ޚަބަރު

އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް ނައްތާލުމަށް ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކުރޭ


މިއަދަކީ ދުނިޔޭގެ އޯޒޯން ދުވަހެވެ. ދުނިޔޭގެ އޯޒޯން ދުވަހަކީ، އޯޒޯން ފަށަލައަށް ލިބެމުންދާ ގެއްލުމާއި، އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތަކާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ފާހަގަކުރަމުން އަންނަ ދުވަހެކެވެ.

މިދުވަސް ފާހަގަ ކުރަނީ އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް ބޭނުންކުރުން ހުއްޓާލުމަށްޓަކައި 1994 ވަނައަހަރުން ފެށިގެން ފާހަގަ ކުރަމުން އަންނަށް ދުނިޔޭގެ އޯޒޯން ދުވަސް ފާހަގަ ކުރެވެމުން އަންނަނީ މޮންޓްރިއަލް ޕްރޮޓޮކޯލް ތަސްދީޤު ކުރެވެނު ތާރީޚު ކަމަށްވާ 16 ސެޕްޓެމްބަރ 1987 ގުޅުވައިގެންނެވެ.

މޮންޓްރިއަލް ޕްރޮޓޮކޯލަކީ، ތިމާވެށި ޙިމާޔަތްކުރުމުގެ މަޤްޞަދުގައި ދުނިޔޭގައި މިހާތަނަށް އަމަލުކުރެވެމުންދާ އެންމެ ކާމިޔާބު، އެންމެ ރަނގަޅު ނަތީޖާ ޙާސިލްކޮށްފައިވާ، އަދި ހުރިހާ ގައުމަކުން ބައިވެރިވާ މުޢާހަދާއެކެވެ.

197 ގައުމުން ބައިވެރިވެފައި މިމުޢާހަދާގައި ރާއްޖެއިން ބައިވެރިވެފައިވަނީ 1989 ވަނަ އަހަރުއެވެ. މި އަހަރަކީ އޯޒޯން ފަށަލަ ޙިމާޔަތް ކުރުމަށް ހަދާފައިވާ މުޢާހަދާ، ވިއެނާ ކޮންވެންޝަން ފޮރ ދަ ޕްރޮޓެކްޝަން އޮފް ދަ އޯޒޯން ލޭޔަރ އަށް 35 އަހަރު ފުރޭ ދުވަހެވެ.

މިއަހަރުގެ ދުނިޔޭގެ އޯޒޯން ދުވަހުގެ ޝިއާރަކީ "އޯޒޯން ފަށަލަ ހިމާޔަތްކުރުމުގައި 35 އަހަރު" މި ޝިއާރެވެ. އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް ނައްތާލުމަށް ކުރެވެމުންދާ މަސައްކަތްތަކުގައި ރާއްޖެއަކީ ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރަމުން އަންނަ ގައުމެއްގެ ގޮތުގައި އެެންވަޔަރަމަންޓް މިނިސްޓްރީން ފާހަގަކުރައްވައެވެ.

މިގޮތުން "ކްލޮރޯ ފްލޮރޯ ކާބަން" (ސީ.އެފް.ސީ) ގޭސް ބޭނުންކުރުން ހުއްޓާލި ފުރަތަމަ ގައުމަށް 2008 ވަނަ އަހަރު ދިވެހިރާއްޖެ ވެފައިވެއެވެ. މިއީ މޮންޓްރިއަލް ޕްރޮޓޮކޯލްގެ ދަށުން ސީ.އެފް.ސީ ބޭނުންކުރުން ހުއްޓާލުމަށް ގައުމުތަކުން އެއްބަސްވެފައިވާ މުއްދަތަށްވުރެ 2 އަހަރުދުވަސް އަވަސް ތާރީޚެއްކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. . މީގެ އިތުރުން ފިނިކުރާ ނިޒާމްތަކުގައި މިހާރު އެންމެ ފުޅާދާއިރާއެއްގައި ބޭނުންކުރަމުންދާ "ހައިޑްރޯ ކްލޮރޯ ފްލޮރޯ ކާބަން" (އެޗް.ސީ.އެފް.ސީ) ބޭނުން ކުރަން ހުއްޓާލުމަށް ޕްލޭނެއް އެކުލަވާލި ފުރަތަމަ ގައުމަކީވެސް ދިވެހިރާއްޖެއެވެ. އަދި މިޕްލޭނަށް، މޮންޓްރިއަލް ޕްރޮޓޮކޯލްގެ ދަށުން އުފައްދާފައިވާ މަލްޓިލެޓަރަލް ފަންޑުން އެހީ ލިބުނު ފުރަތަމަ ގައުމަކީވެސް ދިވެހިރާއްޖެކަން ފާހަގަކުރެވެއެވެ.

މި އަހަރުގެ އޯޒޯން ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ރާވާފައެވެ. އެހެންނަމަވެސް ދުނިޔެއަށް ދިމާވެފައިވާ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން މި ހަރަކާތްތައް ކުރިއަށް ގެންދަނީ އޮންލައިން ޕްލެޓްޕޯމްތަކުގައެވެ. މިގޮތުން، ސެޕްޓެމްބަރ 13-17 އަށް، ކޮންމެ ދުވަހަކު މިނިސްޓްރީގެ ސޯޝަލް މީޑިއާގައި އޯޒޯން ދުވަހުގެ އެކި ދާއިރާތަކަށް އަލިއަޅުވާލާ، މަޢުލޫމާތު ހިއްސާކުރުމުގެ ގޮތުން ޕޯސްޓްތައް އަޕްލޯޑްކުރާނެކަމަށް އެންވަޔަރަމަންތް މިނިސްޓްރީން ވިދާޅުވއެވެ.

މިގޮތުން އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތަކަކީ ކޮބާކަމާއި، ރާއްޖޭގެ ފިނި ކުރާ ނިޒާމުތަކުގައި ބޭނުންކުރަނީ ކޮންކަހަލަ މާއްދާތައްކަމާއި، މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާއިން އޯޒޯންފަށަލައަށް ގެއްލުންދޭ މިންވަރާއި، ބޭނުންކުރާ ގޭސްތައް ހިމެނެއެވެ. ހަމައެހެންމެ ކިގާލީ އެމެންޑްމަންޓްއަކީ ކޮބާކަމާއި މި އެމެންޑްމަންޓްގެ މައުލޫމާތުވެސް މި ހަފްތާތެރޭގައި ޕޯސްޓްތަކުގެ ޒަރިއްޔާއިން ހިއްސާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މިނިސްޓްރީގެ އިންސްޓަގްރާމް ޕޭޖްގައި އާންމުންނަށް ހާއްސަކޮށްގެން ތަފާތު އެކި ޕޯލް (ނުވަތަ ސުވާލުތައް) ކުރިއަށް ގެންދިއުމަށް ވަނީ މި ހަފްތާގައި ރާވާފައެވެ.