ޚަބަރު

އަތޮޅުތަކުގައި ކުރި ނާރުގެ ފުރަތަމަ އޮޕަރޭޝަން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި


ރާއްޖޭގެ ސިއްޙީ ނިޒާމު ވަރުދަގަކޮށް އަތޮޅުތަކުގައި ވަސީލަތްތައް އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިނަމަވެސް، އިންސާނީ ވަސީލަތުގެ ދަތިކަމަކީ މިހާރުވެސް ރާއްޖޭގެ ސިއްޙީ ނިޒާމަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ.

މި ދަތިކަން ހައްލުކޮށް ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތްތަކެއް އަތޮޅުތަކުންވެސް ލިބޭނެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އަތޮޅުގައި ސިއްޙީ ނިޒާމު ވަތުގަދަކުރުމަށް ކުރާ މަސައްކަތުގެ ދަށުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަކީ އަތޮޅުތަކުގައި ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމަށް ފެށި ފުރަތަމަ ހޮސްޕިޓަލެވެ.

މަތީ ފެންވަރުގެ ސިއްޙީ ނިޒާމަކަށް ފައްކާވަމުން އަންނަ އެ ހޮސްޕިޓަލުން ބޮޑެތި ބައެއް އޮޕަރޭޝަންތައް މިހާރުވެސް ކޮށްފައިވާއިރު އަނެއްކާވެސް އެ ހޮސްޕިޓަލުގައި މިވަނީ ފާހަގަކޮށްލެވޭ ބޮޑު އޮޕަރޭޝަނެއް ކޮށްފައެވެ. އޭޑީގެ ހޮސްޕިޓަލުގެ އިމަރޖެންސީ މެޑިކަލް ޓީމާއި، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ މެޑިކަލް ޓީމް ގުޅިގެން މިވަނީ އެ ހޮސްޕިޓަލްގައި ފުރަތަމަފަހަރަށް ނާރުގެ ނާޒުކު އޮޕަރޭޝަނެއްކޮށްފައެވެ. މިއީ މިހާތަނަށް، އަތޮޅުތަކުގެ ހޮސްޕިޓަލެއްގައި ނާރުގެ އޮޕަރޭޝަނެއް ކުރި ފުރަތަމަ ފަހަރެވެ.

މި އޮޕަރޭޝަން ކޮށްފައިވަނީ ބޮލަށް ބޮޑެތި ގެއްލުންތަކެއްވުމާ ގުޅިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންދިޔަ އުމުރުން 62 އަހަރުގެ ފިރިހެނެއްގެއެވެ. އިއްޔެ އިރުއޮއްސި ހައެއްޖަހާކަށްހާއިރު އެމީހާ އެ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މަސައްކަތުގައި އުޅެނިކޮށް ބޮލުގައި އެއްޗަކުންޖެހި ބޮލަށް ބޮޑެތި ގެއްލުންތަކެއް ވުމާ ގުޅިގެންނެވެ.

އެ ހޮސްޕިޓަލުން ބުނީ ހެދި ޓެސްޓްތަކުން އެމީހާގެ ބޮލުގެ ނާށިގަނޑުގެ ތެރެއަށް ލޭ އެޅިފައިވާކަމަށް ދެއްކި ކަމަށެވެ. އަދި މި އޮޕަރޭޝަން ކުރަން ނިންމީ ބަލިމީހާގެ ޙާލަތު ގޯސްވަމުން ދިއުމާއި، އިތުރު ފަރުވާއަށް މާލެ ގެންދިއުމަކީވެސް ދަތިކަމަކަށް ވެފައި، އަވަސް އޮޕަރޭޝަނެއް ނުކޮށްފިނަމަ އެމީހާގެ ފުރާނައަށް ގެއްލުންވާނެކަމަށް ޑޮކްޓަރުންނަށް ފެނުމުން ކަމަށެވެ.

މިކަމާއި ގުޅިގެން އޭޑީކެ ނިއުރޯސަރޖަންގެ ޓީމާއި މަޝްވަރާކުރުމުން އެ ހޮސްޕުޓަލުންވަނީ، ބަލިމީގެ އޮޕަރޭޝަން ކުރިއަށްގެންދިއުމަށް އެ ހޮސްޕިޓަލްގެ ނާރުގެ ބަލިތަކާއިގުޅޭ ނިއުރޯސަރޖިކަލް ޓީމްއެއް، އޮޕަރޭޝަނަށް ބޭނުންވާ ތަކެއްޗާއިއެކު ފޮނުވުމަށް އެދިފައެވެ. މި ޓީމް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ފޮނުވުމުގެ ދަތުރުފަތުރުގެ ކަންކަން ހަމަޖއްސާފައިވަނީ އާސަންދަ ކުންފުނިންނެވެ. މި ޓީމް އައްޑޫ ސިޓީއަށް ދިއުމަށް ނިންމީ، ބަލިމީހާ މާލެ ގެނެވެންދެން، އެމީހާގެ ޙާލަތު އިތުރަށް ގޯސްވިއަ ނުދިނުމަށް ކުރާ ސަރޖަރީއެއް ކުރުމަށެވެ.

ރޭގެ 9:50ގެ ފްލައިޓުން އޭޑީކޭ ހޮސްޕިޓަލްގެ ނިއުރޯސަރޖިކަލް ޓީމް، އޮޕަރޭޝަނަށް ބޭނުންވާ ތަކެއްޗާއިއެކު އައްޑުއަށް ފޮނުވާލިއެވެ. އޭޑީކޭއިން ދަތުރުކުރި މެޑިކަލް ޓީމްގައި ހިމެނެނީ، ނިއުރޯސަރޖަން ޑރ.އަލީ ނިޔާފް، ނިއުރޯސަރޖަރީ ސްކްރަބް ނަރސް ޝަމޫނާ އަލީ އަދި ކްރިޓިކަލް ކެއަރ މެޑިކަލް އޮފިސަރ ޑރ.އަދީލް ޝަރީފްއެވެ. އޭޑީކޭގެ ޓީމް އައްޑުއަށް ދެވުމާއިއެކު، އެ ޓީމުން އިކުއިޓޯރިއަލް ހޮސްޕިޓަލްގެ ޓީމާއިއެކު އޮޕަރޭޝަންގެ މަސައްކަތް ފެށިއެވެ.

އައްޑޫ ހޮސްޕިޓަލްގެ ހޭނައްތާ ޑޮކްޓަރާއި، އޮޕަރޭޝަން ޑޮކްޓަރު އަދި ނަރުހަކާއި، އޭޑީކޭގެ ޓީމް، ބަލިމީހާގެ އޮޕަރޭޝަން ފަށާފައިވަނި ރޭގެ 11:45ގައެވެ. ޑރ.ނިއާފްގެ އެހީއާއިއެކު ކުރިއަށްގެންދިޔަ މި އޮޕަރޭޝަންގައިވަނީ ބަލީމީހާގެ ސިކުނޑި ދުޅަވަމުންދާތީ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ބޮލުގެ ނާށިގަނޑުން ބައެއް ނެގުމަށްފަހު ކަމަށްވެސް އެ ހޮސްޕިޓަުން މަޢުލޫމާތު ދެއެވެ. އޮޕަރޭޝަނަށް ފަހު ބަލިމީހާގެ ޙާލަތު ރަނގަޅުވަމުން އައިސްފައިވާކަމަށް އޭޑީކޭ ހޮސްޕިޓަލްގެ ޓީމުންވަނީ ބުނެފައެވެ.

އައްޑޫ ސިޓީ ހޮސްޕިޓަލްގައި އެމީހާއަށް ބޭނުންވާ އިމަރޖެންސީ ފަރުވާ ދިނުމަށްފަހު އިތުރުފާރުވާއަށް މާލެ ގެނެސްފައިވަނީ ދަންވަރު 4:45ގައެވެ. އެމީހާއަށް މިހާރު އިތުރު ފަރުވާ ދެމުންދަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ. މާލެ ގެނައުމަށްފަހު އެމީހާގެ މޭޖަރ ސަރޖަރީވަނީ އޭޑީކޭގައި ކުރިއަށްގެންސްފައެވެ.

މިއީ އައްޑޫ ސިޓީ އިކުއިޓޯރިއަލް ހޮސްޕިޓަލާއި އޭޑީކޭ އަދި، ރާއްޖޭގެ ސިއްހީ ނިޒާމުގައިވެސް މިގޮތަށް ނާރުގެ ކުއްލި އޮޕަރޭޝަނެއް އަތޮޅުތަކުގައި ކުރިއަށްގެންދިޔަ ފުރަތަމަ ފަހަރެވެ.