ޚަބަރު

އިންޓަރޕޯލް ފިޝަރީޒް ކްރައިމް ވޯކިންގ ގްރޫޕްގެ ބޯޑު މެންބަރުކަން ރާއްޖެއަށް


އިންޓަރޕޯލް ފިޝަރީޒް ކްރައިމް ވޯކިންގ ގްރޫޕްގެ އައު ބޯޑު މެންބަރުކަމަށް ރާއްޖެ އިންތިޚާބުވެއްޖެއެވެ. އެގްރޫޕްގެ ބޯޑު މެންބަރަކަށް ރާއްޖެ އިންތިޚާބުކުރީ މެންބަރު ޤައުމުތަކާއިއެކު ވާރޗުއަލްކޮށް ބޭއްވި ބައްދަލުވުމުގައެވެ.

އިންޓަރޕޯލް ފިޝަރީޒް ކްރައިމް ވޯކިންގ ގްރޫޕްގެ އަށްވަނަ ބައްދަލުވުމުގައި ވަނީ 2020 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާއި ހަމައަށް އެޖަމާއަތުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް 7 މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެއް އިންތިޚާބުކޮށްފައެވެ. މި ބޯޑުގައި ހިމެނޭ 7 ޤައުމުގެ ތެރެއިން ބޯޑުގެ ޗެއާއަކީ ކެނެޑާއެވެ. ވައިސް ޗެއަރއަކީ އޮސްޓްރޭލިއާއެވެ. ދެން މިބޯޑުގައި ހިމެނެނީ ދިވެހިރާއްޖޭގެ އިތުރުން އެމެރިކާއާއި، ބްރެޒިލްއާއި، ޕެރޫއާއި އަދި، ބެނިންއެވެ.

އިންޓަރޕޯލް ފިޝަރީޒް ކްރައިމް ވޯކިންގ ގްރޫޕަކީ، ޤަވާއިދާއި ޚިލާފަށް ކުރެވޭ މަސްވެރިކަމާއި، އެދާއިރާއިން ހިންގޭ ޤަވާއިދާއި ޚިލާފު ޢަމަލުތައް ހުއްޓުވުމަށް ބައިނަލްއަޤުވާމީގޮތުން ހިންގާ އިންޓާޕޯލްގެ ގުނަވަނެކެވެ. އެގްރޫޕްގެ މެންބަރު ޤައުމުތަކުގެ މެދުގައި މަޢުލޫމާތު ބަދަލުކުރުމާއި، ޤައުމުތަކުގެ ތަޖުރިބާ ހިއްސާކުރުމާއި، މަސްވެރިކަމުގެ ޤަވާއިދާއި ޚިލާފު ޢަމަލުތައް ހުއްޓުވުމަށް ޤައުމުތައް ގުޅިގެން ކުރާ މަސައްކަތްތަކާއި، އިންޓެލިޖެންސް މަޢުލުމާތު ހިއްސާކުރުމުގައިވެސް މިގްރޫޕްގެ ޤައުމުތަކުން އެހީތެރިވެދެއެވެ.

މިގްރޫޕު އެކުލެވިގެންވަނީ މެންބަރު ޤައުމުތަކުގެ މަސްވެރިކަމާބެހޭ ވުޒާރާ އާއި، ޓެކްސް އިދާރާއާއި، ކަސްޓަމްސްއާއި ފުލުހުންނާއި، ކޯސްޓްގާޑާއި، އަމިއްލަ ޖަމިއްޔާތައްވެސް ހިމެނޭގޮތަށެވެ.