ދުނިޔެ

"ޖަމަލު ފޮތް ގާޑިޔާ" މަދަރުސާއަށް ނުދެވިތިބި ކުދިންގެ އުއްމީދު


ކޯވިޑް-19ގެ ސަބަބުން ދުނިޔޭގެ ހުރިހާ ސަރަޙައްދެއްގައި ހުރި ގިނަ ޢަދަދެއްގެ މަދަރުސާތައް ބަންދުކުރުމަށްވަނީ މަޖުބޫރުވެފައެވެ. ޓެކްނޮލޮޖީއާއި ވަޞީލަތްތައް ލިބުމުގައި ހުންނަ ދަތިތަކުގެ ސަބަބުން ފަޤީރު ސަރަޙައްދުތަކުގައި ދިރިއުޅޭ ދަރިވަރުންވަނީ ކިޔެވުމުން މަހުރޫމުވެފައެވެ. މި ދަތި ވަގުތުގައި މަދަރުސާއަށް ދެވޭނެ މަގެއް ނެތި އަދި ތަޢުލީމު ޙާޞިލްކުރެވޭނެ ގޮތެއް ނެތި ނިކަމެތިވެފައި ތިބި އިތިއޯޕިއާގެ ދަރިވަރުންނަށް އުއްމީދުތަކެއް ގެނެސްދެނީ ޖަމަލެއްގެ މަތީގައި ހިންގާ 'ފޮތް ގާޑިޔަ'ލެކެވެ.

ގުރޭޑު 7ގައި ތަޢުލީމު ޙާޞިލްކުރަމުންދާ އުމުރުން 13 އަހަރުގެ މަޙްދިއްޔާއަކީ އިތިއޯޕިއާގެ އިރުމަތީ ސަރަޙައްދެއްގައި ވަރަށް އެކަހެރިކޮށް އޮންނަ އަވަށެއްގައި ދިރިއުޅޭ ކުއްޖެކެވެ. މާރިޗު މަހުގެ ތެރޭގައި ކޯވިޑް-19ގެ ސަބަބުން އޭނާ ތަޢުލީމު ޙާޞިލްކުރަމުންދިޔަ މަދަރުސާ ބަންދުކުރި ފަހުން މަދަރުސާއަށް ނުގޮސް ގޭގައި މަޑުކުރުމަށް އޭނާއަށްވަނީ މަޖުބޫރުވެފައެވެ.

މަދަރުސާއަށް ނުދެވޭ ނަމަވެސް މަޙްދިއްޔާދަނީ ސޭވް ދަ ޗިލްޑްރަންގެ ޖަމަލު ފޮތް ގާޑިޔަލުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަމުންނެވެ. ކޮންމެ ހަފުތާއަކުވެސް ގިނަ ޢަދަދެއްގެ ފޮތް ހިފައިގެން އެ ޖަމަލު މަޙްދިއްޔާ އުޅޭ އަވަށަށް ޒިޔާރަތްކުރެއެވެ.
މަޙްދިއްޔާ ކިޔައިދިން ގޮތުގައި ކޯވިޑް-19އާ ކުރިމަތިލާން ޖެހުމުގެ ކުރިން ކޮންމެ ދުވަހަކުވެސް ޤަވާއިދުން އޭނާ މަދަރުސާއަށް ދެއެވެ. ކޮންމެ ދުވަހަކުވެސް އެއް އިރުގެ ކެއުން މަދަރުސާއިން ލިބެއެވެ. ނަމަވެސް މިހާރު އެކަންވަނީ ހުއްޓިފައެވެ. މަޙްދިއްޔާ ބުނީ މަދަރުސާއަށް ނުދެވޭތީ އޭނާ ދެރަވެ މާޔޫސްވެފައިވާކަމަށެވެ.

މަޙްދިއްޔާގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މަދަރުސާއަށް ނުދެވި ގިނަ ދުވަސްވެ ކުރިން އުނގެނިފައިވާ އެއްޗެހި ހަނދާން ނެތިދާނެކަމުގެ ބިރެވެ. އޭގެ ސަބަބުން އިމްތިޙާނުގައި ފާސްނުވެދާނެކަމަށް މަޙްދިއްޔާ ހުރީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ.
އޭނާ ކިޔައިދިން ގޮތުގައި މަދަރުސާތައް ބަންދުކުރުމުން ގިނަ ޢަދަދެއްގެ ދަރިވަރުންނަށް އުނގެނުމުގެ ފުރުޞަތު ގެއްލި، ބުރަ މަސައްކަތްކުރުމަށްވަނީ މަޖުބޫރުވެފައެވެ.

އޭނާއާއެކު މަދަރުސާގައި އުޅުނު ގިނަ ޢަދަދެއްގެ ކުދިން މިއަދު ކުރަނީ ބަކަރިހުއި ހެއްޕުމުގެ މަސައްކަތްކަމަށް އޭނާ ބުންޏެވެ. ބައެއް ކުދިން ދަރު އެއްކުރުމުގައިވެސް އުޅެއެވެ. މަޙްދިއްޔާ ބުނީ މަދަރުސާ ބަންދުކުރުމުން ލިބުނު ހިތްދަތިކަން ފިލުވައިދެނީ ކޮންމެ ހަފުތާއަކުވެސް އެ އަވަށަށް ޒިޔާރަތްކުރާ ޖަމަލު ފޮތް ގާޑިޔާކަމަށެވެ. ކިޔަން ބޭނުންވާ ވާހަކަފޮތެއް ކިޔާލުމުގެ ފުރުޞަތު ލިބޭތީ ބޮޑުވެގެން އިންޖީނަރަކަށްވާން ބޭނުންވާ މަޙްދިއްޔާ ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ.

ކޯވިޑް-19ގެ ސަބަބުން މަޙްދިއްޔާގެ ޢާއިލާވެސްވަނީ މާލީގޮތުން ވަރަށް ބޮޑަށް އަތްމަތި ދަތިވެފައެވެ. އެ ޢައިލާއަށް އާމްދަނީ ލިބެމުންދިޔައީ ޢާއިލާއިން ހިންގި ކުޑަކުޑަ ފިހާރައަކުންނެވެ. ނަމަވެސް ކޯވިޑް-19ގެ ސަބަބުން ތަކެތީގެ އަގު އުފުލި ޚިދުމަތް ހޯދާ މީހުންގެ ޢަދަދު މަދުވުމުން މަޙްދިއްޔާގެ ޢާއިލާވެސްވަނީ ޙާލުގައި ޖެހިފައެވެ. ކުރިން ބަކަރިފަދަ ތަކެތިވެސް ގެންގުޅުނު އެ ޢާއިލާއަށް ވާރޭ ނުވެހުމުގެ ސަބަބުން ފެނަށް ޖެހުމުން އެމީހުން ގެންގުޅެމުންދިޔަ ގިނަ ޖަނަވާރުތައްވެސް ވިއްކާލަން މަޖުބޫރުވިއެވެ.

ދުނިޔޭގެ 117 ޤައުމެއްގައި ޙަރަކާތްތެރިވާ ކުޑަކުދިންގެ ހައްޤުގައި މަސައްކަތްކުރާ ސޭވް ދަ ޗިލްޑްރަންގެ ފަރާތުން "ޖަމަލު ފޮތް ގާޑިޔާ" ފުރަތަމަ ތަޢާރަފުކުރީ 2010ވަނަ އަހަރުގައެވެ. އިތިއޯޕިއާގެ އެއް ހަނަފަސް ސަރަޙައްދުން އަނެއް ސަރަޙައްދަށް މުދާ އުފުލުމަށް ބޭނުންކުރާ 21 ޖަމަލު އެ ޖަމުޢިއްޔާއިން އަވަށްތަކަށް ފޮތް ފޯރުކޮށްދިނުމަށް ބޭނުންކުރިއެވެ. ލަކުޑި ފޮއްޓެއްގައި އެއްފަހަރާ 200އެއްހާ ވާހަކަފޮތް ހިފައިގެން ކޮންމެ ޖަމަލަކަށްވެސް ދަތުރުކުރެވެއެވެ. މިހާރު އެ މަޝްރޫޢުވަނީ 33 ރަށްފުށު އަވަށްތަކަށް ފުޅާވެ 22،000އަށްވުރެ ގިނަ ކުޑަކުދިންނާ ހަމައަށް ފޯރައިފައެވެ.

ކޯވިޑް-19ގެ ސަބަބުން އިތިއޯޕިއާގެ އެކި ސަރަޙައްދުތަކުގައި 26 މިލިއަނަށްވުރެ ގިނަ ކުޑަކުދިންނަށްވަނީ މަދަރުސާއަށް ދިއުން ހުއްޓާލުމަށް މަޖުބޫރުވެފައެވެ. އެ ސަރަޙައްދުތަކަށް "ޖަމަލު ފޮތް ގާޑިޔާ" ގެ ޒަރިއްޔާއިން ފޮތް ފޯރުކޮށްދީ، ގޭގައި ތިބެގެންވެސް ފޮތްކިޔައި މަޢުލޫމާތު މުއްސަނދިކުރުމުގެ ފުރުޞަތު ލިބެއެވެ.

ސޭވް ދަ ޗިލްޑްރަނުން ދަނީ މަޙްދިއްޔާފަދަ ކުދިންނާއި އެކުދިންގެ ޢާއިލާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އިތިއޯޕިއާގައި ޙަރަކާތްތެރިވާ ސޭވް ދަ ޗިލްޑްރަންގެ ސަރަޙައްދީ ޑިރެކްޓަރު އެކިން އޮތުތޮގުއްލަރީ ވިދާޅުވީ އިތިއޯޕިއާއިން ކޯވިޑް-19 ޖެހިފައިވާ މީހެއް ފެނުނު ފަހުން ގާތްގަނޑަކަށް ތިން މަސް ވެފައިވާކަމަށެވެ. ބަލިމަޑުކަމުގެ ސަބަބުން އާބާދީ ބޮޑު އަދި ވަޞީލަތްތައް މަދު ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުންނަށާއި ހިޖުރަވެރިންނާއި ގެދޮރު ގެއްލިފައިވާ ކުޑަކުދިންނަށް ނުރައްކާވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ސޭވް ދަ ޗިލްޑްރަންގެ ފަރާތުން އިތިއޯޕިއާގައި ކުރި ދިރާސާއެއްގައި ބައެއް ކުދިންވަނީ ކޯވިޑް-19ގެ ސަބަބުން ޅައުމުރުގައި މަސައްކަތްކުރުމާއި ކައިވެނިކުރަންޖެހިދާނެކަމަށާއި އަނިޔާ ލިބިދާނެކަމާމެދު ކަންބޮޑުވުން ފައުޅުކޮށްފައެވެ. އޮތުތޮގުއްލަރީ ވިދާޅުވީ އެ ހުރިހާ ކަމެއްގެ އިތުރުން ފެން ބޮޑުވުމާއި ގަސްގަހާއި ގެއްސަށް ގެއްލުންދޭ ދިރޭ ސޫފާސުއިއްޕާއި ކޮލެރާއާއި ހިމަބިހިފަދަ ބަލިތަކުގެ ނުރައްކަލާއި ކާބޯތަކެތި ޔަޤީންނުވުމާއި ފަޤީރުކަން އިތުރުވުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކާވެސް އިތިއޯޕިއާގެ ދަރިވަރުންނާއި އެކުދިންގެ ޢާއިލާތަކުން ކުރިމަތިލަމުންދާކަމަށެވެ. މިހާރު ކުރިމަތިވެފައިވާ ޙާލަތު ކިތަންމެ ގޯސް ނަމަވެސް މަޙްދިއްޔާފަދަ އެހީތެރިކަން ބޭނުންވާ ކުދިންގެ ބޭނުންތައް ފުއްދައިދިނުމަށާއި އެ ކުދިންގެ ޙާލަތު ކުރިއަށްވުރެ ގޯސްވިޔަ ނުދިނުމަށް ސޭވް ދަ ޗިލްޑްރަނުން ގަދައަޅާ މަސައްކަތްކުރާނެކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.