މިއަހަރުގެ ފުރަތަމަ 5 މަސްދުވަހު ކުޑަކުދިންނަށް ކުރި އެކިބާވަތުގެ އަނިޔާއާ ގުޅިގެން ހުށަހަޅާފައިވާ މައްސަލަތަކަށްވުރެ މިދިޔަ އޯގަސްޓްމަހު އެކަނި ހުށައަޅާފައިވާ މައްސަލަތަކުގެ ޢަދަދު އިތުރުވެއްޖެއެވެ. ޖެންޑަރ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ އޯގަސްޓްމަހު ކުޑަކުދިންނަށްކުރާ އެކިބާވަތުގެ އަނިޔާގެ ސަތޭކައަށްވުރެ ގިނަ މައްސަލަވަނީ އެމިނިސްޓްރީއަށް ހުށަހަޅާފައެވެ.
އަނިޔާއާ ގުޅޭ މައްސަލަތަކާ ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސްއަށް ރިޕޯޓުކުރާ މައްސަލަތަކުގެ ތަފާސްހިސާބު އެމިނިސްޓްރީން ޢާއްމުކުރައްވާފައިވާއިރު މީގެތެރޭގައި ކުޑަކުދިންނަށްކުރާ އެކިބާވަތުގެ އަނިޔާގެ 103 މައްސަލައެއްވަނީ ރިޕޯޓުކޮށްފައެވެ. މިއަހަރުގެ ފުރަތަމަ 5 މަސްދުވަހު ހުށަހެޅިފައިވަނީ މިބާވަތުގެ 387 މައްސަލަ ކަމަށް ޖެންޑަރ މިނިސްޓްރީން ކުރިންވަނީ ހާމަކުރައްވާފައެވެ. އެހެންކަމުން މިއީ މިއަހަރުގެ ފުރަތަމަ 5 މަސްދުވަހު ހުށައެޅުނު މިބާވަތުގެ މައްސަލަތަކާ އަޅާބަލާއިރު ނިސްބަތުން އިތުރު ޢަދަދެކެވެ.
އޯގަސްޓް މަހުގެ ތަފާސްހިސާބަށްބަލާއިރު ކުޑަކުދިންނަށް ކުރާ އަނިޔާގެތެރެއިން އެންމެ ގިނައިން ހުށައަޅާފައިވަނީ ޖިންސީ ހާނިއްކާއިގެ މައްސަލަތަކެވެ. މިބާވަތުގެ 36 މައްސަލައެއްވަނީ ރިޕޯޓުކޮށްފައެވެ. މީގެ އިތުރުން އިހުމާލުވުމުގެ 24 މައްސަލައާއި ޖިސްމާނީ ހާނިއްކައިގެ 20 މައްސަލައާއި ނަފްސާނީ ހާނިއްކައިގެ 8 މައްސަލަ އަކާއި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 5 މައްސަލައާއި ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 7 މައްސަލައިގެ އިތުރުން އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 3 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ.
ކުޑަކުދިންގެ މައްސަލަތަކުގެތެރޭގައި ކުދިންގެ އަޚުލާގާއި ގުޅުންހުރި 9 މައްސަލައަކާއި އެކިބާވަތުގެ ކުށްކުރާ ކުދިންގެ 4 މައްސަލައަކާއި ކުޑަކުދިންގެ ޙައްގުތަކުން ކުދިން މަޙުރޫމްކުރުމުގެ 2 މައްސަލައެއްވެސް ޖެންޑަރ މިނިސްޓްރީއަށް މިދިޔަމަހުވަނީ ހުށަހަޅާފައެވެ.
މިދިޔަ މަހު ހުށައެޅުނު މައްސަލަތަކުގެ ތެރޭގައި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ 28 މައްސަލައެއް ހިމެނެއެވެ. މިބާތުގެ މައްސަލަތަކުގެ ތެރޭގައި ނަފްސާނީ އަނިޔާ ނުވަތަ އަނގަބަހުން ކުރެވޭ އަނިޔަގެ 10 މައްސަލައަކާއި ޖިސްމާނީ އަނިޔާގެ 10 މައްސަލައެއްވަނީ ރިޕޯޓުކޮށްފައެވެ. ރޭޕްކުރުމާ ގުޅޭ 3 މައްސަލައަކާއި ޖިންސީ ހާނިއްކަ ކުރުމުގެ 2 މައްސަލައާއި މުދަލާއި މާލީ އެހީތެރިކަމާއި ގުޅޭ މައްސަލައަކާއި ހާނިއްކާއާއި ގުޅޭ މައްސަލައެއްވަނީ ރިޕޯޓުކޮށްފައެވެ.
މިދިޔަ މަހު ޢާއިލީ 16 މައްސަލައެއް ހުށައަޅާފައިވާއިރު މީގެތެރޭގައި ހިމެނެނީ ހަޟާނަތާ ގުޅޭ 10 މައްސަލައަކާއި ޚަރަދު ދިނުމާއި ގުޅޭ މައްސަލައަކާއި ކުދިން ބެލުމުގައި ޖެހުނު 5 މައްސަލައެކެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 13 މައްސަލައެއް މިދިޔަ މަހުވަނީ ހުށައަޅާފައެވެ. އޯގަސްޓްމަހު ޖެންޑަރ މިނިސްޓްރީންވަނީ އަމިއްލަ ނަފްސަށް އަނިޔާދިނުމާއި ގުޅޭ 9 މައްސަލައެއްވެސް ބަލާފައެވެ.
ކޯވިޑް-19ގެ ސަބަބުން ގޭގައި ގިނަވަގުތު ހޭދަކުރަންޖެހި ކުޑަކުދިންނާއި އަންހެނުންނަށް އެކިބަވަތުގެ އަނިޔާގެ މައްސަލަތައް ކުރިމަތިވާ މިންވަރު އިތުރުވުމާއި ގުޅިގެން މިކަންކަމަށް މީހުން ހޭލުންތެރިކުރުވުމުގެ މަސައްކަތް ޖެންޑަރ މިނިސްޓްރީން އަންނަނީ ކުރަމުންނެވެ. އަދި އެހީތެރިކަމަށް ބޭނުންވެފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްވެސް އެމިނިސްޓްރީން އަންނަނީ ކުރަމުންނެވެ.