ވިޔަފާރި

ދުނިޔޭގެ އެންމަޑީގެ ދުވަސް ބ.އަތޮޅުގައި ފާހަގަކޮށްފި


މިއަދަކީ ދުނިޔޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރާ "އެންމަޑީގެ" ދުވަހެވެ. ރާއްޖެއިން އެއް ސަރަހައްދަކުން އެންމެ ގިނަ އެންމަޑީ ފެންނަ އެއް ސަރަހައްދު ކަމަށްވާ ބ. އަތޮޅު ހަނިފަރު ބޭގައި ވަނީ މި ދުވަހާ ގުޅުވައިގެން ފަތުރުވެރިންނަށް ޚާއްސަ ޙަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ.

ދުނިޔޭގައި ފުރަތަމަ ފަހަރަށް މަންތާ ޑޭ ނުވަތަ އެންމަޑީގެ ދުވަހެއް ފާހަގަކުރަން މިއަހަރު ފަށާފައި މިވަނީ، އިންސާނުންގެ ފަރާތުން އެންމަޑިއަށް ލިބޭ ގެއްލުމާއި އެ މަޑީގެ ސަބަބުން ލިބޭ ފައިދާ ދުނިޔޭގެ އެންމެންނަށް އެންގުމުގެ ބޭނުމުގައެވެ. ޚާއްސަކޮށް މަސްވެރިންނަށް އެންމަޑީގެ ސަބަބުން ކުރާ ފައިދާތައް ކިޔައިދީ ހޭލުންތެރި ކުރުމަކީވެސް މި ދުވަސް ފާހަގަކުރުމުގެ މުހިންމު އެއް ބޭނުމެވެ. ރާއްޖޭގައި 2014 ވަނަ އަހަރުން ފެށިގެން ހުރިހާ މަޑީގެ ބާވަތްތަކެއް ވަނީ ހިމާޔަތްކޮށްފައެވެ.

ކަނޑުގެ ދިރުންތަކުގެ ތެރެއިން އެންމަޑީގެ ބާވަތްތަކާ ބެހޭގޮތުން މިހާތަނަށް މާ ބޮޑު ދިރާސާތަކެއް ހަދާފައިވާކަމަށް މަޢުލޫމާތު ލިބިފައެއް ނުވެއެވެ. އެގޮތުން މިހާތަނަށް އައިރު މި މަޑިއާ ބެހޭގޮތުން ހޯދިފައިވަނީ މަދު ކަންތަތަކެކެވެ. އެގޮތުން މަންތާ ރޭ ނުވަތަ އެންމަޑި ކެއުމަށް ބޭނުން ކުރަނީ ޕްލާންކްޓަންސް (ކުދި ކުދި ފަނިހެން ހުންނައެއްޗެއް)، ކަން ވަނީ ހޯދިފައެވެ. އަދި މަންތާގެ ޖިންސް ވަކި ކުރަން އެނގޭއިރު މާބަނޑު އިރުވެސް އެތަކެތި ވަކި ކުރަން އެނގެއެވެ. އަދި އިންސާނުންގެ އިނގިލީގެ ނިޝާން ތަފާތުވާހެން ކޮންމެ މަންތާއެއްގެވެސް ބަނޑުދަށްފަރާތުގައި ހުންނަ ކުރެހުންވެސް ތަފާތުކަން މިހާތަނަށް ވަނީ ހޯދިފައެވެ. ނަމަވެސް މަންތާ ވިހާ ވަގުތާއި ތަން މިހާތަނަށް ހޯދިފައި ނުވާކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

މި ދުވަސްވަރަކީ އެންމެ ގިނައިން ހަނިފަރު ބޭއިން މަންތާ ފެންނަ ދުވަސްވަރެވެ. މަންތާ ޑޭގެ ޙަރަކާތްތަކުގައި ބައިވެރި ވުމަށާއި އެތަން ބަލާލުމަށް ޒިޔާރަތްކުރި ބައެއް މީހުން ބުނީ އެސަރަހައްދު ހިމާޔަތްކޮށް ބެލެހެއްޓުމުގައި އަމަލު ކުރަމުންދާ އުސޫލްތައް ރަގަޅުވުމުން އެތަނަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެކަމަށާ، އެފަދަ ދެވަނަ މަންޒިލެއް މުޅި ދުނިޔެއިންވެސް ނުފެންނާނެކަމަށެވެ.

މަންތާ ރޭއާއި ގުޅޭ ދިރާސާ ކުރުމަށް ރާއްޖޭގައި މިހާރުވެސް އިނގިރޭސި ވިލާތުގެ ކަނޑުގެ ދިރުން ހިމާޔަތްކޮށް ދިރާސާ ހަދަމުން ދާބަޔަކު ބ.އަތޮޅުގައި 2011 ން ފެށިގެން ދަނީ ހަރަކާތްތެރިވަމުންނެވެ. އެމީހުން ބުނީ މަންތާއަކީ މޫދުގައި އުޅޭ އެހެން ދިރުންތަކާއި ވަރަށް ތަފާތު އެއްޗެއްކަމަށެވެ. މިއީ މަސްވެރިންނަށާއި، މޫދުގައި އެހެން ބޭނުންތަކުގައި އުޅޭ މީޙުންނަށްވެސް ގެއްލުމެއް ދޭ އެއްޗަކަށް ނުވާއިރު މިތަކެއްޗައް ގެއްލުން ދީ ނުމެރުމަށް އެތަކެތި ހިމާޔަތްކުރުމަށް ގޮވާލާ ޖަމްއިއްޔާއެއް ކަމަށްވާ މަންތާ ޓްރަސްޓުން ވަނީ ގޮވާލާފައެވެ.

މަންތާގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށްވެސް ބޮޑު ކުރިއެރުމެއް ލިބޭކަން ފާހަގަކުރަމުން މަންތާ ޓްރަސްޓްއިން ބުނީ، ބ.އަތޮޅަށްއަންނަ ފަތުރުވެރިންގެ ތެރެއިން 80 އިންސައްތަ ފަތުރުވެރިން މަންތާ ބެލުމަށް ހަނިފަރަށް މަންތާ މޫސުމުގައި ދާކަމަށެވެ.

މަންތާ ބެލުމަށް މައްޝޫރު ހަނިފަރު ބޭ ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުންދާ ބ.އަތޮޅު ޔުނެސްކޯ ބަޔޯސްފިއަރ ރިސާވް އޮފީހުން "މަންތާ ޑޭ" އާއި ގުޅުވައިގެން ކުރިއަށް ގެންދިޔަ ޙަރަކާތްތަކުގެ ތެރޭގައި މަންތާ ބެލުމަށް ހަނިފަރަށް އައި ކޮންމެ ފަތުރު ވެރިއަކަށް އެއްދުވަހު ހިލޭ މަންތާ ބެލުމުގެ ފުރުސަތު ވަނީ ދީފައެވެ. އަދި ދުވަހާ ގުޅިގެން ހާއްސަ ކޭކެއްވެސް ވަނީ ފަޅާފައެވެ.

ހަނިފަރު ބޭ ނޫނަސް މަންތާ ފެންނަ ސަރަހއްދުތައް ރާއްޖޭގައި އެބަހުއްޓެވެ. އެހެން ނަމަވެސް މިތަކެތި ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތްކޮށް ބަލަހައްޓަމުން ގެންދަނީ ބ.އަތޮޅުގައެވެ.

ހަނިފަރު ބޭ ސަރަހައްދު ހިމާޔަތްކޮށް ބަލަހައްޓަން ފަށާފައިވަނީ 2012ވަނަ އަހަރުން ފެށިގެންނެވެ. މި ސަރަހަދު ބަލަހައްޓަމުންދަނީ ބަޔޯސްފިއަރ ރިސާސްވްގެ ހާއްސަ ތަމްރީންތަކެއް ހަދާފައިވާ ރޭންޖާސް އިންނެވެ. ކޯވިޑް-19ގެ ބަލިމަޑު ކަމުގެ ސަބަބުން މަންތާ ޑޭ އާއި ގުޅޭ ގިނަ ޙަރަކާތްތަކެއް ކަންސަލް ކުރަން ޖެހުނު ނަމަވެސް އަންނަ އަހަރު މި ދުވަސް ކުލަގަދަކޮށް ފާހަގަކުރާނެކަމަށް އެއޮފީހުން ބުނެއެވެ.