ޚަބަރު

ރާއްޖެއިން ޢުމުރާއަށް މީހުން ގެންދާ ކުންފުނިތަކަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކޮށްފި

ރާއްޖެއިން ޢުމުރާއަށް މީހުންގެ ގެންދިޔުމަށް ހުއްދަ ދީފައިވާ ކުންފުނިތަކުގެ ހުއްދައިގެ މުއްދަތު އިސްލާމިކް މިނިސްޓްރީން އިތުރުކޮށްދީފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މުއްދަތު އިތުރުކޮށްދީފައިވަނީ "ދިވެހިރާއްޖެއިން ޢުމުރާއަށް މީހުން ގެންދިޔުމާބެހޭ އުޞޫލު"ގެ ދަށުން 2 އަހަރުދުވަހަށް ހުއްދަ ދޫކޮށްފައިވާ ކުންފުނިތަކަކަށް ކަމަށެވެ. އެގޮތުން އެ ކުންފުނިތަކަށް ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން އެއް އަހަރުދުވަހަށް އިތުރުކޮށްދީފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

އެ ކުންފުނިތަކަށް ހުއްދައިގެ މުއްދަތު އިތުރުކޮށްދީފައިވަނީ ކޯވިޑް-19ގެ ސަބަބުން މިއަހަރުގެ މިހާހިސާބަށް އައިރުވެސް އެ ކުންފުނިތަކަށް ޢުމުރާ ދަތުރުތައް ކުރުމުގެ ފުރުޞަތު ލިބިފައިނުވާތީ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އެ މިިނިސްޓްރީން ވަނީ މިދިޔަ އަހަރުގެ ތެރޭ ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ 2 އަހަރުދުވަހަށް ކަނޑައަޅާ އުޞޫލެއް އެކުލަވާލާފައެވެ. މި އުޞުލާއެކު ޖުމުލަ 31 ކުންފުންޏަކަށް ޢުމުރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ވަނީ ދޫކޮށްފައެވެ.

ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޯވިޑް-19ގެ ސަބަބުން އުމުރާގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރުޞަތު ލިބިފައިވަނީ ވަރަށް މަދުބަޔަކަށެވެ. އެހެންނަމަވެސް ސަޢުދީއާރައްބިއްޔާއިން މިހާރުވަނީ އަންނަ އަހަރު އެ ޤައުމުގެ ބޯޑަރުތައް ހުޅުވާލުމަށް ނިންމާފައެވެ. އަދި އެ ޤައުމުން މިހާރު އަންނަނީ މިއަހަރުގެ ޢުމުރާގެ ކަންކަމަށް ތައްޔާރުވަމުންނެވެ.