ކުޅިވަރު

ބ.ހިތާދޫގައި ސަރުކާރުން ހެދި ފުޓްސަލް ދަނޑު ހުޅުވައިފި


ބ.ހިތާދޫގައި ސަރުކާރުން ހެދި ފުޓްސަލް ދަނޑު ހުޅުވައިފިއެވެ. މި ދަނޑު ހުޅުއްވައިދެއްވީ ބ.އަތޮޅު ކައުންސިލްގެ ނާއިބު ރައީސް އަޙްމަދު އަފްރާހްއެވެ.

މި ދަނޑު ހުޅުވުމަށްޓަކައި ބޭޢްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެންޕަވަރމަންޓް އަޙްމަދު މަޙްލޫފް ބައިވެރިވެވަަޑައިގެންފައިވަނީ އޮންލައިކޮށެވެ. މިރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ ހިތާދޫ އަކީ ފުޓްސަލްގައި ރާއްޖޭގެ ރަންވަނަތައް ހާސިލް ކުރަމުން އަންނަ ރަށެއްކަމަށެވެ. އަދި ހިތާދޫގެ ފުޓްސަލްގެ ކުރިމަގު މި ދަނޑުގެ ސަބަބުން އިތުރައް ކުރިއަރައިދާނެކަމަށް ދެކެލައްވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިސަރުކާރުން މަސައްކަތް ކުރާނީ އާބާދީއަށް ބެލުމެއް ނެތި ހަމަހަމަކަމާ އެކުގައި ތަރައްޤީއާއި ޒުވާނުން ބޭނުންވާކަންކަން ފުރިހަމަކޮށްދެއްވުމަށްކަމަށެވެ. އަދި ކުޅިވަރުގެ ރޮނގުން ހިތާދޫއަށް އިތުރު ކަންތައްތަކެއް ކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަންވެސް މިނިސްޓަރ ދެއްވިއެވެ.

މި ރަސްމިޔާތުގައި ވާހަކަދައްކަވަމުން ހިތާދޫ ކައުންސިލްގެ ރައީސް ޢަބްދުލް އަޒީޒު މުޙައްމަދު ވަނީ، ހިތާދޫގައި ކުޅިވަރު ކުރިއެރުވުމަށާއި، އުމްރާނީ ގޮތުން ރައްޔިތުންނާއި ޒުވާނުން ބޭނުންވާކަންކަން ކޮށްދެއްވަމުން ގެންދަވާކަމަށްޓަކައި ސަރުކާރަށް ޝުކުރު އަދާ ކުރައްވާފައެވެ.

ފުޓްސަލް ދަނޑު ހުޅުވުމުގެ ގޮތުން ވަނީ އެރަށުގެ ޒުވާނުންގެ މެދުގައި ޚާއްސަ ފުޓްބޯޅަ މެޗެއް ކުޅެފައެވެ.

މި ދަނޑުގެ ސަބަބުން ހިތާދޫގެ ނަން ރާއްޖޭގައި އިތުރައް ވިދާނެކަމަށާއި، މިއީ ޒުވާނުންނަށް ސަރުކާރުން ދިން ވަރަށް އަގު ބޮޑު ހަދިޔާއެއްކަމަށް ދެކޭކަމަށް އެރަށު ޒުވާނުން ބުނެއެވެ. މީ މިސަރުކާރުން ބ.އަތޮޅުގައި ހުޅުވި 5 ވަނަ ފުޓްސަލް ދަނޑެވެ.