ޚަބަރު

ވަޒީފާއިން ވަކިނުކޮށް ވަޒީފާ ބަދަލު ކުރެވޭނެ ނިޒާމެއް ހޯދުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ސިވިލް ސަރވިސް މުވައްޒަފުން ވަޒީފާއިން ވަކިނުކޮށް އެއް ވުޒާރާއިން އަނެއް ވުޒާރާއަށް ވަޒީފާ ބަދަލު ކުރެވޭނެ ނިޒާމެއް ހޯދާދިނުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާ ކުރެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަަން ޑރ އިބްރާހިމް ޙަސަން، ސިވިލް ސަރވިސް ކޮމިޝަނަށް ޢައްޔަން ކުރެއްވި މެމްބަރުންނާ ބައްދަލުކުރައްވައެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޑރ އިބްރާހިމް ޙަސަން ވަނީ ސިވިލް ސަރވިސް މުވައްޒަފުންގެ އޮނިގަނޑު މިހާރު އެކުލަވާލެވިފައިވާ ގޮތުން ދިމާވާ ދަތިތަކާއި ބެހޭގޮޮތުން އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން މޯލްޑިވްސް ޕޮލިޓެކްނިކާއި ޓިވެޓް އޮތޯރިޓީއަށް ބޭނުންވާ ޓެކްނިކަލް އަދި ޕްރޮފެޝަނަލް މުވައްޒަފުން ހޯދުމުގައި އޮނިގަނޑު އެކުލަވާލެވިފައިވާ ގޮތުން ހުރި ދަތިތައް ސިވިލް ސަރވިސް ކޮމިޝަންގެ މެމްބަރުންނާއި ހިއްސާ ކުރެއްވިއެވެ.

މޯލްޑިވްސް ޕޮލިޓެކްނިކަކީ ޓެކްނިކަލް ގިނަ މާއްދާތަކެއް ކިޔަވައިދެމުން ގެންދާ ތަނަކަށް ވާއިރު ޓެކްނިކަލް މާއްދާތައް ކިޔަވައިދިނުމަށް ޓީޗަރުން ހޯދުމުގައި ދިމާވާ އެންމެބޮޑު އެއް ދައްޗަކީ ލެކްޗަރަރސްއަށް ޓީޗިންގް ސަނަދެއް އޮތުން ލާޒިމުވެފައި އޮތުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން ބޭނުންވާ އަދަދަށް ލެކްޗަރަރސް ލިބުމުގައި ދަތިތައް ކުރިމަތިވެފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިބައްދަލުވުމުގައި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ނާޞިހު ވިދާޅުވީ ސަރުކާރުގެ މަސައްކަތްތައް ތަންފީޒު ކުރުމަށް ސިވިލް ސަރވިސް ކޮމިޝަން މެމްބަރުންގެ ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެ ކަމަށާއި އަދި ސިވިލް ސަރވިސް އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ޤާނޫނު ތަންދިން އެންމެ ފުޅާމިނެއްގައި ގެންނަވާނެ ކަމަށެވެ.