ޚަބަރު

އިންޑިއާ ކަނޑުގެ، ކަނޑުމަހުގެ ވަސީލަތްތަކުން ލިބޭ މަންފާ ޤައުމުތަކަށް ހަމަހަމަކަމާއިއެކު ލިބެންޖެހޭ - ދިވެހިރާއްޖެ


އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ވަސީލަތްތަކުން ލިބޭ މަންފާ އެންމެންނަށް އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ލިއްބައިދިނުމުގެ އުސޫލަށް އިސްކަންދިނުމަށް، ދިވެހިރާއްޖެއިން އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން އައިއޯޓީސީޓިގެ ބައްދަލުވުމުގެ ގޮވާލައްވައިފިއެވެ.

އިންޑިއާ ކަނޑުން ވަކިވަކި ޤައުމުތަކަށް މަސްބޭނޭނެ މިންވަރު ނިންމުމުގައި ގެންގުޅޭނެ މިންގަނޑުތައް ކަނޑައެޅުމަށް، އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން އައިއޯޓީސީން ބޭއްވި 6ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖެއިންވަނީ ބައިވެރިވެފައެވެ. މި މަސައްކަތަކީ އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ބާވަތްތަކުގެ ސްޓޮކް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ. ވަރޗުއލްކޮށް ކުރިއަށްގެންދިޔަ މިބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ކަމާބެހޭ އޮފިޝަލުންނެވެ.

އިންޑިއާ ކަނޑުގެ އައްސޭރިފަށުގެ 8 ޤައުމެއްގެ ތާއީދާއިއެކު 2017ވަނަ އަހަރުގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެފަރާތުންވަނީ މިކަމާއި ގުޅޭ ޕްރޮޕޯސަލެއްވެސް ހުށައަޅާފައެވެ. އަދި ވޭތުވެދިޔަ 3އަހަރުވެސް ބައްދަލުވުމުގައި ބައިވެރިވެ ގިނަ ޚިޔާލުތަކެއްވަނީ ހުށައަޅާފައެވެ.

ރާއްޖެއިން އިސްނަގައިގެން ހުށަހަޅާފައިވާ ޕްރޮޕޯސަލް އަކީ ދުރަށް ހިޖުރަކުރާ ކަނޑުމަހުގެ ބާވަތްތައް މެނޭޖްކުރުމުގައި، ކުދި ޖަޒީރާ ޤައުމުތަކަށާއި ތަރައްޤީވަމުން އަންނަ އައްސޭރިފަށުގެ ޤައުމުތަކަށް ލިބެންޖެހޭ ޚާއްޞަ އިނާޔަތްތަކާއި ދޭންޖެހޭ އަހަމިއްޔަތުތަކަށް ރިޢާޔަތްކޮށް ފަރުމާކުރެވިފައިވާ ހުށަހެޅުމެކެވެ. އަދި މިޕްރޮޕޯސަލް ބިނާވެފައިވަނީ ވަކިވަކި ގައުމުތަކަށް މަސްބޭނޭނެ އެންމެ މަތީ މިންވަރު ކަނޑައެޅުމުގައި މިފަދަ ޤައުމުތަކުން، އިޖްތިމާއި ގޮތުންނާއި އަދި އިޤްތިޞާދީ ގޮތުން މަސްވެރިކަމަށް ބަރޯސާވާ މިންވަރަށް އިސްކަންދީފައިވާ އޮނިގަޑެއްގެ މައްޗަށެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖެއިންވަނީ އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ވަސީލަތްތަކުން ލިބޭ މަންފާ އެންމެންނަށް އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ލިއްބައިދިނުމުގެ އުސޫލަށް އިސްކަންދިނުމަށް ވަކާލާތުކޮށްފައިވެއެވެ. މިކަމާ ގުޅޭގޮތުން ދިވެހިރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކަށް އިންޑިއާ ކަނޑުގެ އައްސޭރިފަށުގެ ގިނަ ޤައުމުތަކެއްގެ ތަރުހީބާއި އެއްބާރުލުންދަނީ ލިބެމުންނެވެ.

އަދި ރާއްޖެއިން ހުށައެޅި ޕްރޮޕޯސަލްއަކީ މިފަދައިން ވަކިވަކި ގައުމުތަކަށް މަސްބޭނޭނެ އެންމެ މަތީ މިންވަރު ކަނޑައެޅުމަށް މަގުދައްކައިދޭ އެންމެ ރަނގަޅު އުސޫލުތައް އެކުލެވޭ ހުށަހެޅުންކަމަށް އައި.އޯ.ޓީ.ސީގެ ގިނަ މެންބަރު ޤައުމުތަކުން ގަބޫލްކުރެއެވެ.
ދިވެހިރާއްޖެ އައި.އޯ.ޓީ.ސީގެ ފުރިހަމަ މެންބަރަކަށް ވެފައިވަނީ 13 ޖުލައި 2011 ގައެވެ.