ޚަބަރު

ޖަޕާނުގެ ވެރިކަންކުރާ ޕާޓީގެ ލީޑަރުގެ ގޮތުގައި ޔޮޝިހިޑެ ސުގާ ހޮވިވަޑައިގެންފި


ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އިސްތިޢުފާ ދެއްވުމާ ގުޅިގެން ވެރިކަންކުރާ ލިބަރަލް ޑިމޮކްރަޓިކް ޕާޓީ، އެލްޑީޕީގެ ލީޑަރުގެ ގޮތުގައި ބޭފުޅަކު ހޮވުމަށް ބޭއްވި އިންތިޚާބު ކެބިނެޓު ސެކެޓްރީ ޔޮޝިހިޑެ ސުގާ ކާމިޔާބުކުރައްވައިފިއެވެ.

ޞިއްޙީ ޙާލަތު ތަން ނުދޭތީކަމަށް ވިދާޅުވެ ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭވަނީ އޮގަސްޓު މަހުގެ 28ވަނަ ދުވަހު އިސްތިޢުފާ ދެއްވާފައެވެ. ގޮހޮރު ދުޅަވުން ނުވަތަ އަލްސެރޭޓިވް ކޮލައިޓިސް ޖެހި، ގިނަ އަހަރުތަކެއް ވަންދެން ފަރުވާ ހޯއްދަވަމުންދާ އަބޭ ވިދާޅުވީ ބަލި ޙާލަތުހުރި ގޮތުން ރައްޔިތުންގެ ކަންކަމުގައި އެންމެ ރަނގަޅު ނިންމުންތައް ނިންމުމުގެ ޤާބިލުކަން ނެތުމުން މަޤާމުން އިސްތިޢުފާދެއްވުމަށް ނިންމެވީކަމަށެވެ.

ވެރިކަންކުރާ ޕާޓީއަށް އައު ލީޑަރަކު ހޮވުމަށް ސެޕްޓެމްބަރު މަހުގެ 14ވަނަ ދުވަހު ބޭއްވި އިންތިޚާބު އަބޭގެ އަރިސް ބޭފުޅެއްކަމަށްވާ ސުގާ ކާމިޔާބުކުރެއްވީ ބޮޑު އަޣުލަބިއްތަޔަކުންނެވެ. އުމުރުން 71 އަހަރުފުޅުގެ ސުގާއަށްވަނީ 535 ވޯޓުގެ ތެރެއިން 377 ވޯޓު ލިބިވަޑައިގެންފައެވެ. އޭނާއާ ދެކޮޅާށް ވާދަކުރެއްވި ކުރީގެ ދިފާޢީ ވަޒީރު، ޝިގެރު އިޝީބާއަށް ލިބިވަޑައިގަތީ 68 ވޯޓެވެ. އަދި ކުރީގެ ޚާރިޖީ ވަޒީރު ފޫމިއޯ ކިޝިޑާއަށް ލިބިވަޑައިގަތީ 89 ވޯޓެވެ. ޤާނޫނުހަދާ މަޖިލީހުގެ ތިރިގޭގެ އަޣުލަބިއްޔަތު އޮންނަނީ ވެރިކަންކުރާ ޕާޓީގެ އަތުގައިކަމުން އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގައި އާބޭގެ ދަޢުރު ނިމެންދެން ބޮޑުވަޒީރުކަމާ ޙަވާލުވެވަޑައިގަންވާނީ ސުގާކަމަށްވަނީ ގާތްގަނޑަކަށް ޔަޤީންވެފައެވެ.

ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި ބޮޑުވަޒީރުކަމާ ޙަވާލުވެވަޑައިގަތުމާއެކު މީގެ ކުރިން އިޝާރާތްކުރައްވާފައިވާ ގޮތަށް މަޖިލީހުގެ ތިރިގެ އުވާލައްވައި އަވަސް އިންތިޚާބެއް ބޭއްވުމަށް ސުގާ މަސައްކަތްކުރައްވާނެއެވެ. އެގޮތަށް ޢަމަލިކޮށްފިނަމަ 2021ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ދަޢުރު ހަމަވުމުން އެލްޑީޕީގެ ލީޑަރުގެ ގޮތުގައި ފުރިހަމަ ދަޢުރަކަށް އަލުން ހޮވިވަޑައިގަތުމުގެ ފުރުޞަތު އިތުރުވާނެކަމަށް ގިނަ ބަޔަކު ދެކެއެވެ.

ސުގާވަނީ ކުރީގެ ބޮޑުވަޒީރު އާބޭގެ ސިޔާސަތުތައް ކުރިއަށް ގެންދަވާނެކަމަށް ވަޢުދުވެވަޑައިގެންފައެވެ. ސުގާ ދިވާޅުވީ އިސްލާހީ މަސައްކަތްތަކާއި ސިޔާސަތުތައް ފަސޭހަކަމާއެކު ތަންފީޒުކުރެވޭނެފަދަ މާހައުލެއް އޮތްކަމުގެ ޔަޤީންކަން ވޯޓުގެ ނަތީޖާގެ ސަބަބުން ލިބިވަޑައިގެންފައިވާކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ މިވަގުތަށް އެންމެ މުހިންމީ ޤައުމުގައި ކޯވިޑް-19 ފެތުރުން ހުއްޓުވާ، ހީނަރުވެފައިވާ ޤައުމުގެ އިޤްތިޞާދު އަލުން ކޮޅަށް ޖެހުންކަމަށެވެ. އެ ދެ މަސައްކަތަކީ އަވަސް ޢާންމު އިންތިޚާބު ބޭއްވުމަށް ފުރިހަމަކުރަންޖެހޭ މުހިންމު ޝަރުތެއްކަމަށް އޭނާ ވިދާޅުވިއެވެ. ބަލިފެތުރުން ހުއްޓުނަސް މަޖިލީހުގެ ތިރިގެ އުވާލައި އަވަސް އިންތިޚާބެއް ބޭއްވުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ޤަބޫލުނުކުރައްވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.