ޚަބަރު

ކޯވިޑް-19 : ބަލި ޖެހުނު މީހުންގެ އަދަދު 30 މިލިއަނަށްވުރެ މައްޗަށް


މުޅި ދުނިޔެއިން ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު 30 މިލިއަނަށް އަރާ ބަލިން ރަނގަޅުވީ މީހުންގެ އަދަދު ބާވީސް މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.

ކޯވިޑް-19 ދުނިޔޭގެ 213 ޤައުމަކަށް ފެތުރިފައިވާއިރު މިހާތަނަށް މުޅި ދުނިޔެއިން 30،349،591 މީހަކަށްވަނީ މިބަލި ޖެހިފައެވެ. މީގެ ތެރެއިން 22،038،588 މީހުން ބަލިން ރަނގަޅުވެ، މިބަލީގައި މުޅި ދުނިޔެއިން މަރުވި މީހުންގެ އަދަދުވަނީ 950،555 އަރާފައެވެ.

ކޯވިޑް-19 ތިރީސް މިލިއަނަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވާއިރު އެންމެގިނަ މީހުން މިބައްޔަށް ޕޮޒިޓިވްވެފައިވަނީ އެމެރިކާގައެވެ. އެމެރިކާއިން 6،874،596 މީހުންވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެެ. މީގެ ތެރެއިން 4،155،039 މީހުން މިބަލިން ރަނގަޅުވެފައިވާއިރު ކޯވިޑް ޖެހިގެން އެމެރިކާއިން 202،213 މީހުންވަނީ މަރުވެފައެވެ.

ދެވަނައަށް އެންމެ ގިނަމީހުން ކޯވިޑް 19 އަށް ޕޮޒިޓިވްވެފައިވަނީ އަވަށްޓެރި އިންޑިޔާއިންނެވެ. އެޤައުމުން މިހާތަނަށް 5،212،686 މީހުންނަށް މިބަލި ޖެހި 84،404 މީހުންވަނީ މިބަލީގައި މަރުވެފައެވެ. އިންޑިޔާއިން މިބަލި ޖެހުނު މީހުންގެ ތެރެއިން 4،109،828 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ.

ކޯވިޑް-19 ދުނިޔޭގެ އެތައް ޤައުމެއްގައި ހަލުވިކަމާއެކު ފެތުރެމުން އަންނައިރު ބަލިޖެހޭ މީހުންގެ ނިސްބަތް ތިންވަނައަށް އެންމެ ގިނައީ ބްރެޒިލްގައެވެ. ބްރެޒިލްއިން 4،457،443 މީހުންނަށްވަނީ މިބަލި ޖެހިފައެވެ. މީގެ ތެރެއިން 3،753،082 މީހުން ބަލިން ރަނގަޅުވެފައިވާއިރު 135،031 މީހުންވަނީ އެޤައުމުން މިބަލީގައި މަރުވެފައެވެ.

ދިވެހިން އެންމެ ގިނައިން ދަތުރުކުރާ ޤައުމުތަކުގެ ތެރެއިން ލަންކާއާއި މެލޭޝިޔާގައިވެސް މިބަލީގެ ކޭސްތައްވަނީ ފެނިފައެވެ. އެގޮތުން 3276 މީހުން ލަންކާއިން ކޯވިޑް-19 އަށް ޕޮޒިޓިވްވެ 3043 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިބަލީގައި ލަންކާއިން މަރުވި މީހުންގެ އަދަދަކީ 13 އެވެ. މެލޭޝިޔާއިން 10،052 މީހުންނަށް މިބަލި ޖެހި 9250 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މެލޭޝިޔާއިން މިބަލީގައި 128 މީހުންވަނީ މަރުވެފައެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ޗައިނާގެ ހޫބޭއިން މިބަލި ފެނުނު ދުވަސްކޮޅު އެންމެ ބާރަށް ބަލި ފެތުރުނު ލިސްޓްގެ އެއްވަނާގައި އޮތް މިޤައުމު މިވަގުތު އޮތީ މި ބަލި ފެތުރޭ ޤައުމުތަކުގެ ލިސްޓްގައި 41 ވަނަ ޤައުމުގެ ގޮތުގައެވެ. އެ ގައުމުން މި ބަލި ޖެހުނު މީހުންގެ އަދަދު އޭޕްރިމަހުގެ ނިޔަލަށް 82 ހާހުގައި ހިފެހެއްޓިފައި އޮތްނަމަވެސް މިހާރު މިއަދަދު ވަނީ 85،255އަށް އަރާފައެވެ. ޗައިނާއިން މިބަލި ޖެހުނު މީހުންގެ ތެރެއިން 80،456 މީހުން ބަލިންވަނީ ރަނގަޅުވެފައެވެ. ޗައިނާއިން މިބަލީގައި 4634 މީހުންވަނީ މަރުވެފައެވެ.