ދުނިޔެ

އިނގިރޭސިވިލާތުގައި ކޯވިޑް-19 ގެ ދެވަނަ ރާޅެއް


އިނގިރޭސިވިލާތުގައި ކޯވިޑް-19ގެ ދެވަނަ ރާޅެއް ފެތުރެން ފަށައިފައިވާކަމަށާއި ބަލި ފެތުރުން ހުއްޓުވުމަށް ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އަޅަންޖެހިދާނެކަމަށް އެ ޤައުމުގެ ބޮޑުވަޒީރު، ބޮރިސް ޖޮންސަން ވިދާޅުވެއްޖެއެވެ.

ވިލާތުގެ ޤައުމުތަކުގެ ތެރެއިން ހަތަރުވަނައަށް އެންމެ ބޮޑަށް ކޯވިޑް-19 ފެތުރިފައިވަނީ އިނގިރޭސިވިލާތުގައެވެ. އެ ޤައުމުގައި މިހާތަނަށް 385،936 މީހުންނަށް ބަލިޖެހި 41،732 މީހުންވަނީ މަރުވެފައެވެ. އެއީ ޤައުމުތަކުގެ ތެރެއިން ފަސްވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވާ ޢަދަދެވެ. އެ ޤައުމުގައި ވަރަށް ހަލުވިކަމާއެކު ބަލި ފެތުރެމުންގޮސް މަޑުޖެހި، އަނެއްކާވެސްވަނީ ބަލިފެތުރޭ މިންވަރުވަނީ އިތުރުވާން ފަށައިފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 4،322 މީހުންނަށް ބަލިޖެހި 27 މީހުންވަނީ މަރުވެފައެވެ. ފާއިތުވި އެއް ހަފުތާގެ ތެރޭގައި ބަލިފެތުރޭ މިންވަރުވަނީ އޭގެ ކުރީ ހަފުތާކާއި އަޅާ ބަލާއިރު ވަރަށް ބޮޑަށް އިތުރުވާން ފަށާފައެވެ.

މީގެ ކުރިން އިނގިރޭސިވިލާލުގެ ބޮޑުވަޒީރު ޖޮންސަންވަނީ ޤައުމުގައި ބަލިފެތުރޭ މިންވަރު ދަށަށް ގެންދިޔުމަށް ކުރިން ފުރަބަންދު ކުރި ފަދައިން ދެވަނަ ފަހަރަށް ޤައުމު ފުރަބަންދުކުރުމަށް ނޭދޭކަމަށް ވިދާޅުވެފައެވެ. ހަމަ އެގޮތަށް އެ ޤައުމުގެ ޞިއްޙަތާބެހޭ ވަޒީރު މެޓް ހެންކޮކްވެސްވަނީ އިތުރު ގޮތެއް ނެތިގެން ނޫނީ ދެވަނަ ފުރަބަންދެއް ޤައުމުގައި އިޢުލާނުނުކުރާނެކަމަށް ވިދާޅުވެފައެވެ. މިހާރު ކުރިމަތިވެފައިވާ ޙަލަތުގައި ފުރަބަންދުކޮށްފާނެތޯ އޭނާގެ އަރިހުން ނޫސްވެރިން ސުވާލުކުރުމުން ވިދާޅުވީ އެކަމާގުޅޭ ޖަވާބެއް މިވަގުތު ދެވެން ނެތްކަމަށެވެ.

ނަމަވެސް އެ ޤައުމުގެ ބައެއް ސަރަޙައްދުތަކުގައި ބަލިޖެހޭ މީހުންގެ ޢަދަދާއި މިންވަރު ކުއްލިއަކަށް އިތުރުވެ، ޙާލުދެރަވެގެން ހަސްފަތާލުގައި އެނދުމަތިކުރަންޖެހޭ މީހުންގެ ޢަދަދު އިތުރުވުމުން އިތުރު ފުރަބަންދެއް ޤާއިމްކުރުމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރަމުންދާކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ.

ބޮޑުވަޒީރު ޖޮންސަން ވިދާޅުވީ މިހާރު އިނގިރޭސިވިލާތުގައި ފެންނަމުންދަނީ ބަލީގެ ދެވަނަ ރާޅެއްގެ ފެށުންކަމަށާއި ދެވަނަ ފަހަރަށް ބަލި ފެތުރުމުން ޤައުމު ރައްކާތެރިކުރެވޭނެ ގޮތެއް ނެތްކަމަށެވެ. އިތުރު ފުރަބަންދަކަށް ދިޔުމުގެ ވިސްނުން ގެންގުޅުއްވަވާތޯ ނޫސްވެރިން ސުވާލުކުރުމުން ޖޮންސަން ވިދާޅުވީ ފުރަބަންދަކަށް ދިއުމަށް އެއްވެސް މިންވަރަކަށް ނޭދޭކަމަށެވެ. ނަމަވެސް ފިޔަވަޅުތައް އިތުރަށް ހަރުކަށި ނުކުރާނެކަމަށް ވިދާޅެއް ނުވެއެވެ.

މިދިޔަ ހަފުތާގައި ޤަވާއިދުތަކަށް ގެނައި ބަދަލުތަކަށް އިޝާރާތްކުރައްވާ ޖޮންސަން ވިދާޅުވީ މިހާރުގެ ޙާލަތަށް ބަލައި އެއްފަހަރާ ހަ މީހުންނަށްވުރެ ގިނަ މީހުން ބައްދަލުނުކުރެވޭގޮތަށް އޮތް އޮތުން އިތުރަށް ހަރުކަށިކުރުމާމެދު ވިސްނަން ޖެހިފައިވާކަމަށެވެ.