ޚަބަރު

ޕްރިންސްޕަލުން ވަޒީފާ އަދާކުރުމުގެ އުޞޫލު މުރާޖައާ ކުރަނީ


ޕްރިންސްޕަލުންނާ ގުޅޭގޮތުން އަލަށް އެކުލަވާލި އުޞޫލު އަލުން މުރާޖައާ ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމަވައިފިއެވެ.

އެ އުޞޫލްގެ ބައެއް މާއްދާތައް މުރާޖައާ ކުރުމަށް ނިންމަވާފައިވަނީ އުޞޫލާ ގުޅިގެން ޕްރިންސްޕަލުންގެ ކަންބޮޑުވުންތައް ހުރުމާ ގުޅިގެންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ. އެގޮތުން "ސަރުކާރު ސްކޫލްތަކުގެ ޕްރިންސްޕަލުން ވަޒީފާއަދާ ކުރާ ސްކޫލް ކަނޑައެޅުމުގެ އުޞޫލު"އަށް އެކި ފަހަރުމަތިން ޕްރިންސްޕަލުން ހުށައަޅާފައިވާ ޝަކުވާތަކާ ގުޅިގެން އެ އުޞޫލް މުރާޖައާ ކުރުމުގެ މަސައްކަތާއި އެއާ ގުޅިގެން ހަދާ ޤަވާއިދުގެ މަސައްކަތް ޕްރިންސްޕަލުންނާއި ސީއެސްސީއާ ގުޅިގެން ކުރިއަށް ގެންދިޔުމަށް ނިންމަވާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

އަދި އުޞޫލާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ގެންދާނީ އުޞޫލްގައިވާގޮތަށް ޤަވާއިދު ޢާއްމުކުރުމަށްފަހު އެއާ އެއްގޮތަށްކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

އެއް ސްކޫލެއްގައި ޕްރިންސިޕަލަކަށް އެންމެ ގިނަވެގެން ހުރެވޭނީ ވިދިވިދިގެން 8 އަހަރުކަމަށް ހަމަޖައްސާ ސްކޫލްތަކުގެ ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސްކޫލް ކަނޑައެޅުމުގެ އުސޫލާ ގުޅިގެން ބައެއް ޕްރިންސްޕަލުން އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އެހެންނަމަވެސް މި އުޞޫލާ ގުޅިގެން އެއްވެސް ޕްރިންސިޕަލެއްގެ ޙައްޤުގެއްލިގެން ނުދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

އަލަށް އެކުލަވާލި އުޞޫލްގައިވާގޮތުން ޕްރިންސިޕަލު އެއް ސްކޫލެއްގައި ހުންނާނީ ހަތަރު އަހަރުގެ ދެ ޓާމުގެ ގޮތުގައިއެވެ. މިހާރު ތިބި ޕްރިންސިޕަލުންގެ މަގާމު ދެމި އޮންނާނެ ކަމަށާއި ފުރަތަމަ ހަތަރު އަހަރުގެ ޓާމް ފެށިގެންދާނީ އުސޫލާ އެއްގޮތަށް މަސައްކަތްކުރާ ސްކޫލު ކަނޑައަޅާ 4 އަހަރުގެ ޓެނިއުއާ ހަވާލުކުރާ ތާރީޚުން ފެށިގެންކަމަށް އެޑިއުކޭޝަން މިނިސްްޓްރީން ވިދާޅުވެއެވެ.

ސްކޫލްތަކުގެ ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސްކޫލް ކަނޑައެޅުމުގެ އުސޫލަކީ ސަރުކާރުގެ ސްކޫލްތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ސްކޫލްތަކަށް އެންމެ އެކަށީގެންވާ ޤާބިލު ޕްރިންސިޕަލުން އައްޔަންކުރުމުގެ މަޤްޞަދުގައި އެކުލަވާލާފައިވާ އުސޫލެކެވެ. އަދި ދިގު މުއްދަތަކަށް އެއް ސްކޫލެއްގައި ޕްރިންސިޕަލުން ތިބުމުން ދިމާވާ ބައެއް ނޭދެވޭ މައްސަލަތަކަށް ޙައްލުހޯދުމާއެކު، އައު ޚިޔާލުތަކާއި އައު ވިސްނުންތަކަށް ބިނާކޮށް ސްކޫލްތަކުގެ ހިންގުން ހަރުދަނާކުރުމަކީވެސް މިއުސޫލް އެކުލަވާލުމުގެ މަޤްޞަދުކަމަށް ބަޔާންކޮށްފައިވެއެވެ.

ސަރުކާރު ސްކޫލްތަކުގެ ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސްކޫލު ކަނޑައެޅުމުގެ އުޞޫލު" އާ ގުޅިގެން، މިވަގުތު ވަޒީފާގައި ތިއްބެވި ގިނަ ޕްރިންސިޕަލުންގެ ފަރާތުން ކަންބޮޑުވުން ފާޅުކުރަމުން ދިއުމާ ގުޅިގެން މިއުޞޫލާ ގުޅޭގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ކަމާގުޅުންހުރި އެހެނިހެން ފަރާތްތަކާއެކު އިތުރަށް މަޝްވަރާކޮށް އުޞޫލު އިތުރަށް ހަރުދަނާ ކުރުމަށް ބޭނުންވާތީ، މި މަސައްކަތް ނިމި އަލުން އުޞޫލު އާންމު ކުރެވެންދެން
މި އުޞޫލަށް ޢަމަލުކުރުން މަޑުޖައްސާލާފައިވާ ކަމަށް ސިވިލް ސަރވިސް ކޮމިޝަނުންވެސްވަނީ ހާމަކުރައްވާފައެވެ.