ޚަބަރު

ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ބްރޯޑްކާސްޓަރުން ނެތުން - ބްރޯޑްކޮމް


ބްރޯޑްކާސްޓިންގ ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ބްރޯޑްކާސްޓަރުން ނެތުން ކަމަށް ބްރޯޑްކާސްޓިންގް ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ވިދާޅުވެއްޖެއެވެ.

މަރިޔަމް ވަހީދާ މިހެން ވިދާޅުވީ ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގެ ހާލަތާއި، ދާއިރާ ތަރައްޤީކުރުމާ ގުޅޭގޮތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އިނގިރޭސި ސަފީރު ކެރޯން ރޮސްލާއާއެކު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ކުރެއްވި މަޝްވަރާގައެވެ. އޮންލައިންކޮށް އިއްޔެ ބޭއްވި މިބައްދަލުވުމުގައި، ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގެ ޙާލަތާއި، ދާއިރާގެ ތަރައްޤީއަށް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު އިނގިރޭސި ސަފީރާ ކޮމިޝަނުން ޙިއްސާކުރިއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ވިދާޅުވީ ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ބްރޯޑްކާސްޓަރުން ނެތުންކަމަށެވެ. އަދި ކޮމިޝަނުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަމުންދާ އެއް މަސައްކަތަކީ ބްރޯޑްކާސްޓްކުރުމުގެ ދާއިރާއަށް ބޭނުންވާ އުފެއްދުންތެރި މީހުން ބިނާކުރުން ކަމުގައި މަރިޔަމް ވަހީދާ ވިދާޅުވިއެވެ. އެގޮތުން އިނގިރޭސި ހައިކޮމިޝަނާ ގުޅިގެން، އިނގިރޭސި ސަރުކާރުގެ އެހީގައި ބްރޯޑްކާސްޓިންގ ދާއިރާއަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމުގެ ތަމްރީން ޕްރޮގްރާމްތަކެއް އިންތިޒާމްކޮށްދެއްވުން އެދި ކޮމިޝަނުން ތައްޔާރުކޮށްފައިވާ ޕްރޮޕޯޒަލްގެ މަޢުލޫމާތު އިނގިރޭސި ސަފީރާ މަރިޔަމް ވަހީދާ ޙިއްޞާކުރެއްވިއެވެ.

އިނގިރޭސި ސަފީރު ކެރޯން ރޯސްލާ މި ބައްދަލުވުމުގައި ދެއްކެވި ވާހަކައިގައި ކޮމިޝަނާއި އިނގިރޭސި ހައިކޮމިޝަން ގުޅިގެން ބްރޯޑްކާސްޓިންގ ދާއިރާގެ ތަރައްޤީއަށް މަސައްކަތް ކުރުމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.