ވިޔަފާރި

އާމްދަނީއަށްވުރެ ޚަރަދުތައް 2 ގުނަ އިތުރު!


ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ ޚަރަދުތައް 2 ގުނަ އިތުރުވެފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 9.4 ބިލިއަން ރުފިޔާއެވެ. ނަމަވެސް ޚަރަދުތައް ވަނީ އާމްދަނީއަށްވުރެ 2 ގުނަ އިތުރުވެ، 17.2 ބިލިއަން ރުފިޔާއަށް އަރާފައެވެ.

މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 9.4 ބިލިއަން ރުފިޔާ ލިބުނުއިރު، އޭގެ ތެރޭގައި ހިމެނެނީ ޓެކްސްގެ ގޮތުގައި ލިބުނު 7.7 ބިލިއަން ރުފިޔާއާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު 1.6 ބިލިއަން ރުފިޔާއެވެ.

ޓެކްސްގެ ގޮތުގައި 7.7 ބިލިއަން ރުފިޔާ ލިބުނުއިރު، އޭގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ޖީއެސްޓީ ނުވަތަ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސްއެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި 3.1 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބިޒްނަސް ޕްރޮފިޓް ޓެކްސްއިންނެވެ. އެއީ 2.9 ބިލިއަން ރުފިޔާއެވެ. އަދި އިމްޕޯޓް ޑިއުޓީގެ ގޮތުގައި 983 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެއިތުރުން ގްރީން ޓެކްސްގެ ގޮތުގައި 295 މިލިއަން ރުފިޔާ އަދި އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ލިބިފައިވާ 253 މިލިއަން ރުފިޔާއަކީވެސް ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ.

ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް 1.6 ބިލިއަން ރުފިޔާ ލިބުނުއިރު، އޭގެ ތެރޭގައި އެކިއެކި ފީއާއި ޗާޖުގެ ގޮތުގައި ލިބިފައިވާ 666 މިލިއަން ރުފިޔާ ހިމެނެއެވެ. މީގެ އިތުރުން ރިސޯޓް ކުލީގެ ގޮތުގައި ލިބުނު 386 މިލިއަން ރުފިޔާއާއި، ޑިވިޑެންޑްގެ ގޮތުގައި ލިބުނު 108 މިލިއަން ރުފިޔާއަކީވެސް ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ.

މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން 17.2 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އޭގެ ތެރެއިން 6.5 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވަނީ މުސާރައާއި ޕެންޝަނަށެވެ. އަދި 5.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވަނީ ދައުލަތުގެ އިދާރީ ހިންގުމުގެ ޚަރަދުތަކަށެވެ.