ވިޔަފާރި

ބައިނަލްއަޤްވާމީ ފްލައިޓްތަކުގެ އަދަދު %5.25 އިތުރުވެއްޖެ


ކޯވިޑްއަށް ލޮކްޑައުންކުރުމަށްފަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް އަލުން ހުޅުވިތާ 2 މަސް ވެފައިވާއިރު އެއަރޕޯޓަށް ޖެއްސި އަދި ފުރި ބައިނަލްއަޤްވާމީ ފްލައިޓްތަކުގެ އަދަދު %5.25 އިތުރުވެއްޖެއެވެ.

ކޯވިޑް19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ބޯދަރު ހުޅުވާލީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. އެމްއޭސީއެލްގެ ތަފާސް ހިސާބުތައް ދައްކާގޮތުން ބޯޑަރު ހުޅުވާލި ފުރަތަމަ މަހަށްވުރެ 2 ވަނަ މަހު ރާއްޖެއަށް ދަތުރުކުރި ބައިނަލްއަޤްވާމީ ޕްލައިޓްތަކާއި ރާއްޖެއިން ފުރި ބައިންލައަޤްވާމީ ފްލައިޓްތަކުގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ.

ޖުލައިމަހުގެ 15 ވަނަ ދުވަހުން އޮގަސްޓްމަހުގެ 15 ވަނަ ދުވަހާ ހަމައަށް ވީއައިއޭގެ އިންޓަނޭޝަނަލް އެއަރ ޓްރެފިކް މޫވްމަންޓް ނުވަތަ ބައިނަލްއަޤްވާމީ ފްލައިޓްތަކުގެ އަދަދު އުޅެނީ 419 ގައެވެ. ނަމަވެސް 16 އޮގަސްޓް އިން 15 ސެޕްޓެމްބަރުގެ ނިޔަލަށް މިއަދަދު ވަނީ 441 އަށް އިތުރުވެފައެވެ. އެހެންކަމުން މިއީ 5.25 އިންސައްތައިގެ ކުރިއެރުމެކެވެ.

ބައިނަލްއަޤްވާމީ ފްލައިޓްތަކުގެ އަދަދު އިތުރުވެފައިވާއިރު މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި މީހުންގެ އަދަދާއި ރާއްޖެއިން ފުރި މީހުންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. ރާއްޖޭގެ ބޯޑަރު ހުޅުވާލި ފުރަތަމަ މަސްދުވަހު ރާއްޖެ އައިސްފައިވަނީ 7607 މީހުންނެވެ. ނަމަވެސް 2 ވަނަ މަހު 12،883 މީހުން ވަނީ ރާއްޖެއަށް އައިސްފައެވެ. މިއީ 69.36 އިންސައްތަ އިތުރު އަދަދެކެވެ. މި މުއްދަތުގައި ރާއްޖެއިން ފުރި މީހުންގެ އަދަދުވެސް ވަނީ 62.15 އިންސައްތަ އިތުރުވެފައެވެ.

ބައިނަލްއަޤްވާމީ ފްލައިޓްތައް އިތުރުވިނަމަވެސް މި މުއްދަތުގައި ޑޮމެސްޓިކް ފްލައިޓްތައް ވަނީ ދަށްވެފައެވެ. ބޯޑަރު ހުޅުވާލި ފުރަތަމަ މަހާއި އަޅާބަލާއިރު 2 ވަނަ މަހުގައި ވީއައިއޭއަށް ޖެއްސި އަދި ފުރި ޑޮމެސްޓިކް ފްލައިޓްތަކުގެ އަދަދު ވަނީ 14.36 އިންސައްތަ މަދުވެފައެވެ.

އެމްއޭސީއެލްގެ ތަފާސްހިސާބުތައް ދައްކާގޮތުން ބޯޑަރު ހުޅުވާލި ފުރަތަމަ މަހާއި އަޅާބަލާއިރު 2 ވަނަ މަހުގައި ޑޮމެސްޓިކް ފްލައިޓްތައް މެދުވެރިކޮށް ވީއައިއޭއަށް އައި މީހުން އަދި ފުރި މީހުންވެސް ވަނީ މަދުވެފައެވެ.