ޚަބަރު

އުޅަނދުފަހަރު ބަލައިފާސްކުރުމަށް ބޭނުންކުރާ އާލާތްތަކެއް ޔޫ.އެން.އޯ.ޑީ.ސީން ކަސްޓަމްސްއަށް ހަދިޔާކޮށްފި


އުޅަނދުފަހަރު ބަލައިފާސްކުރުމުގައި ބޭނުންކުރާނެ ބައެއް އާލާތްތައް ޔޫ.އެން.އޯ.ޑީ.ސީގެ ފަރާތުން ކަސްޓަމްސްއަށް ހަދިޔާކުރައްވައިފިއެވެ.

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް، ޔޫ.އެން.އޯ.ޑީ.ސީގެ ފަރާތުން ކަސްޓަމްސްއަށް މިތަކެތި ހަދިޔާކުރައްވާފައިވަނީ މަސްތުވާތަކެއްޗާއި އެނޫންވެސް ޤާނޫނާއި ޤަވާއިދާއި ޚިލާފަށް ރާއްޖެއަށް އެތެރެކުރާ ތަކެތި އެތެރެވުން ހުއްޓުވުން ހަރުދަނާކުރުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކަށް އެހީތެރިވުމުގެގޮތުންނެވެ.

މިތަކެތި ހަދިޔާކުރުމަށް ކަސްޓްމަސްގައި ބޭއްވި ރަސްމިއްޔާތެއްގައި ކަސްޓަމްސްގެ ފަރާތުން މި އެހީއާއި ހަވާލުވެވަޑައިގަތީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފެވެ. މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްވަނީ އެ މުއައްސަސާގެ ތަންފީޒީ ޤާބިލްކަން އިތުރުކުރުމަށް ޔޫ.އެން.އޯ.ޑީ.ސީގެ ފަރާތުން ދެއްވާ އެހީތެރިކަން ފާހަގަކުރައްވާ، ޝުކުރު އަދާކުރައްވާފައެވެ.

ޖަޕާން ސަރުކާރުގެ ފަރާތުން ފަންޑުކުރެއްވި މި އެހީގެ ތެރޭގައި އުޅަނދުފަހަރު ބަލައިފާސްކުރުމުގައި ބޭނުންކުރާނެ ޒަމާނީ އާލާތްތަކާއި، ރައްކާތެރިކަމުގެ ގޮތުން ބޭނުންކުރާނެ ސާމާނާއި، އަދި އެ މަސައްކަތުގައި ހިފާގެންގުޅޭ އާލާތްތައް ހިމެނޭކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.