ޚަބަރު

ފުރަތަމަ ފަހަރަށް ފާހަގަކުރާ "ވޯލްޑް ޕޭޝަންޓް ސޭފްޓީ ޑޭ"


މިއަދަކީ "ވޯލްޑް ޕޭޝަންޓް ސޭޕްޓީ ޑޭ" ވަކި ޚާއްސަ ދުވަހެއްގެ ގޮތުގައި މިދުވަސް ފާހަކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ނިންމާފައިވަނީ ނިމުނު 2019ވަނަ އަހަރުއެވެ. މިއީ މިދުވަސް ފާހަގަކުރާ ފުރަތަމަ އަހަރެވެ.

"ވޯލްޑް ޕޭޝަންޓް ސޭފްޓީ ޑޭ" ނުވަތަ ބަލިމީހުންގެ ސަލާމާތާއި ރައްކާތެރިކަމަށް މަސައްކަތްކުރާ ދުވަހުގެ ގޮތުގައި ޚާއްސަ ދުވަހެއް ފާހަގަކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ނިންމައިފަނީ 2019ވަނަ އަހަރުއެވެ. ކޮންމެ އަހަރެއްގެ ސެމްޓެމްބަރު މަހުގެ 17ވަނަ ދުވަހު "ވޯލްޑް ޕޭޝަންޓް ސޭފްޓީ ޑޭ"ގެ ފާހަގަކުރުމަށް ނިންމާފައިވާއިރު، 17ސެޕްޓެމްބަރު 2020އަކީ މި ދުވަސް ރަސްމީކޮށް ފަހަގަކުރާ ފުރަތަމަ ފަހަރެވެ.

މިފަދަ ދުވަހެއް ރަސްމީކޮށް ފާހަގަކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ނިންމާފައިވަނީ، ބަލިމީހާ ފަރުވާ ހޯދާ މާޙައުލަކީ ދުޅަހެޔޮ މާޙައުލަކަށް ހެދުމާއި އަދި ދެވޭ ފަރުވާއަކީ ރައްކާތެރި އެކަށީގެންވާ ފަރުވާއަކަށް ހެދުމެވެ. ވޯލްޑް ޕޭޝަންޑް ސޭފްޓީ ޑޭގެ މިއަހަރުގެ ޝިއާރަކީ "ބަލިމީހާގެ ސަލާމަތްތެރިކަން ކަށަވަރުކުރެވޭނީ، ބަލިމީހާއަށް ފަރުވާދިނުމުގައި މަސައްކަތްކުރާ ސިއްޙީ އެހީތެރިންގެ ރައްކާތެރިކަން ކަށވަރުކޮށްގެން" މި ޝިއާރެވެ.

ދުވަހާ ގުޅޭގޮތުން ވާހަކަދައްކަވަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެޕިޑިއޮމޮލިޖިސްޓް ޑރ.އިބްރާޙިމް އަފްޒަލް ވިދާޅުވީ، ދުވަހުގެ ޝިއާރާއި އެއްގޮތަށް ބަލިމީހާ ބަލިން ރަނގަޅުވުމުގައި އެންމެ ބޮޑު ދަޢުރެއް އަދާކުރާ ބަޔަކީ ބަލިމީހާ ފަރުވާ ދިނުމުގައި މަސައްކަތްކުރާ ސިއްޙީ އެހީތެރިންނެވެ. އަދި ބަލިމީހާގެ ފަރުވާގެ ކަންކަން އެންމެ ރަނގަޅަށް ގެންދެވޭނީ، ސިއްޙީ އެހީތެރިންގެ ސަލާމަތްކަމާއި ރައްކާތެރިކަން ކަށަވަރުކުރެވިގެންކަމަށެވެ.

ޚާއްސަކޮށް ކޯވިޑް-19ގެ މި ޙާލަތުގައި ޤައުމުތަކުގެ ސިއްޙީ ނިޒާމު ދަށަށް ގޮސްފައިވާ މިދަނޑިވަޅުގައި، ސިއްޙީ އެހީތެރިންގެ ޙައްގުތައް ކަށަވަރު ކޮށްދިނުމަށްވެސް ގޮންޖެހުންތައް ހުރިކަން ފާހަގަކުރެއްވިއެވެ. އަދި ސިއްޙީ ދާއިރާގައި މަސައްކަތްކުރާ މީހުން ކޮންމެ ޤައުމެއްގައިވެސް މިހާ މަދުއިރު، އެމީހުން މަސައްކަތުގައި ހިފެހެއްޓުމަށް ދުޅަހެޔޮ މަސައްކަތުގެ މާހައުލެއް ބިނާކޮށްދިނުމަށް އިތުރަށް މަސައްކަތްކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

ބަލިމީހުންގެ ފަރުވާގެ ކަންކަން ރަނގަޅުކުރެވޭނީ، ޚިދުމަތްދޭންތިބި މީހުންނަށް ރަނގަޅު މާޙައުލެއް ހޯދައިދެވިގެންކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ.

"މަސައްކަތު މާޙައުލުގައި ސިއްޙީ އެހީތެރިންގެ ސަލާމަތާއި ރައްކާތެރިކަން ވަރަށް ބޮޑަށް ބަލަހައްޓަންޖެހޭ. ބަލިމީހާއަށް ރަނގަޅު ޚިދުމަތެއްދީ ރައްކާތެރިކަން ކަށަވަރުކުރެވޭނީ ވަކި ސްޓޭންޑްތަކަށް މަސައްކަތްކޮށްގެން."ޑރ.އަފްޒަލް ވިދާޅުވިއެވެ.

ސިއްޙީ އެހީތެރިންގެ އިތުރަށް ބަލިމީހާ އުޅޭ ތަނަށް ޒިޔާރަތްކުރާމީހުންނާއި، އެމީހުންނަށް ޚިދުމަތްދޭ މީހުންވެސް ސިއްޙީ މިންގަނޑުތަކަށް ސަމާލްވުމަށް ޑރ.އަފްޒަލް އެދިލެއްވިއެވެ. ޚާއްސަކޮށް މި ދަނޑިވަޅުގައި ބަލިމީހާއަށް އިތުރު ސިއްޙީ މައްސަލަތައް ކުރިމަތިވިއަ ނުދިނުމަށް، ޚިދުމަތްދޭއިރު ވީހާވެސް ގައިދިރުކަން ބެހެއްޓުމާއި މާސްކާއި އަންގި ބޭނުންކުރަން ސަމާލްކަންދޭންޖެހޭކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ. އަދި ބަލިމީހާއާއި ބައްދަލުކުރަންދާއިރާއި ބައްދަލުކުރުމަށްފަހު، އަމިއްލަ ސާފުތާޚިރުކަމަށް ސަމާލްވުމަށްވަނީ އެދިފައެވެ.

ކޯވިޑް19ގެ މި ޙާލަތަކީ މުޅި ދުނިޔެއަށް ދިމާވި އެންމެ ބޮޑު ސިއްޙީ ކާރިސާގެ ގޮތުގައި ޑަބްލިއުއެޗްއޯއިން ސިފަކުރެއެވެ. މި ހާލަތުގައި ސިއްޙީ އެހީތެރިންގެ ޙައްގުތައް ކަޝަވަރުނުކުރުމާއި، އެމީހުންނަށް އެކަށޭނަ މާޙައުލެއް ފޯރުކޮށްދެވިފައި ނުވުމުގެ ސަބަބުން ބަލިމީހުންނަށް އެކަމުގެ ނޭދެވޭ އަސަރުތައް ކުރަމުންދާކަމަށް ޑަބްލިއުއެޗްއޯއީން ފާހަގަކުރެއެވެ.