ޚަބަރު

ދަށުކޯޓުން ބޭރުކޮށްލި މައްސަލަ އަލުން ބަލަންޖެހޭ - އަދީބު


އެމްއެމްޕީއާރުސީ މައްސަލައިގައި ދަޢުލަތަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ޕްރޮސިކިއުޓަރ ޖެނަރަލްއާ ފުލުހުންގެ ފަރާތުން އެއްވެސް މަޖުބޫރުކުރުމެއް ކުރިމަތިނުވާކަމަށާއި، އޭނާގެ މައްޗަށް ކުރި ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލަ އަލުން އެކޯޓުން ބަލަންޖެހޭ ކަމަށް ޤަބޫލުކުރާކަމަށް ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު ވިދާޅުވެއްޖެއެވެ.


ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް ދަައުލަތުން އުފުލި ދައުވާތައް ކުރިމިނަލް ކޯޓުން ބާތިލުކުރި މައްސަލަގައި ޕީޖީ އޮފީހުން ހައިކޯޓަށް ހުށައެޅި އިސްތުއުނާފު މައްސަލައިގަ މިއަދު ޝަރީއަތުގެ އަޑުއެހުމުގައި އަދީބު ވިދާޅުވީ، ތަހުގީގަށް އެއްބާރުލުން ދިނުމަށް އެއްބަސްވުން ހަދާފައިވަނީ މަޖުބީރީ ހާލަތެއް އޮވެގެން ނޫން ކަމަށާއި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ގެއްލުނު ފައިސާ ހޯދުމަށް އެނގިހުރި މައުލޫމާތުތައް ދެއްވާނެ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން އަދީބާއި ދެކޮޅަށް ދައުލަތުން އުފުލި 7 ދައުވާއެއް ކުރިމިނަލް ކޯޓުން ބާތިލުކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހުއެވެ.

ހައިކޯޓުގައި މިއަދު އަދީބު ވިދާޅުވީ ކުރިމިނަލް ކޯޓުގައި ޝަރީއަތްތަށް ކުރިއަށް ދިޔައިރު އިންޓަނެޓް ދަށްވުމުގެ ސަބަބުން އޭނާއަށް ދައުލަތުގެ ވަކީލުންގެ އަޑުލިބުނީ ކެނޑިކެނޑިގެން ކަމަށާއި އޭގެ ސަބަބުން ދައުލަތުގެ ނިޔަތާމެދު އޮޅުން އެރި ކަމަށެވެ. އަދި އެ ދުވަހު ޒުވާބަކަށް ދާން ޖެހުމުން އަދީބު ވަނީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ އަރިހުން މައާފަށް އެދިވަޑައިގެންފައެވެ.

އަދީބު ވިދާޅުވީ، އެ މައްސަލައިގައި އޭނާ ދޭނެ ރައްދެއް ނެތް ކަމަށާއި އެއީ މައުޟޫއީ ގޮތުން ދަށު ކޯޓުން ބަލަންޖެހޭ މައްސަލައެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ދަޢުލަތުން މިއަދު ވަނީ އަދީބުގެ އިއުތިރާފު އެއްބަސްވުން ބަލައިނުގަތުމަށް ކޯޓުން ނިންމިނަމަވެސް އޭނާއާ ދެކޮޅަށް ދައުލަތުން ހުށަހަޅި ހެކިތަކަށް ފުރުސަތު ދޭން ޖެހޭނުނަމަވެސް އެ ފުރުސަތު ދަށު ކޯޓުން ދީފައި ނުވާ ކަމަށާއި އެ ހާލަތުގައި އިއުތިރާފު އަނބުރާ ގެންދިއުމުގެ ފުރުސަތާއި ތަހުޤީގު އިތުރަށް ފުރިހަމަ ކުރުމުގެ ފުރުސަތު ވެސް ދޭންޖެހޭކަމަށެވެ.

ކްރިމިނަލް ކޯޓުން މައްސަަލަތައް ބޭރުކުރުމުން އަދީބު މިނިވަންވި މައްސަލައިގެ އިސްތިއުނާފު ޝަރީއަތް މިއަދު ހައި ކޯޓުގައިވަނީ ނިންމާލައިފައެވެ.