ޚަބަރު

ޑިމޮކްރަސީގެ ނިޒާމް ދެމެހެއްޓުމަށް އެނިޒާމަށް އިޙްތިރާމްކުރާ ރައްޔިތުންތަކެއް އުފެއްދުން މުހިންމު - އީސީ


ޑިމޮކްރަސީގެ ނިޒާމް ހަރުދަނާކަމާއެކު ދެމެހެއްޓުމަށްޓަކައި، އެނިޒާމްގެ އަސާސްތަކަށް އިޙްތިރާމްކުރާ ރައްޔިތުންތަކެއް އުފެއްދުން މުހިންމުކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ޑިމޮކްރަސީގެ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ބަޔާނެއްގައި އިލެކްޝަންސް ކޮމިޝަނުންވަނީ
ދިމުޤްރާތީ ނިޒާމެއް ހަރުދަނާކަމާއެކު ދެމެހެއްޓުމަށްޓަކައި، މި ނިޒާމުގެ އަސާސްތަކަށް އިޙްތިރާމްކުރާ ރައްޔިތުންތަކެއް އުފެއްދުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. އަދި މިނިޒާމަށް ހޭލުންތެރިވެފައިވާ ރައްޔިތުންތަކެއް އުފެއްދުމަށް ކަމާގުޅޭ އެކަށީގެންވާ މަޢުލޫމާތާއި، ހުނަރުތަކާއި، ސިފަތަކާއި ޤަބޫލުކުރުންތައް ރައްޔިތުންގެ މެދުގައި އަށަގެންނެވުމަށް ކުރަންޖެހޭ މަސައްކަތްތައް ގިނަކަން އިލެކްޝަންސް ކޮމިޝަނުންވަނީ ފާހަގަކުރައްވާފައެވެ.

އަދި ކުރިއަށް އޮތް ޖީލުތަކާ ހަމައަށް ޑިމޮކްރަސީއާއި ތަރައްޤީއާއި ހަމަޖެހުން ވާރުތަކޮށްދިނުމަށްޓަކައި މިމަސައްކަތް އިތުރަށް ހަރުދަނާވެ ފުޅާކޮށް، ކުރެވޭ މަސައްކަތް ކާމިޔާބުކުރުމަށް ލިބިފައިމިވާ ޑިމޮކްރެސީގެ ފޮނިމީރުކަން ބޭނުންކުރާއިރު، ޙައްޤުތަކާ އެކުއެކީގައި ޛިންމާތަކެއްވެސް ވާކަން ޤަބޫލުކުރަންޖެހޭކަމަށާއި ތިމާއަށް ލިބޭ ޙައްޤެއް ބޭނުންކުރުމުގައި އަނެކާއަށް ކުރާނޭ އަސަރު ދެނެގަންނަންޖެހޭކަމަށްވެސް އީސީންވަނީ ވިދާޅުވިއެވެ.

މުޖްތަމަޢަކީ އެއްބަޔެއްގެ ގޮތުގައި ތަރުބިއްޔަތުވެ، އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމް ކުރުމުގެ ރަނގަޅު ސިފަ މުޖްތަމަޢުގައި އަށަގެންނެވުމަކީ އެންމެންގެ ޛިންމާއެއްކަމުގައި ދެކި އެގޮތުގައި މަސައްކަތްކުރުމަށް އެކޮމިޝަނުންވަނީ އިލްތިމާސްކުރައްވާފައެވެ.

ޒަމާނީ ޑިމޮކްރަސީއަކީ ރައްޔިތުންގެ ބާރުކަމަށްވާއިރު، ސަރުކާރު ހިންގުމުގެ ބާރާއި ޤާނޫނު ހެދުމުގެ ބާރުގައި ތިބޭ ފަރާތްތަކަކީ ރައްޔިތުންގެ ތާއީދާއެކު އިންތިޚާބުވެގެން އަންނަބަޔަކަށްވުމުން ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވައި، މިނިވަންކަމާއެކު، އިންސާފުވެރި ގޮތެއްގައި އެމަޤާމުތަކަށް މީހުން އިންތިޚާބުކުރުމުގެ ބުރަ ޒިންމާއަކީ އިލެކްޝަންސް ކޮމިޝަނުން އުފުލަމުން ގެންދާ ޛިންމާއެކެވެ.

ރާއްޖޭގައި، ބާއްވާ އިންތިޚާބުތަކަކީ ނުފޫޒުން އެއްކިބާވެފައިވާ އިންތިޚާބުތަކެއް ކަމުގައިވާންޖެހޭ ކަމަށާއި، އަދި އެއިންތިޚާބުތަކުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ހުރިހާ އެންމެން ބައިވެރިވުމީ ޤައުމުގެ މުސްތަޤްބަލަށާއި ޑިމޮކްރަސީ ވަރުގަދަ ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަމަށް އިލެކްޝަންސް ކޮމިޝަނުގެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

މިއާއެކު މިނިވަން އަދުލުވެރި އިންތިޚާބުތައް ޤައުމުގައި ބޭއްވެންޖެހޭކަމަށާއި މިފަދަ އިންތިޚާބުތައް ބޭއްވުމަށް މީޑިޔާއަށާއި އިންތިޚާބު އޮބްޒަރވްކުރާ ފަރާތްތަކަށް އިންތިޚާބު ހިނގަމުންދާ ގޮތް ބެލުމުގެ ފުރުޞަތު އޮންނައިރު ނުފޫޒެއް، ބިރުވެރިކަމެއް ނެތި މިނިވަންކަމާއެކު އަމިއްލަ އިޚްތިޔާރުގައި ވޯޓުލުމަކީ ކޮންމެމީހަކަށްވެސް ލިބިގެންވާ އަސާސީ ޙައްޤެއްކަމަށާއި ތިމާޔަށް އެއްޗެއް ދޭ މީހަކަށް ވޯޓުލާކަށް މަޖުބޫރު ނުކުރެވޭނެކަން އެކޮމިޝަނުން ވަނީ ފާހަގަކުރައްވާފައެވެ.

އަދި މިނިވަންކަމާއެކު އަމިއްލަ އިޚްތިޔާރުގައި ވޯޓުލުމަކީ ކޮންމެމީހަކަށްވެސް ލިބިގެންވާ ހައްޤެއްކަން އިލެކްޝަންސް ކޮމިޝަނުންވަނީ ފާހަގަކުރައްވާފައެވެ

އިލެކްޝަންސް ކޮމިޝަންގެ ބަޔާނުގައި، މިއީ ރާއްޖޭގެ އިޖްތިމާޢީ ޙަޔާތުގައި، ދުވަހަކުވެސް ތަޖްރިބާ ކޮށްފައިނުވާ ފަދަ، ބިރުވެރި ނުރައްކާތެރި ރޯގާއެއް ކުރިމަތިވެފައިވާ ދުވަސްވަރެއްކަމަށްވަނީ ހާމަކުރައްވާފައެވެ.

އަހުމަދު

މިކަމަށް ބޭނުންވޭ ނަޒާހަތްތެރި ރައްޔިތެއް ވެސް. އެކަމަކު ކޮންމެ މުއާޠިނަކީ ވެސް އަމިއްލަ އެދުމަށް މަސައްކަތްކުރާ މުއާޠިނެއް. ދެން ޑީމޮކްރަސީ ނުހިނގާނެ.