ކުޅިވަރު

ބެލިންހަމް ރެކޯޑް ހެދި މެޗުން ޑޯޓްމަންޑް ފެންވަރު ދައްކާލައިފި


ޖަރުމަނު ކަޕުގެ ފުރަތަމަ ބުރުގައި ރޭ ބޮރޫޝިއާ ޑޯޓްމަންޑާއި ޑުއިސްބާގް ވާދަކުރި މެޗު 5-0 އިން ޑޯޓްމަންޑް ކާމިޔާބުކޮށްފިއެވެ.

މެޗުގައި އިނގިރޭސިވިލާތުގެ ޒުވާން ކުޅުންތެރިޔާ ޖޫޑް ބެލިންހަމް ވަނީ ލަނޑެއް ޖަހާ ރެކޯޑެއް ހަދާފައެވެ. މެޗުގައި ޑޯޓްމަންޑްއަށް ލަނޑުތައް ޖަހައިދިނީ ބެލިންހަމްގެ އިތުރުން ޖޯޑަން ސަންޗޯ، ތޯގަން ހަޒާޑް، ޖިއޯރޭނާ އަދި މާކޯސް ރުއެސްއެވެ. އުމުރުން 17 އަހަރުގައި ކުޅުންތެރިޔާ ބެލިންހަމް ބާމިންހަމް ސިޓީ ދޫކޮށް ޑޯޓްމަންޑްއާ ގުޅުނީ މި ސީޒަނުގައެވެ. ރޭ އޭނާ ޖެހި ލަނޑާއެކު ޑޯޓްމަންޑްގެ 110 އަހަރުގެ ތާރީހުގައި އެނާ ވެގެން ގޮސްފައިވަނީ އެކުލަބަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.

ރޭގެ މެޗުގައި ޖޫޑް ބެލިންހަމް ލަނޑު ޖެހިއިރު އޭނާގެ އުމުރަކީ 17 އަހަރާއި 77 ދުވަހެއެވެ. ކުރިން މި ރިކޯޑް އޮތީ އެކުލަބަށް ކުޅުނު ނޫރީ ޝާހިން އަތުގައެވެ. މިއީ ފުރަތަމަ ފަހަރަށް އިނގިރޭސި ދެ ފޯވާޑުން ކުރިޔަށްލައިގެން ކުޅެ ޑޯޓްމަންޑަށް ލަނޑު ޖަހައިދިން ފުރަތަމަ ފަހަރެވެ. ބެލިންހަމް ޑޯޓްމަންޑަށް ބަދަލުވުމުގެ ކުރިން އިނގިރޭސި ބޮޑެތި ކުލަބުތަކުން އޭނާ ގަތުމަށް މަސައްކަތްކުރިއެވެ.

ޖަރުމަނުގެ ތިންވަނަ ޑިވަޝަނުގައި ވާދަކުރާ ޑުއިސްބާގް މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކުއެވެ. އެއީ އެޓީމުގެ ޑޮމިނިކް ވޯލްމާއަށް ދެއްކި ރަތްކާޑުއެކު ދަނޑުން ފޮނުވާލުމުންނެވެ.