ޚަބަރު

"ދި ނެލްސަން މަންޑޭލާ ރޫލްސް"ގެ ދިވެހި ތަރުޖަމާ ކަރެކްޝަނަލް ސަރވިސްއަށް ހަވާލުކޮށްފި

“ޔުނައިޓެޑް ނޭޝަންސް ސްޓޭންޑަޑް މިނިމަމް ރޫލްސް ފޯރ ދި ޓްރީންޓްމަންޓް އޮފް ޕްރިޒަނަސް (ދި ނެލްސަން މަންޑޭލާ ރޫލްސް)” ގެ ދިވެހި ތަރުޖަމާ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ހަވާލުކޮށްފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއަރޒް އިމްރާން ޢަބްދުﷲއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ ވަނީ ކޯވިޑް-19 އިން ޤައިދީންގެ ރައްކާތެރިކަމާއި ހާލަތު ބެލެހެއްޓުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ލީޑަރޝިޕުން އަޅާފައިވާ ފިޔަވަޅުތަކަށް ތައުރީފުކުރައްވައި، އޮފިސަރުން ކުރެއްވި ބުރަ މަސައްކަތަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ކޯވިޑް-19 އާ ގުޅިގެން މިއަހަރު ރާވާފައިވާ ގިނަ މަސައްކަތްތަކެއް މަޑުޖެހި، ހުއްޓިފައިވީ ނަމަވެސް، ހިތްވަރުކޮށް ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މި ފޮތް ތަރުޖަމާކުރެވި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ހަވާލުކޮށް އަންނަ ހަފްތާއިން ފެށިގެން އޮފިސަރުންނަށް އެއާ ގުޅޭ ތަމްރީންތައް ފަށާނެކަމަށެވެ.

މިނިސްޓަރ މިހެން ވިދާޅުވިއިރު ޔޫއެންއޯޑީސީ އާއި މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އާއި ކަރެކްޝަަނަލް ސަރވިސް ގުޅިގެން މި މަހުގެ 20 ން 26 އަށް “ދި ނެލްސަން މަންޑޭލާ ރޫލްސް” ފޮތާ ގުޅޭ ޓްރޭނިންގ ގެ ފުރަތަމަ ބެޗް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މި ރަސްމިއްޔާތު ތަޢާރަފްކުރައްވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވަނީ ސަރުކާރުން އެކުލަވާލާފައިވާ ސިޔާސަތުގެ ތެރެއިން ރާއްޖޭގެ ޖަލުތަކަކީ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ތަނެއްގެ ގޮތުގައި ހެޔޮ ބަދަލު ގެނެސްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މި މަސައްކަތުން އިތުރު ޒިންމާތަކަކާއި ވާޖިބުތަކެއް ދަސްކުރުމަށް މަގު ފަހިވެގެންދާނެކަމަށް ގަބޫލުކުރައްވާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވިއެވެ.

"ނެލްސަން މަންޑޭލާ ރޫލްސް،" މި ފޮތަކީ ދެކުނު އެފްރިކާގައި ހިނގަމުންދިޔަ ނަސްލީ ތަފާތު ކުރުންތަކާއި ދެކޮޅަށް މަންޑޭލާ ކުރެއްވި މަސައްކަތްތައް ފާހަގަކުރުމުގެ ގޮތުން މަންޑޭލާގެ ޝަރަފުގައި ލިޔެފައިވާ ފޮތެކެވެ. ދެކުނު އެފްރިކާގައި އޮތް "އެޕާތައިޑް" ނުވަތަ ނަސްލީ ތަފާތުކުރުމުގެ ވެރިކަމާއި ދެކޮޅަށް ކުރެއްވި މަސައްކަތުގެ ތެރެއިން ނެލްސަން މަންޑޭލާ 27 އަހަރު ޖަލުގައި ހޭދަ ކުރައްވަން ޖެހިވަޑައިގެންނެވިއެވެ. މި ފޮތުގައި ޤައިދީންނާއި މެދު އިންސާފާއި، އިންސާނީ ކަރާމާތް ނުގެއްލޭ ގޮތައް ޢަމަލުތައް ބަހައްޓާނެގޮތް ވަރަށް ތަފްޞީލުކޮށްވަނީ ލިޔެފައެވެ.