ޚަބަރު

އެޗްއާރްސީއެމްގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި


ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ.

ފުރުސަތު ހުޅުވާލާފައިވަނީ އެޗްއާރްސީއެމްގެ މެންބަރެއްގެ މަޤާމުގެ މުއްދަތު ހަމަވާތީއެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 21، 22 އަދި 23 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

މިމަހުގެ 6ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުންވަނީ، އެޗްއާރުސީއެމްއިން ހުސްވެފައިވާ 4މެންބަރުންގެ ތެރެއިން 3މެންބަރަކު އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވި ނަންތަކުގެތެރެއިން ކޮމިޓީ އިންޓަވިއުއިން އެންމެ މަތިން މާކްސް ލިބުނު ބޭފުޅުންނަށް ރުހުންދީފައެވެ.

އެޗްއާރުސީއެމްގެ ކުރީގެ މެންބަރުންގެ ތެރެއިން އެ ކޮމިޝަނުގެ ރައީސް ހިމެނޭހެން 3 މެންބަރަކު އިސްތިއުފާ ދެއްވާފައިވަނީ އެ މެންބަރުންނާ ގުޅޭ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހުން ބަލައި ބައެއް މެންބަރުން މަޤާމުން ވަކިކުރަން ނިންމާފައި ވަނިކޮށެވެ.

އެޗްއާރްސީއެމްއަކީ އިންސާނީ ޙައްގުތައް ކަށަވަރުކޮށް ރައްކާތެރިކޮށްދިނުމަށް 2003ވަނަ އަހަރު ސަރުކާރުން އުފެއްދެވި މިނިވަން ކޮމިޝަނެކެވެ.