ފުރަތަމަ ޓެސްޓްތަކަކާއި ސްކޭންތަކެއް ހެދިކަމަށެވެ. ނަމަވެސް ފުއްޕާމޭގައި ތާށިވެފައިވާ ކަނަމަދުކޮޅު ނެގުމަށް ތައްޔާރުވެފައިވަނިކޮށް، ކުއްޖާބެލި ޑޮކްޓަރު ކޯވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އޭނާއާއި އޭނާގެ ޓީމް ކަރަންޓީނަށް ދިއުމުން އިތުރު 14 ދުވަސް އަނެއްކާވެސް މަޑުކުރަންޖެހުނު ކަމަށެވެ.

އެ ކުއްޖާގެ ފުއްޕާމޭގައި ތާށިވެފައިވާ ކަނަމަދުކޮޅު ނަގާފައިވަނީ "ބްރޮންކޮސްކޮޕީ" ހަދައިގެނެވެ. މިއީ ފުއްޕާމެއާއި ނޭވާލާ ނިޒާމު ބެދޭގޮތްވުމުން އަނގަ ނުވަތަ ނޭފަތަށް ހިމަ ޓިއުބެއް ވައްދައިގެން ކުރިއަށްގެންދާ ޕްރޮސިޖަރއެކެވެ. ތުއްތު ކުއްޖާގެ ބައްޕަ ބުނިގޮތުގައި އެ ކުއްޖާގެ ފުއްޕާމޭގައި ތާށިވެފައިވާ ކަނަމަދުކޮޅު ނެގުނީ އެފަދަ 2 ޕްރޮސިޖަރ ހަދައިގެންނެވެ.

ކުއްޖާގެ ޙާލަތު މިހާރު ރަނގަޅުކަމަށާއި، ނޭވާލުމުގައި އިތުރު މައްސަލަތަކެއް ދިމާވާކަން ފާހަގަކުރެވިފައި ނުވާކަމަށްވެސް ކުއްޖާގެ ބައްޕަ ބުންޏެވެ. އޭނާ ބުނީ އެ އާއިލާއިން މިއަންނަ ބުދަ ދުވަހު ރާއްޖެއައުމަށް މިހާރު ތައްޔާރުވަމުންދާކަމަށެވެ.