ދުނިޔޭގެ ވިޔަފާރި

ޕްލޭސްޓޭޝަން 5 ޕްރީ އޯޑަރަށް ހުޅުވާލައިފި


ޕްލޭސްޓޭޝަނަކީ ކުދި ބޮޑު ގިނަ ބައެއްގެ މެދުގައި ވަރަށް ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ގޭމް ކޮންސޯލްއެކެވެ. ޖަޕާނުގެ ސޮނީ ކުންފުނިން 1994 ވަނަ އަހަރު ތަޢާރަފްކުރި ޕްލޭސްޓޭޝަންގެ ތާރީހުގައި މިހާތަނަށް 4 ކޮންސޯލެއް ނެރެފައިވާއިރު، މިހުރިހާ ޕްލޭސްޓޭޝަނެއްވެސް ވަނީ ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައެވެ. އަދި މިއަހަރު ޕްލޭސްޓޭޝަން 5 ނުވަތަ ޕީއެސް ފައިވް ނެރޭނެކަން ސޮނީ ކުންފުނިން އިޢުލާންކުރުމާއެކު ގިނަ ބަޔަކު ދިޔައީ އެކަމަށް ވަރަށް ބޮޑަށް އިންތިޒާރުކުރަމުންނެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުގެ ތެރޭގައި ޕީއެސް ފައިވް ހުންނާނެ ގޮތް ދައްކާލާ، އޭގެ ތަފްސީލްތައް ސޮނީއިން ހާމަކުރިނަމަވެސް، ޕީއެސް ފައިވް ރިލީޒްކުރާނެ ދުވަހަކާއި އޭގެ އަގެއް ސޮނީން ހާމަކޮށްފައެއް ނުވެއެވެ.

ގިނަ ބައެއްގެ އިންތިޒާރު ނިމުމަކަށް ގެނެސްދީ ސޮނީން މިހާރު ވަނީ ޕީއެސް ފައިވް ލިބޭނެ ދުވަހާއި އޭގެ އަގު މިހާރު ހާމަކޮށްފައެވެ. ސޮނީން ބުނީ މިއަދުން ފެށިގެން ޕީއެސް ފައިވްގެ ޕްރީ އޯޑަރަށް ހުޅުވާލާނެކަމަށެވެ. އަދި ނޮވެމްބަރުމަހުގެ 12 ވަނަ ދުވަހު، އެމެރިކާ، ޖަޕާން، ކެނެޑާ، މެކްސިކޯ، އޮސްޓްރޭލިއާ، ނިއުޒިލެންޑް އަދި ދެކުނު ކޮރެޔާގައި ޕީއެސް ފައިވް ވިއްކަން ފަށާނެއެވެ. އަދި ނޮވެމްބަރުމަހުގެ 19 ވަނަ ދުވަހުން ފެށިގެން ދުނިޔޭގެ އެހެން ޤައުމުތަކުގައި ޕީއެސް ފައިވް ވިއްކަން ފަށާނެކަމަށްވެސް ސޮނީން ބުނެއެވެ.

ސޮނީން މިފަހަރު ޕީއެސް ފައިވްގެ ދެ މޮޑެލްއެއް ރިލީޒްކުރާނެއެވެ. އެއީ ސީޑީ ބޭނުންކުރެވޭ ޕީއެސް ފައިވް ކޮންސޯލްއާއި ސީޑީ ޑްރައިވްއެއް ނުހުންނަ ޕީއެސްފައިވް ޑިޖިޓަލް އެޑިޝަންއެވެ. ޕީއެސް ފައިވް ކޮންސޯލް 499 ޑޮލަރަށް ވިއްކުމަށް ހަމަޖެހިފައިވާއިރު، ޕީއެސް ފައިވް ޑިޖިޓަލް އެޑިޝަން ވިއްކުމަށް ހަމަޖެހިފައިވަނީ 399 ޑޮލަރަށެވެ.

ޕީއެސް ފައިވްގެ އަގާއި ރިލީޒްކުރާނެ ތާރީޚްތައް ސޮނީން އިޢުލާންކޮށްފައިވާއިރު، ޕީއެސް ފައިވްއާއެކު ރިލީޒްކުރާނެ ގޭމްތައްވެސް ސޮނީން ދަނީ އިއުލާންކުރަމުންނެވެ. އޭގެ ތެރޭގައި ގިނަ ބައެއްގެ މަޤްބޫލްކަން ހޯދާފައިވާ "ގޮޑް އޮފް ވޯ" އާއި ފައިނަލް ފެންޓަސީ ހިމެނެއެވެ.

ޕީއެސް ފައިވް ނޮވެމްބަރު 12 ގައި ބާޒާރަށް ނެރުމަށް ނިންމާފައިވާއިރު، ޕީއެސް ފައިވްއާ ވާދަކުރާ މައިކްރޯސޮފްޓްގެ "އެކްސް ބޮކްސް"ވެސް ނޮވެމްބަރުމަހުގެ 10 ވަނަ ދުވަހު ބާޒާރަށް ނެރުމަށް ވަނީ ނިންމާފައެވެ. އެކްސް ބޮކްސްއިންވެސް ދެ މޮޑެލްއެއް ބާޒާރަށް ނެރޭއިރު، އޭގެ ތެރެއިން "އެކްސް ބޮކްސް ސީރީޒް އެކްސް" ވިއްކާނީ 499 ޑޮލަރަށެވެ. އަދި "އެކްސް ބޮކްސް ސީރީޒް އެސް" ވިއްކާނީ 299 ޑޮލަރަށެވެ.