ޚަބަރު

ފުލުހުންގެ ބައު ލޯންޗުތައް ނީލަމުގައި ވިއްކާލަނީ


މޯލްޑިވުސް ޕޮލިސް ސާވިސްގައި ބޭނުން ކުރަމުން އައި ބައެއް ލޯންޗުތައް ބައުވެ ނީލަމުގައި ވިއްކާލުމަށް ނިންމައިފިއެވެ.

ފުލުހުން ވިދާޅުވީ ލޯންޗުތައް ވިއްކާލަން ނިންމާފައި ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސް ގައި ބޭނުންކޮށްފައިވާ އެއުޅަނދުފަހަރު ބޭނުންނުކުރެވޭވަރަށް ހަލާކުވެފައި ވާތީކަމަށެވެ.

ފުލުހުންގެ އިދާރާއިން ނީލަމުގައި ވިއްކާލުމަށް އިއްްޔެ އިއުލާނުކޮށްފައި ވަނީ ހދ އަތޮޅުގައި ބޭނުން ކުރި ފުލުހުންގެ 22 ނަމްބަރު ލޯންޗެވެ. މި ލޯންޗު މިވަގުތު އެހެލާފައި އޮތީވެސް ކުޅުދުއްފުށީގައެވެ. މި ނީލަން ފެށޭ އަގަކީ، -/145،719ރ (އެއްލައްކަ ސާޅީސް ފަސްހާސް ހަތްސަތޭކަ ނަވާރަ ރުފިޔާއެވެ. އަދި ފަހަރަކު މަދުވެގެން އިތުރު ކުރެވޭނީ، އަގުގެ 10 އިންސައްތައެވެ.

ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި މިނީލަމުގައި ބައިވެރިވެވޭނީ އެކަމަށް އެދި ރަޖިސްޓްރީވުމަށް ފޯމު ހުށައަޅުއްވާ ފަރާތްތަކަށް އެކަނި ކަމަށެވެ. އަދި ނީލަން ކިޔުމަށް ހަމަޖެހިފައިވާ ލޯންޗު، މިހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު، 10:30ގައި ދައްކާލުމަށް ހަމަޖެހިފައިވާ ކަމަށާއި، ނީލަންކިޔުން އޮންނާނީ ސެޕްޓެމްބަރު 24 ވަނަ ދުވަހު، އިސްކަންދަރުކޮށި 1ގައި، ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

މިނީލަމާއި ގުޅޭ އިތުރު މައުލޫމާތު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިއުކޮށްފައެވެ.