ކުޅިވަރު

ހަރުކަށި އުސޫލުތަކަކާއެކު ފުޓްބޯޅަ ދަނޑުތައް ހުޅުވާލަން އިޓަލީން ތައްޔާރުވެއްޖެ


ހަރުކަށި އުސޫލުތަކަކާއެކު އައު ސީޒަނަށް އިޓަލީގެ އާއްމުނަށް ދަނޑަށް ވަނުމަށް އިޓަލީގެ ފުޓްބޯލް ފެޑެރޭޝަނުން އެގައުމުގެ ސަރުކާރަށް ހުށަހެޅުމަށް ތައްޔާރުވެއްޖެއެވެ.

އިޓަލީ ސަރުކާރަށް ހުށަހެޅުމަށް ތައްޔާރު ކުރަމުންދާ ލިޔެކިޔުންތަކުގައި ހަރުކަށި އުސޫލުތަކެއް ކަނޑައަޅައި އަންނަމަހު މެދުތެރޭގައި އިޓަލީ ފެޑެރޭޝަނުން ދަނީ އާއްމުން ދަނޑަށް ވަނުމަށް ފުރުޞަތު ދިނުމަށް މަސައްކަތް ކުރަމުންނެވެ. މި އުސޫލުތަކުގެ ތެރޭގައި ދަނޑަށް ވަކި އަދަދަކަށް މީހުން ވެއްދުން ފާހަގަކުރެވެއެވެ. އަދި ދަނޑަށް ވަންނަ މީހުން ޓްރާންސްޕޭރަންޓް މާސްކު ބޭނުން ކުރުމާއި އެކަކު އަނެކަކާ ދެމެދު ގައިދުރުކަން ބެހެންޓުން ހިމެނެއެވެ.

ދަނޑުގައި އެންމެ ގާތްވެގެން މީހަކަށް ހުރެވޭނީ 2.25 މީޓަރު ކައިރީގައެވެ. އަދި މި ޕްރޮޓޮކޯލްގެ ހުރިހާ މާއްދާތަކެއް ހިމަނާ ވަރަށް އަވަހަށް ސަރުކާރަށް ހުށަހާޅާނެކަމަށް އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ބުނެފައެވެ. އިޓަލީގެ ބައެއް ކުލަބުތަކުން ވަނީ ޕްރީ ސީޒަންގެ ތަމްރީން ބެލުމަށް ވަކި އުސޫލެއްގެ ދަށުން ސަޕޯޓަރުން ދަނޑަށް ވައްދާފައެވެ. އިޓަލީ ލީގުގެ ކުޅުން މިހަފްތާ ބަންދުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.