ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ޖަޕާނުގެ އައު ބޮޑުވަޒީރު ޔޮޝިހިޑެ ސުގާއަށް މަރުހަބާ ވިދާޅުވެއްޖެ


ރައީސުލްޖުމްހޫރިއްޔާ ޖަޕާނުގެ އައު ބޮޑުވަޒީރު ޔޮޝިހިޑެ ސުގާއަށް މަރުހަބާ ވިދާޅުވެއްޖެއެއެވެ.

ޔޮޝިހިޑެ ސުގާއަށް ޖަޕާނުގެ ބޮޑުވަޒީރުކަން ލިބިވަޑއިގެންފައި މިވަނީ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އިސްތިޢުފާ ދެއްވުމާއި ގުޅިގެން ވެރިކަންކުރާ ލިބަރަލް ޑިމޮކްރަޓިކް ޕާޓީ، އެލްޑީޕީގެ ލީޑަރުގެ ގޮތުގައި ބޭފުޅަކު ހޮވުމަށް އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓު ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވުމާއި ގުޅިގެންނެވެ.

އަބޭގެ ކެބިނެޓު ސެކެޓްރީގެ ގޮތުގައި ހުންނެވި ޔޮޝިހިޑެ ސުގާއަށް ޤާނޫނު ހަދާމަޖިލީހުގެ ރުހުން ލިބިލެއްވުމުން ޝިންޒޯ އަބޭގެ ދައުރުގެ ބާކީ އޮތް އަހަރެއްހާ ދުވަހުގެ މުއްދަތަށް ބޮޑުވަޒީރުކަން ކުރައްވާނީ ޔޮޝިހިޑެ ސުގާ އެވެ.

ޔޮޝިހިޑެ ސުގާއަށް މަރުޙަބާ ވިދާޅުވެ ކުރެއްވި ޓުވީޓުގައި ރައީސުލްޖުމްހޫރިއްޔާވަނީ ޔޮޝިހިޑެ ސުގާގެ ޒަޢާމަތުގައި ރާއްޖެއާ ޖަޕާނާ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާވެގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

ވެރިކަންކުރާ ޕާޓީއަށް އައު ލީޑަރަކު ހޮވުމަށް ސެޕްޓެމްބަރު މަހުގެ 14ވަނަ ދުވަހު ބޭއްވި އިންތިޚާބު ކުރީގެ ބޮޑުވަޒީރު އަބޭގެ އަރިސް ބޭފުޅެއްކަމަށްވާ ސުގާ ކާމިޔާބުކުރެއްވީ ބޮޑު އަޣުލަބިއްޔަތަކުންނެވެ. އުމުރުން 71 އަހަރުފުޅުގެ ސުގާއަށްވަނީ 535 ވޯޓުގެ ތެރެއިން 377 ވޯޓު ލިބިވަޑައިގެންފައެވެ. ސުގާވަނީ ކުރީގެ ބޮޑުވަޒީރު އަބޭގެ ސިޔާސަތުތައް ކުރިއަށް ގެންދަވާނެކަމަށް ވަޢުދުވެވަޑައިގެންފައެވެ.

ޖަޕާނާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރީ 14 ނޮވެންބަރު 1967ގައެވެ. މިއާއެކު ބައިގަރުނަށްވުރެ ގިނަ ދުވަސްވީ މިގުޅުމުގެތެރެއިން، ދެޤައުމުން ވަނީ އެކިއެކި ރޮނގުތަކުން މި ގުޅުން އިތުރަށް ބަދަހި ކޮށްފައެވެ.