ދުނިޔޭގެ ވިޔަފާރި

ވަރުގަދަ އައިޕެޑަކާއެކު އެޕަލްގެ އައު އުފެއްދުންތައް ދައްކާލައިފި


އެޕަލްގެ އުފެއްދުންތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ ބައެއްގެ މަޤްބޫލްކަން ހޯދާފައިވާ އުފެއްދުންތަކަކަށްވުމުން، އެޕަލްގެ އުފެއްދުންތައް ދައްކާލުމަށް ބާއްވާ ޚާއްސަ އިވެންޓަކީ އަބަދުވެސް ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭ އިވެންޓެކެވެ. މިގޮތުން ރޭ ބޭއްވި އެޕަލްގެ ޚާއްސަ އިވެންޓުގައިވެސް ވަނީ އެކުންފުނީގެ އައު އުފެއްދުންތަކަކާއި ޚިދުމަތްތަކެއް ތަޢާރަފްކޮށްފައެވެ. ގިނަ ބަޔަކު އުއްމީދުކުރި ގޮތާއި ޚިލާފަށް އައިފޯނު 12 މި އިވެންޓުގައި ދައްކާލާފައި ނުވިނަމަވެސް، އެޕަލްގެ އައު އައިޕެޑްތަކާއި، އެޕަލްގެ އައު ސްމާޓް ވޮޗްތަކާއި ބައެއް ޚިދުމަތްތައް މި އިވެންޓުގައި ވަނީ ތަޢާރަފްކޮށްފައެވެ.
އެޕަލްއިން ތަޢާރަފްކުރި އައު އުފެއްދުންތަކަށް ބަލާލާއިރު، މުޅިން އައު ދެ އައިޕެޑް ވަނީ ތަޢާރަފްކޮށްފައެވެ. އެއީ އައިޕެޑް އެއަރ ނުވަތަ އައިޕެޑް އެއަރ 4 އަދި އައިޕެޑް 8 އެވެ.

އައިޕެޑް އެއަރ

އެޕަލްއިން ބުނާގޮތުން މިފަހަރު ތަޢާރަފްކުރި އައިޕެޑް އެއަރއަކީ މިހާތަނަށް ނެރުނު އައިޕެޑްތަކުގެ ތެރެއިން، ޓެކްނޮލޮޖީގެ ގޮތުން އެންމެ ކުރިއަރާފައިވާ އައިޕެޑްކަމަށެވެ. 10.9 އިންޗީގެ ލިކުއިޑް ރެޓީނާ ޑިސްޕްލޭއެއް ހިމެނޭ މި އައިޕެޑުގައި އޭ14 ބަޔޯނިކް ޗިޕެއް ހިމެނެއެވެ. މި ޗިޕްގެ ސަބަބުން އެހެން އައިޕެޑްތަކާ އަޅާބަލާއިރު، މި އައިޕެޑްގެ 40 ގުނަ އަވަސްވާނެއެވެ. އަދި އައިޕެޑްގެ ގްރެފިކްސްވެސް 30 ގުނަ އަވަސްވާއިރު، މީގެ ސަބަބުން ފޯކޭ ވީޑިއޯތައް ވަރަށް ފަސޭޙަކަމާއެކު އައިޕެޑުން އެޑިޓްކޮށްލެވޭނެއެވެ. މި އައިޕެޑާއެކު އެޕަލް ޕެންސިލް އަދި އެޕަލްގެ މެޖިކް ކީ ބޯޑު ހިމެނޭއިރު، ފަސް ކުލައެއްގައި މި އައިޕެޑް ލިބޭނެއެވެ. އެއީ ސްކައި ބުލޫ، ފެހި، ރޯސް ގޯލްޑް، ސިލްވަރ އަދި ސްޕޭސް ގްރޭއެވެ.

އައިޕެޑް 8

އެޕަލްއިން ތަޢާރަފްކުރި އެއިޓްތް ޖެނެރޭޝަން އައިޕެޑް ނުވަތަ އައިޕެޑް 8 އަކީވެސް މީގެކުރިން ނެރުނު އައިޕެޑްތަކާ އަޅާބަލާއިރު ވަރަށް ބޮޑަށް ތަރައްޤީކޮށްފައިވާ އައިޕެޑެކެވެ. މި އައިޕެޑްގައި އޭ12 ބަޔޯނިކް ޗިޕެއް ހިމެނޭއިރު، 10.2 އިންޗީގެ ރެޓީނާ ޑިސްޕްލޭއެއް ހިމެނެއެވެ. މި އައިޕެޑްގައި ހިމެނޭ އޭ12 ބަޔޯނިކް ޗިޕްގެ ސަބަބުން ވިންޑޯސްގެ އެންމެ ގިނައިން ވިކޭ ލެޕްޓޮޕްތަކަށްވުރެ މި އައިޕެޑް 2 ގުނަ އަވަސްވާނެއެވެ. އަދި އެންޑްރޮއިޑް ޓެބްލެޓްއާއި ގޫގުލްގެ ކްރޯމްބުކްއަށްވުރެވެސް މި އައިޕެޑްގެ އަވަސްވާނެއެވެ. އައިޕެޑް އަށެއް 3 ކުލައަކުން ލިބޭނެއެވެ. އެއީ ސްޕޭސް ގްރޭ، ސިލްވަރ އަދި ގޯލްޑްއެވެ. އަދި އައިޕެޑްއޯއެސް 14ވެސް އެޕަލްއިން ލޯންޗުކޮށްފައިވާއިރު، މީގެ ސަބަބުންވެސް އައިޕެޑްއަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެއެވެ.

އެޕަލް ވޮޗް ސީރީޒް 6

އެޕަލްއިން އަލަށް ތަޢާރަފްކުރި އެޕަލް ވޮޗް ސީރީޒް 6 އަކީވެސް ފާހަގަކޮށްލެވޭ އުފެއްދުމެކެވެ. މީގައި މުޅިން އާ ހެލްތު ސެންސަރއެއް ހިމެނޭއިރު، މީގެ ސަބަބުން ބްލަޑް އޮކްސިޖަން ސެޗުރޭޗަން ބަލާލެވޭނެއެވެ. އަދި މި ސްމާޓް ވޮޗްގައި މުޅިން އައު އެސް 6 ޗިޕެއް ހިމެނޭއިރު، އެހެން އެޕަލް ވޮޗްތަކާ އަޅާބަލާއިރު 2.5 ގުނަ އަލިގަދަވާނެއެވެ. މިގަޑި ލިބޭ ކުލަތަކުގެ ތެރޭގައި، ރަތްކުލަ، ބުލޫ އެލްމިނިއަމް، ގޯލްޑް ސްޓެއިންލެސް ސްޓީލް، ގްރޭ ސްޓެއިންލަސް ސްޓީލް ހިމެނެއެވެ. މީގެއިތުރުން ސްމާޓް ވޮޗްތަކަށް މުޅިން އައު ކަމަރެއްވެސް އެޕަލްއިން ވަނީ ތަޢާރަފްކޮށްފައެވެ. ސޯލޯ ލޫޕްގެ ނަން ދީފައިވާ މިކަމަރުގެ ހަތް ކުލައެއް ހުރެއެވެ.

މިއުފެއްދުންތަކުގެ އިތުރުން އެޕަލްއިން ވަނީ އަގުހެޔޮކޮށް ވިއްކުމަށް މުޅިން އައު ސްމާޓް ވޮޗް އެސް.އީވެސް ތަޢާރަފްކޮށްފައެވެ. އަދި އެޕަލްގެ އައު ޚިދުމަތްތައްކަމަށްވާ، ދުޅަހެޔޮ ސިއްހަތަކަށް އެޕަލް ފިޓްނަސް ޕްލަސް، އަދި އެޕަލްގެ ގިނަ ޚިދުމަތްތަކެއް އެއް ޕްލެޓްފޯމަކުން ލިބޭ އެޕަލް ވަން އަދި އާއިލާތަކަށް ޚާއްސަ އެޕަލް ފެމިލީ ސެޓްއަޕްވެސް އެޕަލްގެ ޚާއްސަ އިވެންޓުގައި ވަނީ ތަޢާރަފްކޮށްފައެވެ.