ޚަބަރު

ކޯވިޑް-19 : ކުރީގެ މެންބަރު އިސްމާޢީލް ޒަކަރިއްޔާ އަވަހާރަވެއްޖެ


ރ. އަތޮޅުގެ ކުރީގެ މެންބަރު އިސްމާޢީލް ޒަކަރިއްޔާ، ކޯވިޑް-19އަށް ޕޮޒިޓިވްވެ ފަރުވާދެމުންދަނިކޮށް އަވަހާރަވެއްޖެއެވެ.

އިސްމާޢީލް ޒަކަރިއްޔާގެ ޢާއިލާއިން މަޢުލޫމާތުދެއްވި ގޮތުގައި އޭނާ އަވަހާރަވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށެވެ.

އުމުރުފުޅުން 79 އަހަރުގައި އިސްމާޢީލް ޒަކަރިއްޔާ އަވާހަރަވެފައިވާއިރު މިއީ ރާއްޖެއިން ކޯވިޑް-19 ބަލީގައި ނިޔާވި 33ވަނަ މީހާއެވެ.

އިސްމާއީލް ޒަކަރިއްޔާވަނީ ސަރުކާރަށް ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައެވެ. އެގޮތުން ސަރުކާރުގެ ޚިދުމަތްތަކުގެ ތެރެއިން އިސްމާއިލް ޒަކަރިއްޔާ އެންމެ ފަހުން މަސައްކަތްކުރެއްވީ ކުޅިވަރާ ބެހޭ މިނިސްޓްރީގައެވެ.

އިސްމާޢީލް ޒަކަރިއްޔާވަނީ ދެފަހަރެއްގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރ. އަތޮޅު މެމްބަރުކަން ވެސް ކުރައްވާފައެވެ.