ޚަބަރު

ތެލަސީމިއާ ކުދިންނަށް ހަފްތާއަކަށް 160 ޔުނިޓްގެ ލޭ ބޭނުންވޭ: އެމްބީއެސް


ތެލަސީމިއާ ކުދިންނަށް ލޭ އެޅުމަށްޓަކައި، ހަފްތާއަކަށް 160 ޔުނިޓްގެ ލޭ ބޭނުންވާ ކަމަށާއި އެހެން ނަމަވެސް އެއަދަދަށް ލޭ ލިބުމުގެ ދަތިކަން އަބަދުވެސް ކުރިމަތިވަމުން އަންނަ ކަމުގައި މޯލްޑިވުސް ބުލަޑް ސާވިސަސްއިން ބުނެފިއެވެ.

މޯލްޑިވުސް ބްލަޑް ސާވިސް ހިންގުމާއި ހަވާލުވެހުންނެވި، ކުލިނިކަލް ނާސް، ގުލިސްތާން އީސާ ވިދާޅުވީ، ކޯވިޑް-19ގެ ހާލަތު އައުމުގެ ކުރިން، ބުލަޑް ބޭންކަށް ބޭނުންވާ މިންވަރަށް ލޭ ހޯދުމުގައި އޮތް ދަތިތައް ހައްލު ކުރަމުން ގެންދިޔައީ ލޭ ހަދިޔާ ކުރުމުގެ ކޭމްޕްތައް ބާއްވައިގެން ކަމަށެވެ. ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ލޭ ހަދިޔާކުރުމުގެ ކޭމްޕަތައް ނުބޭއްވޭތީ، އެކަމުގެ ދަތިކަން އޮތް ކަމަށެވެ.

ގުލިސްތާން ވިދާޅުވީ، ދެކުންފުންޏަކުންވެސް އެމްބީއެސްއަށް ލޭ ހަދިޔާކުރުމަށްޓަކައި ކޭމްޕްތައް ބާއްވާފައިވާ ކަމަށެވެ. އަދި ކޯވިޑް-19ގެ އައު އާއްމު ހާލަތުގެ ފިޔަވަޅުތަކާއި އެއްގޮތަށް، ލޭ ހަދިޔާކުރުމުގެ ކޭމްޕްތައް ކުރިޔަށް ގެންދެވޭނެ އިންތިޒާމްތައް ހަމަޖެހިފައިވާ ކަމުގައިވެސް ގުލިސްތާނު ވިދާޅުވިއެވެ.

ގުލިސްތާން ވިދާޅުވީ، ތެލަސީމީއާ ކުދިންނަށް ލޭ އެޅުމަށްޓަކައި، އެމްބީއެސްގެ ބުލަޑް ބޭންކަށް ހަފްތާއަކަށް 160 ޔުނިޓްގެ ލޭ ބޭނުންވާ ކަމަށާއި، އެހެން ނަމަވެސް އެމިންވަރަށް ލޭ ނުލިބޭ ކަމަށެވެެ. އަދި ތެލަސީމިއާ ގިނަ ކުދިން ލޭ ދޭނޭމީހުން އެކުދިން އަމިއްލައަށް ހޯދައިގެން ގެންނާތީ، އެތަން ފޫބެއްދެނީ ކަމުގައިވެސް ގުލިސްތާނު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އިމާޖެންސީތަކުގައި އާއްމު ފަރާތްތަކާއި ހޮސްޕިޓަލްތަކަށްވެސް، އެމްބީއެސްގެ ބުލަޑްބޭންކުން ލޭ ފޯރުކޮށްދޭ ކަމަށެވެ. އަދި ލޭ ބޭނުންވެގެން ސޯޝަލްމީޑިއާގައި ކޮށްފައި ހުންނަ ޕޯސްޓްތައް ފެނިގެން އެމްބީއެސްއިން އެފަރާތްތަކާއި ގުޅައިގެންވެސް ލޭފޯރުކޮށްދޭ ކަމުގައި ގުލިސްތާން ވިދާޅުވިއެވެ. އެހެންނަމަވެސް ފުޅާދާއިރާއެއްގައި އެޚިދުމަތް ދެވޭނީ، މޯލްޑިވުސް ބުލަޑް ސާވިސަސްގެ ބުލަޑް ބޭންކުގައި ބޭނުންވާ މިންވަރަށްވެސް ލޭ ރައްކާކުރެވިގެން ކަމަށެވެ.

ސިއްހަތު ސަލާމަތުން ހުރި ކޮންމެ މީހަކަށްވެސް ކޮންމެ 3 މަހަކުން އެއްފަހަރު، ލޭ ހަދިޔާކުރެވޭނެއެވެ. އެހެންކަމުން ލޭ ހަދިޔާ ކުރައްވަން ބޭނުންވާ ބޭފުޅުނާއި، ލޭ ހަދިޔާކުރުމުގެ ކޭމްޕްތައް ބާއްވަން ބޭނުންވާ ފަރާތްތަކުން މޯލްޑިވުސް ބުލަޑް ސާވިސަސްއަށް އެކަން އެންގުމުން، ލޭ ނެގުމުގެ އިންތިޒާމްތައް ހަމަޖައްސައި ދޭނެއެވެ.

ރާއްޖޭގައި ތެލަސީމިއާ ބަލީގެ، 894 ކުދިން ރަޖިސްޓްރީކޮށްފައި ވާއިރު، އޭގެ ތެރެއިން ބައެއް ކުދިން ވަނީ ނިޔާވެފައެވެ. އަދި ބައެއް ކުދިން ބޯންމެރޯ ޓްރާންސްޕްލާންޓް ހަދައި ބަލިން ރަނގަޅުވެފައި ވާއިރު، ލޭ އަޅަމުން ދަނީ، 636 ކުދިންނެވެ. އޭގެތެރެއިންވެސް 360 ކުދިންނަކީ، މާލޭގައި ދިރިއުޅޭ އަދި، އެމްބީއެސްއިން ޚިދުމަތް ހޯދަމުންދާ މީހުންނެވެ.