ޚަބަރު

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއިއެކު 7 މީހަކު ހައްޔަރުކޮށްފި


މާލޭގެ ގެއެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާއިއެކު ހަތް މީހަކު ހައްޔަރުކޮށްފިއެވެ.

ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މި މަހުގެ 14 ވަނަ ދުވަހުގެ 21:38 އެހާކަންހާއިރު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ 28 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ފިރިހެނެއްގެ އިތުރުން 19 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން ވިދާޅުވެއެވެ.

މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ހެންވޭރު ގެއެއް ބަލައިފާސްކޮށްފައި ވާއިރު އެގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި 42 ދަޅާއި 28 ރަބަރު ޕެކެޓާއި 216 ސެލޯފިންކޮޅާއި ޖޫސް ޕެޓީ ކޮތަޅެއްގެ އިތުރުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗަކާއި ދުންފަތް އަޅާފައިވާ ބިޑިއަކާއި މަނާބޭހުގެ 255 ގުޅައާއި ބަނގުރާ ފުޅިއެއް ފެނިފައިވެއެވެ. މީގެއިތުރުން އެގެއިން 17،150 ރުފިޔާ ވަނީ ފެނިފައެވެ.

މިމައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.